ރައްޔިތުންގެ މަޖިލީސް:
300މިލިއަން ރުފިޔާގެ ލޯނާ ގުޅޭ ގަރާރު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުން ހުއްދަ ދިނުމުގެ ކުރިން ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރަށް ނެގި 300 މިލިއަން ރުފިޔާގެ ލޯނުގެ މައްސަލަ ބެލުމަށް ހުށަހެޅި ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށް ދިވެހި ބޭންކުން ނެގި ލޯނުގެ މައްސަލައާ ގުޅިގެން ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ހުށަހެޅުއްވި ގަރާރު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން ގަރާރު ބަލައިގަތުމަށް ތާއީދުކުރެއްވީ އެވަގުތު މަޖިލީހުގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 17 މެންބަރުންނެވެ. އަދި ގަރާރު މަޖިލީހަށް ބަލައި ގަންނަން ނުފެންނަ ކަމަށް 27 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް 23 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވަމުން ސަމީރު ވިދާޅުވެފައި ވަނީ ދައުލަތުގެ މާލިއްޔަތަށް އެއްވެސް ލޯނެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް މާލިއްޔަތުގެ ގާނޫނުގައި އޮންނަ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅަން ޖެހުނީ މަޖިލީހަށް ނޭނގި ސަރުކާރުން އެ ލޯނު ނެގުމަށް ފަހު އެ ލޯނު ނުނަގާ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އޮޅުވާލާފައި ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަމީރު އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލި އިރު އެ ކަމުގެ ގާނޫނީ ލަފަޔަށް އެދުމުން އެ ލޯނު ނުނެގޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި ސަރުކާރުން މަޖިލީހަށް އެ ލޯނުގެ ކަންތައް ހުށަހެޅީ ނަގަންއުޅޭ ލޯނެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އޭރު އޮތީ އެ ލޯނު ނަގައި އޭގެ ދެ ބައިކުޅަ އެއްބައި ބޭނުންކޮށްފައި ކަމަށެވެ.

އެ ގަރާރަށް ކުރިއަށް ދިޔަ ބަހުސްގައި މީގެ ކުރިން ގިނަ މެންބަރުން ވަނީ އެކަމަކީ ސަރުކާރުން ކޮށްފައިވާ ކަމެއް ނަމަ އެކަން ބަލަންޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު