ސްރީ ލަންކާގެ އިދިކޮޅު ލީޑަރު ސަރަތު ފޮންސޭކާގެ މައްޗަށް ކޮރަޕްޝަނުގެ އަމަލު ސާބިތުކޮށް، ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް އަސްކަރީ ކޯޓުން އަމުރުކޮށްފި އެވެ.
މިހާރު ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ފުރުއްވަމުން ގެންދަވާ ފޮންސޭކާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން އަމުރުކޮށްފައި މިވަނީ، އަސްކަރިއްޔާގެ ޖެނެރަލަކަށް އޭނާ ހުންނެވި އިރު، ހަތިޔާރު ހޯދުމުގައި ގަވާއިދާ ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އެވެ. ފޮންސޭކާގެ މައްޗަށް މިފަހަރު ހުކުމް އިއްވެވީ، ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ކަމުގައިވީ ނަމަވެސް، ފޮންސޭކާގެ މައްޗަށް ދައުލަތުން ކުރާ ކޮރަޕްޝަނުގެ އިތުރު ދައުވާތައް ސާބިތުވެއްޖެ ނަމަ، 20 އަހަރު ދުވަހުގެ ޖަލު ބަންދެއް އޭނާގެ މައްޗަށް އަންނާނެ އެވެ.
މިހާރު ވެސް ސިފައިންގެ ހައްޔަރުގައިވާ ފޮންސޭކާގެ މައްޗަށް ތިން އަހަރު ދުވަހަށް ޖަލަށް ލުމުގެ އަމުރު ވެސް ތަންފީޒުވާނީ، ރާޖަޕަކްސަ އެ އަމުރު ތަސްދީގުކުރެއްވުމުންނެވެ. އެހެންނަމަވެސް، ޓައިގަރުންނާ ދެކޮޅަށް ލަންކާ ސިފައިން ހަނގުރާމަކުރި އިރު ލަޝްކަރުގެ އެންމެ އިސް ވެރިޔަކަށް ވެސް ހުންނެވި ހަތަރު ތަރީގެ ޖެނެރަލް ފޮންސޭކާގެ މަގާމާއި ލިބިވަޑައިގެންފައިވާ އެންމެހާ ޝަރަފުތައް ނިގުޅައިގަތުމަށް އަސްކަރީ ކޯޓުން މިދިޔަ މަހު ކުރި އަމުރު ވެސް ރާޖަޕަކްސާ ތަސްދީގުކުރައްވާފައިވާތީ، ފޮންސޭކާ ތޭރިތަކުގެ ބިއްދޮށަށް ލެއްވުމަށް ރާޖަޕަކްސާ ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ މިއަދު ރާޖަޕަކްސާއަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ، ފޮންސޭކާގެ ފަރާތުން ކަމަށްވާތީ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
ފޮންސޭކާއަކީ ކުރިން ރާޖަޕަކްސަގެ އެންމެ ގާތް އެއް ބޭފުޅެއް ކަމަށްވީ ނަމަވެސް، ހަނގުރާމައަށް ފަހު ރާޖަޕަކްސާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އޭނާ ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރާޖަޕަކްސާއާ ވާދަކުރައްވާފަ އެވެ. ނަމަވެސް، ތަފާތު ބޮޑު ގޮތަކަށް ނާކާމިޔަބުވެވަޑައިގެންނެވުމަށް ފަހު، ރިޔާސީ އިންތިހާބާ މެދު ހިތްހަމަޖެހިވަޑައިނުގެން އެ އިންތިހާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުއްވާފައިވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.
ނަމަވެސް ހަމަ އެ ދުވަސްކޮޅު، ރައީސް ރާޖަޕަކްސާ އަވަހާރަކޮށްލެއްވުމަށް، އަސްކަރިއްޔާގައި އުޅުއްވި ދުވަސްވަރުން ފެށިގެން، ފޮންސެކާ ރާއްވަވާފައިވާ ކަމުގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުނެވެ. އަދި އިންގިލާބެއް ގެނެސް، ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.
ފޮންސޭކާގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އައި އިރު، ރާޖަޕަކަސޭ އަށް ތިން ވަނަ ދައުރަކަށް ކުރިމަތި ލެއްވޭ ގޮތަށް ލަންކާގެ ގާނޫނު އަސާސީ ވަނީ ދާދިފަހުން ބަދަލުކޮށްފަ އެވެ.