ނ. އަތޮޅުގައި ވެރިކަން ކުރާ މަނަދޫގެ އިންޖީނުތަކަށް މައްސަލަ ދިމާވެ، ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑެމުން އަންނަތާ ދެ ދުވަސް ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މިއަދު ވެސް ހެނދުނު 7:30 އިން ފެށިގެން އެ ރަށުން ވަނީ ކަރަންޓް ކެނޑިފަ އެވެ.
ޑީއާރުޕީގެ މެޖޯރިޓީ އޮންނަ މަނަދޫ ކައުންސިލްގައި ހުންނެވި ހަމައެކަނި އެމްޑީޕީގެ މެމްބަރު އަބްދުލްލަތީފް ސަން އަށް މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހެނދުނު އެންމެ ފުރަތަމަ ކަރަންޓް ކެނޑުނީ، މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެ ފިއުލް ޕަންޕު ހަލާކުވެގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދެ ވަނަ ފަހަރަށް ކަރަންޓް ކެނޑުނީ 80،000 ރުފިޔާ ޚަރަދުކޮށްގެން މައްސަލަ ހައްލު ކުރިތާ ގިނައިރުތަކެއް ނުވެ، ހަމަ ކުރީގެ މައްސަލަ، ވޯޓާ ޕަންޕު ހަލާކުވެގެން ކަމަށެވެ. މިހާރު އެ މައްސަލަ ހައްލު ކުރުމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ހުކުރު ދުވަހު އެންމެ ފުރަތަ ހަލާކުވީ ފިއުލް ޕަންޕު. އެ ދުވަހާއި އެ ރެއާ އަޅުގަނޑުމެން ތިބީ ކަނު އަނދިރީގައި. އަށްޑިހަހާސް ރުފިޔާ ޚަރަދުކޮގެން މާލެ އިން ފިއުލް ޕަންޕެއް ގެނެސް އަޅުވައިގެން ކަރަންޓު ދިނީ. މިހާރު ހަލާކުވެގެން މިއުޅެނީ ވޯޓާ ޕަންޕު. އަސްލު އާ ޖަނަރޭޓަރެއް ގެންނަންދާ ޚަރަދު އެބަދޭ މިގޮތަށް ފަހަރަކު އެއްޗެއް ވަކިން ގަނެގެން ގެންނަން ޖެހުނީމާ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުން ކަރަންޓް ކެނޑުމާ ގުޅިގެން ކައިރި ރަށްރަށުން ބޭންކުގެ ޚިދުމަތް ހޯދަން އައިސްތިބި މީހުން ވެސް ބޭންކުގެ ކުރިމަތީގައި ތޮށްޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ އެންމެން ވެސް ބޭންކުގެ ޚިދުމަތް ހޯދަން އަންނަނީ އެ ރަށަށް ކަމަށެވެ.
އެ ރަށުގައި ބޭނުން ކުރަނީ 260 ކިލޯ ވޯޓުގެ އިންޖީނަކާއި 160 ކިލޯ ވޯޓުގެ އިންޖީނެއްގެ އިތުރުން 108 ކިލޯ ވޯޓުގެ އިންޖީނެއް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން 160 ކިލޯ ވޯޓުގެ އިންޖީނު ބޭނުން ނުކުރެވޭތާ ހަ މަސް ވެފައިވާ ވުމުގެ ސަބަބުން މިހާރު އެ ރަށަށް 24 ގަޑި އިރު ކަރަންޓް ފޯރުކޮށްދެނީ ދެ ޖަނަރޭޓަރުން ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
މަނަދޫގެ އިންޖީނުގެއާ މިހާރު ހަވާލުވެފައި ވަނީ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓްގެ ހިދުމަތް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަނުންނެވެ.