އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ރާއްޖޭގައި ފުޅާދާއިރާއެއްގައި މަޝްރޫއުތައް ހިންގުމަށް ޓަކައި ކްލައިމެޓް ޗޭންޖް އިންވެސްޓްމަންޓް ފަންޑުން ދިނުމަށް އެދުނު 30 މިލިއަން ޑޮލަރުގެ ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށްޓަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރިވަޑައިގެން އިބްރާހިމް ނާސިރު މާލެ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ އިރުގެ އަލި ބޭނުން ކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއު ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގުމަށް 30 މިލިއަން ޑޮލަރު ދިނުމަށް ރާއްޖެ އިން ހުށަހެޅި ޕްރޮޕޯސަލް ގަބޫލުކޮށް އެ ފައިސާ ދިނުމަށް ކްލައިމެޓް ޗޭންޖް އިންވެސްޓްމަންޓު ފަންޑުގެ ސަބް ކޮމެޓީން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެއީ ދިވެހިރާއްޖެ އަށް 30 މިލިއަން ޑޮލަރު ދިނުމަށް ހުށަހެޅި ޕްރޮޕޯސަލް އެއް. މިއަދު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެ ފަންޑުން އެކަމަށް ކަނޑައެޅި ސަބްކޮމެޓީން ވަނީ އެ އެޕްރޫމް ކޮށްދެއްވާފައި،"
ރައީސް ވިދާޅުވީ އެއީ ރާއްޖެ އިން ލިބިގެންދިޔަ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށާއި އެ ފައިސާގެ އެހީގައި ކަރަންޓްގެ ހަރަދު ކުރުމަށް އިރުގެ އަލިން ކަރަންޓް އުފެއްދުމުގެ މަޝަރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކްލައިމެޓް ޗޭންޖް އިންވެސްޓްމަންޓު ފަންޑުން ލިބުނު 30 މިލިއަން ޑޮލަރަކީ މުޅި ރާއްޖޭގައި އިރުގެ އަލިން ކަރަންޓް އުފެއްދުމުގެ މަޝްރޫއު ހިންގަން އެމެރިކާ އިން ދީފައިވާ 130 މިލިއަން ޑޮލަރުގެ ދަށުން ހިންގާ ޕްރޮގުރާމަށް ލިބުނު އެހީތެރިކަމެއް ކަމަށާއި އިތުރު އެހީތެރިކަން ކުރިއަށް އޮތްތާގައި ވެސް ލިބިގެންދާނެ ކަމަށެވެ.
"އެކި އަމިއްލަ ފަރާތްތަކުންނާއި އެކި އެކި ބޭންކުތަކުން ވެސް މި ފައިސާ ލިބުމަށް ވަނީ ހަމަ ޖެހިފައި. ހާއްސަކޮށް އޭޝިއަން ޑިވޮލްޕްމަންޓް ބޭންކުން އިތުރު ހަ މިލިއަން ޑޮލަރަކާއި ވޯލްޑް ބޭންކުން އިތުރުން ދިހަ މިލިއަން ލިބުމުގެ މަގުމަތީ އަޅުގަނޑުމެން މަސައްކަތް ލިބުމުގެ މަގުމަތީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،"