މިޞުރުގައި ބޭއްވި ޤުރުއާން މުބާރާތަކުން ރަން ވަނައެއް ހޯދި 10 އަހަރުގެ ދިވެހި ކުއްޖަކަށް ރައީސް މައުމޫން ހަނދާނީ ފިލައެއް ދެއްވައިފި

މި އަހަރުގެ ރަމަޟާން މަހު މިޞުރުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތަކުން ރަން ވަނައެއް ހޯދި 10 އަހަރުގެ ދިވެހި އަންހެން ކުއްޖަކާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމު ބައްދަލު ކުރައްވައި، ހަނދާނީ ފިލައެއް ދެއްވައިފި އެވެ.


މިޞުރުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތެއްގެ ޢަޖަމީންގެ ބައިން ދެ ވަނަ ހާޞިލްކޮށް ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިން މަދަރުސަތުލް ޢަރަބިއްޔާގެ އުމުރުން 10 އަހަރުގެ ދަރިވަރު މ. ލަކީލާސްޓް، ރިފްދާ މުޙައްމަދު ރަޝީދާ ރައީސް މައުމޫން ބައްދަލުކުރެއްވުން އޮތީ ރޭ މައުމޫން ފައުންޑޭޝަންގަ އެވެ.


 ހަނދާނީ ފިލާ ހަވާލުކުރެއްވުމަށްފަހު ރައީސް މައުމޫން ވަނީ ރިފްދާ މުޙައްމަދު ރަޝީދާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި ރިފްދާގެ ކިޔެވުން އަޑުއައްސަވައިފައި ކަމަށް މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.


މި ބައްދަލުވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ރިފްދާ މި ހޯދި ކާމިޔާބީއަށްޓަކައި ތަހުނިޔާ އާއި މުބާރަކްބާދީ އަދާކުރެއްވި އެވެ. އަދި މި ކާމިޔާބީގެ ސަބަބުން ދިވެހިރާއްޖެއަށް ރީތިނަމެއް ލިބިފައިވާ ކަމަށާއި، ރީތިކޮށް ޤުރުއާން ކިޔެވުމުގެ ފަންނާއި ހުނަރު އަދި ޝައުގުވެރިކަން ރާއްޖޭގައި އަށަގެންފައިވާ މިންވަރު މުޅި ދުނިޔެއަށް ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.


މި ބައްދަލުވުމުގައި ރިފްދާ އާއި އޭނާގެ އާއިލާ ވަނީ މި މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ރައީސް މައުމޫނާ ހިއްޞާކޮށްފަ އެވެ. ޢަޖަމީންގެ ބައިގައި ކީރިތި ޤުރުއާންގެ 6 ފޮތެއް ހިތުދަސްކުރަންޖެހޭ ކަމަށާއި، އުމުރުފުރާ ތަކަކަށް މުބާރާތް ބެހިފައިނުވާތީ އުމުރުން އެންމެ 10 އަހަރުގެ ރިފްދާއާ ވާދަކުރީ މުޅިންހެން ބޮޑެތި މީހުން ކަމަށް ރިފްދާގެ ބައްޕަ  މުޙައްމަދު ރަޝީދު ފާހަގަކުރެއްވި ކަމަށް މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު