ކޮމިޝަނަރު އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރު އުނިކުރުމަށް ފަހު ހުށަހެޅި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި މަސައްކަތް ކުރައްވާފައި ވާނީ ފުލުންގެ މައްޗަށް ހޯމް މިނިސްޓަރަށް އޮންނަ ދައުރު ހަނިކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު" ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ، މިހާރު ގާނޫނުގައި ބުނެފައި އޮންނަ ގޮތުން ވަކިވަކި ފުލުހުންނަށް އަމުރު ކުރުމުގެ ބާރާއި ވަކިވަކި ފުލުހުންނަށް ލިބިދޭ ބާރު އަމިއްލަ ނަފްސަށް އިހްތިޔާރު ކުރުމުގެ ބާރު ވެސް ހޯމަ މިނިސްޓަރަށް ލިބިދޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތާ ބެހޭ ގޮތުން ހޯމް މިނިސްޓާރު، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވާތީ ފުލުހުންގެ މައްޗަށް މިނިސްޓަރުގެ ދައުރެއް އޮންނަން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ނަމަވެސް އެ ދައުރަކީ ރައްޔިތުން އިންތިހާބު ކުރާ ވެރިއަކު ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާ މެނިފެސްޓޯއެއް މެދުވެރިކޮށް ހާސިލް ކުރަން ބޭނުންވާ މަގުސަދުތައް ފުލުހުންގެ މުއައްސަސާއާ ގުޅޭ ނިސްބަތުން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ސްޓްރެޓީޖިކް ޕޮލިސް އެންޑް ރިކުއާމެންޓްގެ ނަމުގައި ތައްޔާރު ކުރެވޭ އަމާޒުތަކެއް ހާސިލް ކުރުމަށް ފުލުހުންނާ މަސްއޫލިއްޔަތު ހަވާލު ކުރުމުގެ މިންވަރޭ. ފުލުހުންގެ މަސައްކަތްތަކުގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ފުލުހުންނަށް އަމުރުތައް ކުރައްވައި ވަކިވަކި ތަހްގީގުތައް ހިންގަންވާ ގޮތް ބަޔާންކޮށްދީ މި ކަންކަމުގެ ތެރެއަށްދެން ވަޒީރު ވެދެވަޑައިނުގަންނަވާށޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ހުށަހަޅުއްވާފައިވާ ބިލުގައި ފުލުހުންގެ މުއައްސަސާ އަށް އިރުޝާދުތައް ދިނުމާ ބެހޭ ގޮތުން މަސްއޫލިއްޔަތުތަކެއް މަޖިލީހުގެ ޓޫފޯވަން ކޮމިޓީން އެކަށަ އަޅައިދިނުމުގެ އިތުރުން، އެކިއެކި ތަހްގީގުތައް ހިންގުމުގައި ފުލުހުންނަށް ދޭންޖެހޭ އިރުޝާދުތަކާއި ފުލުހުންނަށް އަންގަން ޖެހޭ އެންގުންތައް އެންގުމުގެ ބާރު ޕްރޮސިކިއުޓާ ޖެނެރަލަށް ވަނީ ލިބިދީފަ އެވެ.
ނަޝީދު ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް އާއި ޑިޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ކަމުގެ މަގާމަށް، އެފަހަރަކު ހުންނަވާ ރައީސަކު ބޭނުންފުޅު ބޭފުޅަކު އައްޔަން ކުރުމަށް ގާނޫނުން ލިބިފައިވާ މުތުލަގު ބާރު އުނި ކުރެވޭނެ ކަމަށެވެ.
"ކޮމިޝަނަރު އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަކީ ރައީސަކު ބޭނުންފުޅު ބޭފުޅަކު އިހްތިޔާރު ކުރުމަށް ފަހު އައްޔަންކުރާ ގޮތަށް އޮންނަ މަގާމަކަށް ނަހަދައި ހަތަރު އަހަރުގެ ދައުރެއް ކަނޑައަޅައި ވަކި ފުލުހުންގެ މުއައްސަސާގެ ތެރޭން ހަމަޖެހޭ އުސޫލްތަކެއްގެ ތެރޭން ފާހަގަވާ މީހަކު އައްޔަންކުރަން ޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށްދޭ މުތުލަގު ބާރު ބަދަލުކުރުން. ހަމަ އެގޮތަށް ކޮމިޝަނަރަކު އައްޔަންކުރާ އިރުގައި ފުލުހުންގެ އެކްޒެކްޓީވް ސާވިސްގެ ވެސް، ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ވެސް، ޕްރޮފެޝަނަލް ސްޓޭންޑެން އެން ކޮމާންޑްގެ ވެސް ދައުރެއް އޮންނަ ގޮތަށް ހެދުން،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ގާނޫނު އައުމާ އެކުގައި މިހާރު ފުލުހުންގެ މަގާމުތަކުގައި ތިބި އިސްވެރިން އިންތިގާލީ މަރުހަލާއަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި މި ގާނޫނުގައި ފުލުހުންގެ ތެރޭގައި ތިބޭ ޕޮލިސް ރެކްރޫޓުންގެ ދައުރު ތަފާތުކޮށް މަދަނީ މުވައްޒިފުންގެ ދައުރު ތަފާތުކޮށް، ފުލުހުންގެ ދައުރު ތަފާތުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި އާއްމުކޮށް ހުރިހާ ފުލުހުންގައި ހުންނަން ޖެހޭ ޝަރުތުތަކެއް ކަނޑައެޅުމާ އެކު ކޮމިޝަން އޮފިސަރުންގައި ހުންނަން ޖެހޭ ހާއްސަ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު، އަދި އޭގެ މައްޗަށް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުގެ ޝަރުތުތައް އިތުރަށް ވަރުގަދަކޮށް ހާއްސަކުރުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި މިހާތަނަށް ފުލުހުން ބޭނުންކުރާ ހުރިހާ ބާރެއްގެ ބޭނުން ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގައި އޮތް އެންމެ މާއްދާއެއްގެ ދަށުން ހަދާފައިވާ ގިނަ ގަވާއިދު ތަކެއްގެ ދަށުން ކަމަށް ވެފައިވާ އިރު، މި ބިލް މެދުވެރިކޮށް ގެންނަން ބޭނުންވާ އެއް އިސްލާހަކީ، ގަވާއިދެއް މެދުވެރިކޮށް އިތުރު ބާރެއް ފުލުހުންނަށް ލިބޭނެގޮތް ނެހެދުން ކަމަށާއި، ފުލުހަކު ބޭނުންކުރާ ކޮންމެ ބާރަކީ މިގާނޫނުގައި ބަޔާންވެފައިވާ ވަކި މާއްދާއަކަށް ހަވާލާދީ އެ މާއްދާގެ ދަށުން ލިބިގަންނަ ބާރަކަށް ހެދުން ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން މީހުން ހައްޔަރު ކުރުމަކީ ކޮބައި ކަމާއި ބަންދު ކުރުމަކީ ކޮބައި ކަމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ގާނޫނުން، ޕްރޮމޯޝަން ދިނުމުގެ އުސޫލު މުޅިން ބަދަލު ކުރުން ހިމެނޭ ކަމަށެވެ.
"ޕްރޮމޯޝަން ދިނުމަކީ، ކުއްލިއަކަށް ގިނަ އަދަދެއްގެ މީޙުންނަށް ދެވޭ އެއްޗަކަށް ނަހަދައި ވަކި އުސޫލަކުން ޕްރޮމޯޝަން ލިސްޓެއް ގާއިމް ކުރެވި އެ ލިސްޓަށް ނަން އަރަމުންދާ އުސޫލެއްގެ މަތިން އެ ލިސްޓުގައި ނަން އޮތް ބަޔަކަށް ދުރާލާ އެނގިގެން ދެވޭ އެއްޗަކަށް ހެދުން. މިއީ ބަނޑޭރިގަނޑުން ބަނޑޭރިގަނޑަށް މުޅި ފުލުހުންގެ މުއައްސަސާ ބަދަލުކުރުމަށް އަޅުގަނޑު ހުށަހަޅާ މުޅީން އާ ގާނޫނެކޭ. އެކާވީސް ބާބު، 129 ސޮފްހާ، 155 މާއްދާގެ މައްޗަށް އަޅުގަނޑުމެން މި ކުރަހާލަނީ މުސްތަގުބަލްގައި ފުލުހުންގެ މުއައްސަސާ އޮންނާނެ ގޮތޭ." ނަޝީދު ވިދާޅުވި އެވެ.