ކަރަންޓް ބިލްތައް ނުދައްކައިގެން މާލޭ ސިޓީ ކައުންސިލަށާއި އައިޖީއެމްއެޗަށްވެސް ނޯޓިސް ދީފި

ގިނަ މަސްތަކެއް ވަންދެން ކަރަންޓް ބިލް ނުދައްކާތީ މާލޭ ސިޓީ ކައުންސިލަަށާއި، އައިޖީއެމްއެޗުންވެސް ކަރަންޓް ކަނޑާލާނެ ކަމުގެ، އިންޒާރުގެ ނޯޓިސް ސްޓެލްކޯއިން ފޮނުވައިފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އައިޖީއެމްއެޗަށް ނޯޓިސް ފޮނުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި ސިޓީ ކައުންސިލުންވެސް ގިނަ ބިލްތަކެއް ދައްކާފައި ނުވާތީ ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ އިސް ބޭފުޅުންނާއި ގުޅުމުންވެސް އެ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް ނުލިބުނެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ކަރަންޓް ކަނޑާލާނެ ކަމަށް ބުނެ ސްޓެލްކޯއިން ފޮނުވި ނޯޓިސްގައި ބުނެފައިވަނީ މިއަދު މެންދުރު 11:00 ޖަހާއިރު ކަރަންޓް ކަޑާލާނެ ކަމަށެވެ. ނަމަވެސް އަދި ކަރަންޓް ކަޑާލާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ސުޖާ ވިދާޅުވީ ކަރަންޓް ބިލްގެ މައްސަލަތައް ފެންމަތިވާންދިމާވީ ކަރަންޓް ބިލްތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން އެ މިނިސްޓްރީން ބައެއް ބިލްތަކަށްވާ ފައިސާ ސްޓެލްކޯގެ އެކައުންޓަށް ޖަމާކޮށްދީފައި ނުވާތީ ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ މިއަހަރުގެ ބަޖެޓް ދިން އިރު ކަރަންޓް ބިލްތަކަށް ފައިސާ ދައްކަން ބަޖެޓް ކޯޑު ދީފައި ނުވާތީ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ޖެހޭނި އަނެއްކާވެސް އަންނަ ބިލުތަކާއެކު ފިނޭންސަށް ފޮނުވަން. ދެން ފިނޭންސުން އަނެއްކާވެސް ޖަމާ ކުރައްވާނި އެބޭފުޅުންގެ [ސްޓެލްކޯގެ] އެކައުންޓަށް. ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމަކީ ޕޭޕާ ވޯކެއް ކޮއްލަން ޖެހެނީ. އެހާހިސާބުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑުމެން ހުންނާނީ އެ މަސައްކަތް ނިންމާފައި ފޮނުވާފައި،" ސުޖާއު ވިދާޅުވި އެވެ.

ކަރަންޓް ބިލްތައް ނުދެއްކިގެން ސިޓީ ކައުންސިލާއި އައިޖީއެމްއެޗުން ކަރަންޓް ކަޑާލަން ނޯޓިސް ފޮނުވިއިރު އެމްބީސީގެ 7.1 މިލިއަން ރުފިޔާގެ ކަރަންޓް ބިލްތައް ނުދެއްކިގެން ޓީވީ މޯލްޑިވްސްއިން ކަރަންޓް ކަޑާލަން ސްޓެލްކޯގެ މުވައްޒަފުން ވަނީ އެ ސްޓޭޝަނަށް މިއަދު ގޮސްފަ އެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަން އަދިވެސް މަޝްވަރާތައް ކުރިއަށް ދާތީ ކަރަންޓް ކަޑާލާފައެއްނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު