ހެލްތު ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ

އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް އެ މުވައްޒަފުން މިއަދު ބުނެފި އެވެ.

ހެލެތް ސެކްޓަރުގެ ބައެއް މުވައްޒަފުންނަށް ސެޕްޓެމްބަރު މަހުގެ މުސާރަވެސް ލިބިފައިވަނީ އޮކްޓޯބަރު މަހުގެ 10 އެއް ހިސާބުގަ އެވެ. ސަރުކާރުން މުވައްޒަފުންނާ އެކު ކޮށްފައިވާ ކޮންޓްރެކްޓްގެ ދަށުން ކޮންމެ މަހެއްގެ މުސާރަ ފެށޭމަހުގެ އެކެއްގެ ކުރިން ދޭންޖެހެ އެވެ.

ނަން ހާމަކުރަން ބޭނުންނުވާ ހެލެތް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބިގެން ކޮންމެދުވަހަކުވެސް މިނިސްޓްރީއަށް ގުޅާ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ދަށުން މާލޭގައި މަސައްކަތްކުރާ ބައެއް ހެލްތް ވޯކަރުންނަށްވެސް އަދިވެސް މުސާރަ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޯން ކޯލްތައް ވަރަށް އާދޭ. އެކަމުގައި [މުސާރައިގެ] ކަންތަކުގައި ވާގޮތެއް ނޭންގިގެން އެ މީހުން ޝަކުވާ ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ސިއްހީ މަރުކަޒެއްގައި މަސައްކަތްކުރައްވާ މުވައްޒަފަކު މިއަދު ބުނީ އެ މީހުންނަށް ސެޕްޓެމްބަރު މަހުގެ މުސާރަވެސް ލިބުނީ މިދިޔަ މަހުގެ 10 އެއްގައި ކަމަށާއި މި ހުސްވި މަހުގެ މުސާރަ އަދި ލިބޭނެ ދުވަހެއްވެސް ނޭނގޭ ކަމަށެވެ.

"ސިއްހީ މަރުޒަކުން ބުނަނީ ޖަމާނުކުރަނިއްޔޭ. ފިނޭންސުން ބުނަނީ ޖަމާކޮށްފީމޭ. އެހެން މި ބުނަނީ. އެކަހަލަ ގޮތަކަށް މިދަނީ. ކޮންމެ މަހަކު މިހާލަސްވޭ. މި އަތޮޅުވެސް އެއްވެސް ރަށެއްގައި ހެލްތް ސެންޓަރުތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބޭ،" އޭނާ ބުންޏެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ ހެލްތް ސެކްޓަރުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާތީ އެކަން ބައްލަވަމުން އަންނަ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތައް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުންނާނީ ފައިސާ ޖަމާކޮށްދީފައި. އަޅުގަނޑުމެންނަކަށް ނޭންގޭ ލަސްވާ ސަބަބެއް. އެކަން އަޅުގަނޑުވެސް އެބަ ބަލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު