މާލޭގެ ބައެއް ބިންތައް ވިއްކަން މާލޭ މުނިސިޕަލްޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ކުރި ދައުވާއަކީ ކުރެވޭނެ ދައުވާއެއް ކަމަށް މަދަނީ ކޯޓުން ހުކުމް ކޮށްފި އެވެ.
މަދަނީ ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދު މި ގޮތަށް ހުކުމް ކުރެއްވީ މީގެ ކުރިން މި މައްސަލައިގެ ޝަރީއަތް ބޭއްވި ދުވަހު ދައުލަތުގެ ފަރާތުން މި މައްސަލާގައި ޕާޓީތަކުން އެ ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތަކީ ކޮބައި ކަން ޝަރީއަތުން ކަނޑައަޅައި ދެއްވުމުށާއި އެއީ ގާނޫނީ ގޮތުން ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެފައި ވާތީ އެކަމަށް ގޮތެއް ނިންމެވުމުގެ ގޮތުންނެވެ.
ހުކުމް އިއްވަވަމުން ނިހާޔަތު ވިދާޅުވީ ދައުލަތުން އެއީ ނުކުރެވޭނެ ދައުވާއެއް ކަމަށް ބުނި ނަމަވެސް އެކަމަކުގެ ގާނޫނީ ސަބަބާއި ނުކުތާތަކެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ގާނޫނީ ބާރުލިބިދޭ ގަވައިދެއްގެ ދަށުން ހިންގާ ގާނޫނީ ޝަހުސަކަށްވާ އިރު މިފަދަ ދައުވާއެއް ދައުލަތުގެ މައްޗަށް ކުރުން މަނާ ކުރާ އެއްވެސް ގާނޫނީ ނައްސެއް ފެންނަން ނެތް ކަމަށެވެ.
މި ހުކުމަށް ފަހު ޝަރީއަތުން މިއަދު ވަނީ ދައުވާ ކުރާ އިދިކޮޅު އިއްތިހާދުގެ ވަކީލަށް އެ ފަރާތުގެ ވަގުތީ އަމުރު ކޯޓަށް ހުށަހަޅެމުގެ ފުރުސަތު ދެއްވާފަ އެވެ. އިދިކޮޅު އިއްތިހާދުގެ ވަގުތީ އަމުރުގައި އެދިފައި ވަނީ ބިން ވިއްކުމާ ބެހޭ ގޮތުން ކޮށްފައިވާ މި ދައުވާ ވަކިގޮތަކަށް ކޯޓުން ނިމެންދެން ބިން ވިއްކުމުގެ މުއާމަލާތް ހުއްޓުވާލައި ދިނުމަށް އަމުރުކޮށް ދިނުމަށެވެ.
ބަންޑާރަނައިބުގެ ވަކީލުން އެ އަމުރަށް އިންކާރުކުރުމުގެ އިތުރުން ބުނެފައި ވަނީ ދައުވާ ކުރެވޭނެ ކަމަށް މިއަދު ހުކުމް ކުރައްވާފައިވާ އިރު ބަންޑާރަނައިބުގެ ގާނޫނީ ސަބަބެއް ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ބަޔާން ކުރި ނަމަވެސް އެފަދަ ސަބަބުތައް ކުރީގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މި މައްސަލައިގައި އިދިކޮޅު އިއްތިހާދުން އެދިފައިވާ ވަގުތީ އަމުރަށް ޖަވާބު ދިނުމަށް ގާޒީ މިހާރު ވަނީ އޭޖީގެ ވަކީލުންނަށް އަންގަވާފައެ އެވެ.
އިދިކޮޅު އިއްތިހާދުން މުނިސިޕަލްޓީގެ މައްޗަށް ދައުވާކޮށްފައި ވަނީ މުނިސިޕަލްޓީން ނީލަމުގައި 11 ބިމެއް ވިއްކަމުން ދާދިއުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި މުނިސިޕަލްޓީން ބިން ވިއްކަން ނިންމި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް އެދި އެވެ.
ސަރުކާރާ ދެކޮޅު، ޑީއާރްޕީއާ، ޕީއޭއާ، ޖުމްހޫރީ ޕާޓީ އަދި ގައުމީ ޕާޓީ ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ދައުވާގައި ބުނަނީ އާ ހާބަރު ސަރަހައްދުން 2000 އަކަފޫޓުގެ ފަސް ބިމާއި 5000 އަކަފޫޓުގެ ތިން ބިމާއި 7500 އަކަފޫޓުގެ ދެ ބިމާއި 10000 އަކަފޫޓުގެ ބިމެއް ވިކުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އިއުލާނުކޮށް އެކަން މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ދައުވާގައި ބުނަނީ ބިމާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައިވާ ގޮތުން ބިމާ ބެހޭ ސިޔާސަތު ކަނޑައަޅާނީ ރައީސް ކަމަށާއި އެކަމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ހޯދަން ވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ ލާޒިމުކުރާ ފަދަ ވަޒީރުންގެ މަޖިލީހެއް ނެތި ބިން ވިއްކުމުގެ ސިޔާސަތެއް ނެރެ މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އާ ހާބާރުން ބިން ވިއްކުމަކީ ވިޔާފާރި ބަންޑާރަ ބިން އަމިއްލަވެގެންދާނެ ކަމަކަށްވާ އިރު އެފަދަ ބިން އަމިއްލަ ކުރުމުގެ ގަވައިދުގެ 10 ވަނަ މާއްދާގައި ބުނާ ކޮމެޓީން އަގެއް ކަނޑައެޅުމަކާ ނުލައި ބިންތައް ވިއްކުމުގެ ކަންތައް ކުރިޔަށް ގެންދާ ކަމަށެވެ.