ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ދެ ވަނަ ފަހަރަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގެ މެންދުރު ކުރީގެ ދަންފަޅީގައި ކޯރަމް ހަމަ ނުވެގެން 11:00ގައި ނުފެށިގެން 11:30 އަށް ބަދަލު ކުރުމަށް ފަހު އެގަޑީގައި ވެސް ކޯރަމް ހަމަ ނުވެގެން 12:00އަށް ފަސްކޮށްފި އެވެ.

އެގާރަގަޑި ތިރީހުގައި ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވިދާޅުވީ އެވަގުތު ޖަލްސާގައި ތިއްބެވީ 15 މެންބަރުން ކަމަށެވެ. އަދި ކޯރަމް ރަނގަބީލު ޖަހައިގެން ވެސް އިތުރު މެންބަރުން ޖަލްސާ އަށް ވަޑައިގެންފައި ނުވާތީ މިއަދުގެ ޖަލްސާ ދެން އިތުރަށްް ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންވާތީ ޖަލްސާ ނިންމަވާލެއްވިކަން އޭނާ އިއުލާން ކުރައްވަން މަސައްކަތް ކުރެއްވި އެވެ.
ނަމަވެސް މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން 12:00ގައި ޖަލްސާ އަލުން ފެށުމަށް މަަސައްކަތް ކުރައްވާނެ ކަމަށާއި އެގަޑީގައި ޖަލްސާ ނުފެށީއްޖެ ނަމަ މިއަދުގެ ޖަލްސާ ނިންމަވާލައްވާނެ ކަމަށް އަލީ މުހައްމަދު އިއުލާން ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި ހުސްވަގުތުކޮޅުގެ ކުރިން ކުރިއަށް ގެންގޮސްފައި ވަނީ އަންނަ 2013 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަލުން އެކުލަވާލެވިފައިވާ ގޮތް މަޖިލީހުން ފާސް ކުރުމަށް ޓަކައި މަޖިލީހަށް ހުށަހެޅުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުން ހިމެނެ އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ބިލަށާއި ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް މިއަދުގެ ޖަލްސާ އަށްް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީސް ނުބޭއްވިގެން އުޅޭ އިރު މެންބަރަކަށް 62،000ރ.ގެ މުސާރަ އާއި ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ލިބިވަޑައިގަންނަވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު