ރަށްރަށަށް ކަރަންޓް ލިބުން ދަތިވާތީ އެޗްއާރުސީއެމްއިން ފެނަކައާ މަޝްވަރާ ކޮށްފި

ރަށްރަށުން ކަރަންޓް ލިބިދިނުމަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ފެނަކަ ކޯޕަރޭޝަނާ މަޝްވަރާކޮށްފި އެވެ.

އެޗްއާރުސީއެމުން ބުނީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި އެ ބައްދަލުވުމުގައި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ދިމާވެގެން އުޅޭ ކަރަންޓް މައްސަލަތަކާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން އަދި ބުނީ ކަރަންޓް މައްސަލައާ ގުޅިގެން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ ލ. ފޮނަދޫ އާއި ތ. ކިނބިދޫން ކަމަށެވެ. އަދި އެ ދެ ރަށުގެ ކަރަންޓް މައްސަލައާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަނުން އަޅާފައިވާ ފިޔަވަޅުތަކާ އެކަމުގައި ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަދި ފޮނަދޫގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި އެކަންތައްތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ކަރަންޓްގެ ޚިދުމަތަށް ބުރޫއަރަމުން ދަނީ، ދުވަސްވީ އިންޖީނުތައް ބޭނުންކުރަންޖެހުމާއި ރަނގަޅު އިންޖީނު ހޯދުމަށްނަގާ ދުވަސް ދިގުވުމުން ކަމަށާއި އަދި އިންޖީނުގެ ހިންގުމަށް ފައިސާ އާއި ގާބިލު މުވައްޒަފުން ލިބުން ދަތިވުން ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމުން ބުނީ އެކަންކަން ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުން ނަތީޖާ ނެރެމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލާނެ ގޮތަށް ހާމަކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން އީދުބަންދަށް ފަހު އެކޯޕަރޭޝަނުގެ ވެބްސައިޓް އިފްތިތާހުކޮށް މައުލޫމާތު ފޯރުކޮށްދޭން ފެށޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް އިންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ނިމާލެވެ. އަދި އެޗްއާރުސީއެމްގެ ފަރާތުން ބައިވެރިވި ތިން މެމްބަރުންގެ ތެރޭގައި އިސްކޮށް އިންނެވީ މެމްބަރު ޑރ. އަލީ ޝަމީމް ކަމަށް އެކޮމިޝަނުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު