ރައްޔިތުންގެ މަޖިލީސް:
ޖީއެމްއާރުގެ ކިބައިން އެއާޕޯޓް މިނިވަން ކުރުމަށް ގޮވާލައިފި

ކުރީގެ ރައީސް ނަޝީރުގެ ސަރުކާރުން، އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދީފައިވާ ގޮތާބެހޭ ގޮތުން ދިވެހި ރައްޔިތުންގެ ބަސް އެނގިފައިވާ ކަމަށާއި އެކަން ރައްޔިތުންގެ އެދުމާ އެއްގޮތަށް މިހާރުން މިހާރަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން އެކަމަށް ގޮވާލާފައި ވަނީ، ރައީސް ނަޝީދުގެ ސަރުކާރުން އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރާ ހަވާލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށްކަމަށް ބުނެ "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" މި ޝިއާރުގެ ދަށުން، ޖީއެމްއާރާ ދެކޮޅަށް ގައުމީ އިއްތިހާދުން ހިންގަމުންގެންދާ ހަރަކާތްތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ޖީއެމްއާރު މައްސަލައިގައި ޖީއެމްއާރާ އެކު އިންޑިއަން ހައިކޮމިޝަނަރު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސްޕޯކްޕާސަން އައްބާސް އާދިލް ރިޒާ ދައްކަވާފައިވާ ވާހަކަފުޅާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައިނުވާ ކަމަށް ބުނެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

މި ކުއްލި މައްސަލައިގެ ބަހުސްގައި، އިންޑިޔާގެ ހައިކޮމިޝަނަރު ޑީއެމް މުލޭއާބެހޭ ގޮތުން އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކަފުޅު ގިނަ މެންބަރުން ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި ބޭރުގެ ކުންފުންޏަކާ އެކު ސަރުކާރުން ހަދާފައިވާ އެގްރީމެންޓްގައި މައްސަލަ އުޅޭ ނަމަ އެގްރީމެންޓްތަކުގައިވާ ފަދައިން އެކަން ހައްލު ކުރުމަށް ދެ ފަރާތުން ވާހަކަ ދެއްކުން މުހިއްމު ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އަދި އެ އެގްރީމެންޓަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފް އެގްރީމެންޓެއް ކަމަށްވާ ނަމަ އެކަން ހައްލު ކުރުމަށް މަސައްކަތްކުރަން ޖެހޭނީ ޝަރުއީ ގޮތުން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދީފައިވާ މައްސަލައަކީ ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސް ވުމެއް ކަމުން އެ އެއްބަސްވުމާ މެދު ގޮތެއްނިންމުން ނުވަތަ އެކަމާ މެދު ގޮތެއްނިން މުމަށް ޝަރުރީ ނިޒާމަށް ހުށަހެޅުމަކީ ސަރުކާރުގެ ކަމެއް ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަތްޕުޅުގައި އޮތް ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ބައެއް މެންބަރުން ވަނީ ޖީއެމްއާރާ ދެކޮޅަށް ގައުމީ އިއްތިހާދުން ހިންގާ ހަރަކާތްތައް ކުށްވެރިކޮށް އެމީހުން އިއްޔެ ހަވީރު ދޯނިތަކުގައި ނިކުމެ ކުރި އިހްތިޖާޖަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، ޖީއެމްއާރާ ދެކޮޅަށް ހިންގި އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ ޓެރަރިސްޓް ބަޔަކު ގޮއްސާ ދިވެހި ރާއްޖޭގައި ހިނގަމުން ދިޔަ ވިޔަފާރި ހުއްޓުވާލައި އެ ވިޔަފާރިއަށް ޣައިރު ގާނޫނީ ގޮތުން އަރައިގަނެ ވިޔަފާރި ހިނގަމުން ދިޔަ މަރުކަޒަކީ ދިވެހި ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓް އަޅުގަނޑު މިއަމަލު ކުށްވެރިކުރަން މިއަމަލަކީ ރާއްޖޭގައި ތަކުރާރުވެގެންވާނެ އަމަލެއްނޫން،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ، ވިޔަފާރީގައި އެގްރިމޭންޓް ކުރާ ދެ ފަރާތުގެ ވާހަކަ ދެއްކުމަށް ފަހު ހައްލު ނުވެގެން ދާންޖެހޭނީ ކޯޓަށްކަމަށާއި އަމަލު ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ، މިހާރު ދިވެހިން މި ތިބެންޖެހެނީ ބޭރު ކުންފުންޏަކަށް ޖިޒީދީގެން ތިބޭ އުސޫލުން ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފް ވިދާޅުވީ، ޖީއެމްއާރާ ނުވަރަ އިންޑިޔާއާ ދެކޮޅުހަދަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ދިވެހިންގެ އެއާޕޯޓް އޮންނަން ޖެހެނީ ދިވެހިންގެ އަތުގައިކަމަށް ވާތީ އެގްރިމެންޓާ މެދު ސަރުކާރުން ވިސްނާ ވަޑައިގެން ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ނިންމަވައި ދެއްވުމަށް ސަރުކާރަށް ގޮވާލާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ޖީއެމްއާރާއެކީގައި ވެވިފައިވާ އެއްބަސްވުން ސަރުކާރުން އެ މީހުންނާއެކީގައި ނެގޯޝިއޭޓް ކޮށްގެން އަޅުގަނދުމެންގެ އަތްދަށަށް އޭގެ ކޮންޓްރޯލް އަންނާނެ ގޮތަކަށް ނެގޯޝިއޭޓްކޮށްދެއްވައި އެ ބަދަލުކޮށް ދިނުމަކީ އަޅުގަނޑުމެން އެދޭއެދުން،" ޝަރީފް ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، އިންޑިޔާ ހައިކޮމިޝަނަރަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަ ފުޅުން އައްބާސް އާދިލް ރިޒާ އަށް ގޯސްހެދިފައިވާ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅުވާނީ އިންޑިޔާ ސަރުކާރުގެ ކިބައިން ނުވަތަ މުލޭގެ ކިބައިން މައާފަށް އެދުން ނުވަތަ އައްބާސް މަގާމުން އިސްތިއުފާދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިއްޔެ ހަވީރު ފެނުނު ކަންތައްތަކަކީ ސީދާ ޓެރަރިސްޓު އަމަލުތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންޑިޔާ ސަރުކާރާއެއްކޮށް ނުވަތަ ޖީއެމްއާރާއެއްކޮށް ކުރީގެ ސަރުކާރުން ކޮށްފަވާ އެގްރީމެންޓް ބާތިލް ކުރުރަންޏާ މި ސަރުކާރުން ބާތިލް ކުރަންވީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ، ޖީއެމްއާރު މައްސަލައަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ހުތޫރަތްރެރި އެއް މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް ނުނިމި އޮވެއްޖެ ކަމަށް ވަންޏާ މިއަށްވުރެ އިތުރު ގޯސްތައް ވެސް ހެދެމުންދާނެ ކަމަށާއި އެހެންކަމުން އެ މައްސަލަ މިހާރުން މިހާރަށް ހައްލުކޮށްދެއްވުމަށް އަހްމަދު ވަނީ ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުވެސް ސަރުކާރަށް ގޮވާލަން ވީހާ ވެސް އަވަހަކަށް މި މައްސަލަ ކޮންމެސް އެއްކޮޅެއްގައި ޖައްސަވައިދެއްވާށޭ. ސިޔާސީ ފަރާތްތަކުން ސިޔާސީ ފައިދާ ނެގޭ ފަދަ ގޮތަކަށް އެ މައްސަލަ ނުބާއްވައި ސަރުކާރުން މި މައްސަލަ ނިންމަވައިދެއްވުމަށް އަޅުގަނޑު ގޮވާލަން،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް ފޮނަދޫ ދާއިރާގެ އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ޖީއެމްއާރު އަތުން ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް އަތުލުމަކީ ދިވެހި ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިއަދުގެ ސަރުކާރަށް އަޅުގަނޑު ދަންނަވާލަން ބޭނުން މިއަދުގެ ސަރުކާރުން މިކަން ވީހާ އަވަހަކަށް ނިންމައިދޭށޭ ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ލިބޭނެ ގޮތެއް ހައްދަވައިދެއްވާށޭ. ރައީސް ވަހީދަށް އަޅުގަނޑު ގޮވާލަން ބޭނުން މިހާރުން މިހާރަށް އަޅުގަނޑު މެންނަށް މި އެގްރީމެންޓް ބާތިލްކުރެވެން އޮތް ގޮތެއް ބައްލަވައި އެކަން ކޮށްދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު