ފަނޑިޔާރުންގެ އަބުރާއި ކަރާމާތް ގެއްލޭ ފަދަ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމާއި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ސުޕްރީމް ކޯޓުން އިންޒާރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އެއްވެސް ފަނޑިޔާރެއްގެ އަބުރާއި ކަރާމާތާއި އިއްޒަތުއްނަފުސާ މީގެފަހުން އެއްވެސް މީހަކު ބެހި، އެކަން ތަކުރާރުކޮށްގެން ނުވާނެ ކަމަށެވެ.
ނޫސް ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުނަށް އުނިކަން ލިބިދޭ ފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަގީގަތް އޮޅޭ ފަދަ އެއްވެސް ވާހަކައެއް ދެއްކުމަކީ ޤާނޫނީ ގޮތުން އުފެދިފައިވާ ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމަށް ސުޕްރީމް ކޯޓުން ދެކޭ ކަމަށެވެ. ހަގީގަތް އޮޅޭ ފަދަ އެންމެހައި ވާހަކަތައް ވަގުތުން ހުއްޓާލުމަށާއި އަދި އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް ހަނދާން ކޮށްދޭ ކަމަށް ވެސް ބާޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނީ ކޯޓުތަކާއި ކޯޓުތަކުގައި އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ފަނޑިޔާރުންގެ އަބުރަށާއި ކަރާމާތަށާއި އިއްޒަތުއްނަފުސަށް ގެއްލުން ލިބޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ ގާނޫނު އަސާސީ ބުނާ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށެވެ. ކޯޓުތަކާއި ފަނޑިޔާރުންގެ ހައިބަތާއި ގަދަރު ހިމާޔަތްކުރުމަށް ގާނޫނުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމަކީ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮންމެ ފަރާތެއްގެ މައްޗަށް ވެސް ޤާނޫނީ ގޮތުން ލާޒިމްވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއީ ދާއިމީ ސުޕްރީމް ކޯޓެއް އުފެދުނު ފަހުން ސުޕްރީމް ކޯޓުން މިފަދަ ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. މި ބަޔާނުގައި ބުނަނީ ރާއްޖޭގެ ކޯޓުތަކުން ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފު ގާއިމު ކުރުމުގެ މަސްއޫލިއްޔަތާއި ރައްޔިތުން ހަވާލުކޮށްފައިވާ ފަނޑިޔާރުންނަކީ ގާނޫނު އަސާސީގައި ބަޔާންވެފައިވާ އުސޫލުތަކާއި އެއްގޮތަށް އައްޔަންކުރާ ބަޔަކަށް ވާހިނދު ވަކި ފަރާތަކަށް ބުރަވުމެއް ނެތި، އެއްވެސް ފަރާތަކުން ކުރިމަތިކޮށްފާނެ ފިއްތުމަކަށް ނުވަތަ ބިރަކަށްވިޔަސް ބޯލެބުމަކާއި ނުލައި، ޤާނޫނު އަސާސީގައި ސާފުބަހުން ބަޔާންކޮށްފައިވާ ގޮތަށް މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު އަދުލު އިންސާފު ޤާއިމުކުރުމުގެ ވާޖިބު އަދާކުރެވޭނީ ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ ކަރާމާތް ރައްކާތެރިކުރެވިގެން ކަމަށް ސުޕްރީމްކޯޓުން ދެކޭ ކަމަށެވެ.
ފަހަކަށް އައިސް ޝަރުއީ ކޯޓުތަކަށާއި ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުން އަދި މުޅި ޝަރުއީ ނިޒާމަށް އަމާޒުކޮށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.