ދައުލަތުގެ އިދާރާތަކުން ކަރަންޓް ނުކެޑުމަށް ފިނޭންސުން ސްޓެލްކޯއަށް އަންގައިފި

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކަރަންޓް ބިލް ނުދައްކާ ތަންތަނުން ކަރަންޓް ކަޑާނުލާން ފިނޭންސް މިނިސްޓްރީން ސްޓެލްކޯއަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީސީ)ގެ ބިލްތަކަށް ފައިސާ ނުދައްކައިގެން ޓީވީއެމްގެ ކަރަންޓް ކަޑާލަން ދިޔުމުން ސަރުކާރުގެ އިދާރާތަކުން ކަރަންޓް ކަޑާނުލުމަށާއި އެކަން ވާހަކަ ދައްކައިގެން ހައްލުކުރަން ފިނޭންސުން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މެޖޯރިޓީ ޝެއާހޯލްޑާ އެގޮތަށް ސިޓީއަކުން އެންގީމައި އަޅުގަނޑުމެން އެކަމެއް ނުކުރާނެ [ކަރަންޓެއް ނުކުރާނެ]. ފިނޭންސުން އަޅުގަނޑުމެންނަށް އެގޮތަށް އަންގާ ސިޓީއެއް އެބަ އޮތް ފޮނުވާފައި،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓް ކަޑަން ދައުލަތުގެ އިދާރާތަކަށް ދާން ޖެހުނީ މީގެ ކުރިން އެކި ފަހަރުމަތިން ބިލްތަކަށް ފައިސާ ހޯދުމަށް ތަފާތު މަސައްކަތް ކުރުމަށް ފަހު އެކަމަށް އެކަށީގެންވާ އިޖާބައެއް ނުލިބި އަދި ދައްކަން ހުރި ފައިސާގެ އެއްވެސް މިންވަރެއް ނުލިބިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ބޯޑުން އެގޮތަށް ނިންމަން ޖެހުނީ އަޅުގަނޑުމެންގެ ކުންފުންޏަށް އެކަމުން އެތައް ގެއްލުމެއް ވާތީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ހޯދުމަށް އެ ކުންފުނިން ފިނޭންސްގައި ދަންނަވަން ނުޖެހޭ ކަމަށާއި ކަރަންޓް ކަނޑާލަން ނޯޓިސް ފޮނުވި ތަންތަނަކީ ވަރަށް ބޮޑަށް މިނިވަންވެގެން ހިނގަމުން އަންނަ ތަންތަން ކަމަށެވެ.

"އެބޭފުޅުންގެ ކަމެއް ދެއްތޯ ކޭޝްފްލޯ މެނޭޖްކުރުން، މިއީ ހަމަ ވަކިތަންތަން، އެބޭފުޅުންގެވެސް އޭގައި ޒިންމާއެއް އޮންނާނެ، އަޅުގަނޑުމެން މިއީ ވަކި ގާނޫނީ ސަހުސެއް، ކުންފުންޏެއް. އެހެންވީމައި އަޅުގަނޑުމެން ނުޖެހޭނެ ފިނޭންސްގައި އެ ފައިސާ ހޯދަން އަބަދު ދަންނަވާކަށް،" ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް ފިނޭންސުން ސިޓީއަކުން އެންގުމާ އެކު މިހާރު ނިންމާފައިވަނީ މަޝްވަރާކޮށްގެން ޕްލޭންތަކެއް ދީގެން ނަމަވެސް ފައިސާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.

މިރޭގެ ކޮމެޓީގައި ސްޓެލްކޯއިން ބުނެފައިވަނީ އެންމެ ގިނަ ބިލްތަކެއް ނުދައްކާ އޮތީ މާލޭ ހެލެތް ކޯޕަރޭޝަންގެ ދަށުން ހިންގާ އައިޖީއެމްއެޗުން ކަމަށެވެ. އެތަނުން 31 މިލިއަން ރުފިޔާގެ ބިލް ނުދައްކާ ވާކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އެމްބީސީން ނުދައްކާ ވާ ފަސްމަހުގެ ކަރަންޓް ބިލަށް 7 މިލިއަން ރުފިޔާވެސް ވަނީ ނުދައްކަ އެވެ.

އެ ހުރިހާ ތަނަކާއި ބިލްތައް ދައްކާފައި ނުވާ ސިޓީ ކައުންސިލްވެސް ވަނީ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ. އެބޭފުޅުން ވިދާޅުވީ ފައިސާ ނުދެއްކި ވަނީ ފިނޭންސްގެ އިހުމާލެއް އޭގައި އޮވެގެން ކަމަށެވެ. އަދި ބައެއް މެންބަރުން ވަނީ ސްޓެލްކޯއިން "ބަޕްލިކް ސްޓަންޓެއް ކުޅުނު" ކަމަށް ތުހުމަތުކުރައްވާ ވާހަކަ ދައްކަވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު