ގަން އެއާޕޯޓްގެ ހިއްސާ އާންމު ފަރާތަކަށް ވިއްކާލާފައި ޝާހިދަށް މަގާމަކު ނުހުރެވޭނެ: ގާސިމް

އައްޑޫ ސިޓީ، ގަން އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންގްސް އަށް ވިއްކާލާފައި ނަމަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އަށް މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޝާހިދަށް އިންޒާރު ދެއްވައިފި އެވެ.

ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ބަޔަކު ސޮއިކުރުމަށް ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިޔާތުގައި ގާސިމް ވަނީ އައްޑޫ އެއާޕޯޓްސް ހިންގުމަށް ހަނދާފައިވާ ކުންފުނީގައި ބޮޑު ހިއްސާއެއް އޮންނަ، އެސްޓީއޯގެ މެނޭޖަރު ޝާހިދަށް ފާޑު ވިދާޅުވެ އޭނާ އަށް އިންޒާރުތައް ދެއްވައިފަ އެވެ.

"ޝާހިދު އެހެން ބުންޏަސް ޝާހިދަކަށް [އެއްބަސްވުމުގައި ސޮއި] ނުކުރެވޭނެ. ޝާހިދުއަށް އެކަން ކޮށްފައި ނުހުރެވޭނެ އެ މަގާމަކު. ބަލަހައްޓައިގެން ހުރެބަލަ. އަހަރަމެން ދެކޭނަން އެކަން އެދުވަހުން ކުރާގޮތް. އަހަރަމެން މި ބުނީ ނުކުރެވޭނެ އޭ. ކޮށްބަލަ. ކޮށްފައި އޭނަ އުޅެބަލަ މި ރަށުގައި، އެކަން ކޮށްފިއްޔާ ގެންދާނަން ގެންދަންވާ ހުރިހާ ހިސާބަކަށް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަން އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް ވިއްކާލުމަށް ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަން ކޮށްފި ނަމަ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ވެސް އޭނާއާ މެދު އަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެނަށް އިނގޭ ގާނޫނާ ހިލާފަށްކަން. ދިވެހި ރައްޔިތުނަށް އެންމެ ބޮޑު ފައިދާއާ މަންފާ ހުރި ގޮތަކަށް ނޫންކަން އެކަން އެކުރަނީ. ވަރަށް ރަނގަޅަށް އިނގޭ،" ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

ކާސާ އަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޗަންޕާ އަފީފުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ މައްސަލައިގައި ގާސިމް ގެންދަވަނީ އަފީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ގަން އެއާޕޯޓްގެ ހިއްސާ އާންމު މީހަކަށް ވިއްކާލުމަކީ އެގެއިން އަގުނުކުރެވޭހާ ބޮޑު ގެއްލުންތަކެއް ވާނެ ކަމެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ގާސިމް ގެންދަނީ ވަކާލާތު ކުރައްވަމުންނެވެ.

ގަން އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް ހޯލްޑިންގްސް އަށް ވިއްކަން ނިންމާ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެފައި ވަނިކޮށް އެ އެއްބަސްވުމުގައި ސޮއިކުރުން މަޑު ޖައްސާލުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު