ވިކްޓަރީ 4-3 އިން ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމާއެކު ރަންވަންލޯ މެޑަލް އޭވައިއެލް ހޯދައިފި އެވެ.
ސީޒަނުގައި ދެ ޓީމު ވެސް ކުޅުނު ފަހު މެޗުން ވިކްޓަރީ ބަލިވުމުން އެ ޓީމަށް ގަދަ ޓީމަކާއެކު ސީޒަން ނިންމާލަން ޖެހުނީ މެޑައްޔެއް ވެސް ނުލިބި އެވެ. އަދި މިއީ އޭވައިއެލްގެ ތާރީހުގައި ވެސް ބޮޑު މުބާރާތަކުން މެޑަލް އެއް ލިބުނު ފުރަތަމަ ފަހަރެވެ.
ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ކުރިމަތިލުމުގައި ވިކްޓަރީ ކޮޅަށް ފުރަތަމަ 15 މިނިޓް ތެރޭގައި އޭވައިއެލް އިން ތިން ގޯލު ޖެހި އެވެ. މީގެ ތެރެއިން ދެ ގޯލު ޖެހީ ބޮލާ ހިއުސް އެވެ. އަނެއް ގޯލު ޖެހީ ބްރެޒިލްގެ ކުޅުންތެރިޔާ އެވަޓަން ސަންޓޯސް އެވެ.
އޭގެ ފަހުން މުހައްމަދު އުމޭރު ވަނީ ތިން ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭނާގެ މި ތިން ގޯލާއެކު މި އަހަރުގެ ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހޯދި ކުޅުންތެރިއަކަށްވީ ވެސް އުމޭރެވެ. އޭނާ ވަނީ މުޅި ސީޒަނުގައި 26 ގޯލު ޖަހާފަ އެވެ. ރެފްރީއަށް ފެއާޕްލޭ ރޫހާ ހިލާފަށް މުހާތަބްކުރުމުން ވިކްޓަރީގެ ހަސަން އަދުހަމާއި އިބްރާހީމް ޝިނާޒަށް ރަތްކާޑު ދެއްކި މެޗުގައި އޭވައިއެލް މޮޅުވި ލަނޑު ޖެހީ މެޗު ނިމެން ތިން މިނިޓަށްވީ ފަހުން ބޮލާ ހިއުސް އެވެ.
މިދިޔަ އަހަރު ލީގުގެ ފުލަށް ދިޔަނަމަވެސް މި އަހަރުގެ ދިވެހި ލީގުން ގަދަ ހަޔަކުން ޖާގަ ހޯދައިދިން ކޯޗު އަހުމަދު އާތިފް މެޗަށް ފަހު ބުނީ މި ސީޒަނުގައި ލިބުނީ ރަނގަޅު ކާމިޔާބީއެއް ކަމަށާއި މެނޭޖްމަންޓުން ލައިދިން އެފަޓާއި ކުޅުންތެރިންގެ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.