މައުމޫން ގާނޫނާ ހިލާފަށް އެއްވެސް މީހަކަށް ނާޖާއިޒް ފައިދާއެއް ހޯއްދަވައި ދެއްވާފައެއް ނުވާނެ: މައުމޫނުގެ ވަކީލު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓް ބޭނުން ކުރައްވައިގެން ބައެއް ފަރާތްތަކަށް ނާޖާއިޒް ފައިދާ ހޯއްދަވައިދެއްވާފައިވާ ކަމަށް ބުނެ އެކި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް މައުމޫނުގެ ވަކީލް ރައްދު ދެއްވައިފި އެވެ.

މައުމޫނުގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ބޭރުން އެއްވެސް އަމަލެއް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ހިންގާފައިނުވާ ކަމަށެވެ.

"ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ބޭރުން އެއްވެސް އަމަލެއް ކުރައްވައި، އަދި ނާޖާއިޒް މަންފާއެއް ހޯދަދެއްވާފައެއް ނުވާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މައުމޫނުގެ ދިފާއުގައި މައުމޫންގެ ވަކީލު ބަޔާނެއް ނެރުއްވާފައި މި ވަނީ މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ބަޖެޓުން މައުމޫންގެ އާއިލާގެ ބޭފުޅުނަށް، ފައިސާ ހޭދަކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ހަރަދު ކުރައްވާފައިވާ ކަމަށް، ތީމްގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށް ޑީއާރުޕީގެ ޕާލަމެންޓްރީގެ ގުރޫޕްގެ މެންބަރު، ރޮޒައިނާ އާދާމް ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ. ރޮޒައިނާ އޭނާގެ ޓުވިޓާ އެކައުންޓުގަ އާއި ރައްޔިތުން މަޖިލީހުގައި ވެސް ވަނީ މައުމޫނަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.

ނަމަވެސް މައުމޫންގެ ވަކީލު ވިދާޅުވެފައި ވަނީ މައުމޫނުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ގާނޫނާ ހިލާފް ކަންތައްތައް ބެލުމަށް އުފެެއްދި ރިޔާސީ ކޮމިޝަނުނަށް ވެސް އެކަން އެގޮތަށް ކޮށްފައިވާކަން ދެއްކި ފައިނުވާ ކަމަށެވެ.

މައުމޫންގެ ވަކީލު ވިދާޅުވީ ރިޔާސީ ގަނޑުވަރުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް މައުމޫންގެ އާއިލާ އަށް ކުރައްވާފައިވާ ހަރަދުތަކަކީ ރައްޔިތުން މަޖިލީހުން ފާސްކޮށްގެން "ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ހަރަދެއް ކަން" ފެންނަން ހުންނާނެ ކަމަށެވެ.

"ރައީސް މައުމޫނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެވަޑައިގެންނެވި އިރު، އެ ހުރިހާ ހިސާބުތަކާއި އެކި ހިސާބުތަކާ ބެހޭ ހުރިހާ ލިޔެކިއުންތަކެއް ރިޔާސީ ގަނޑުވަރުގެ ފައިލްތަކުގައި ބަރާބަރަށް ރައްކާ ކޮށްފައި ހުންނާނެ،" އެ ބަޔާނުގައިވެ އެވެ. "މިފަދަ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް މިދެންނެވި ރައްޔިތުން މަޖިލީހުގެ މެންބަރު ފަތުރަމުން އެގެންދާ ސަބަބަކީ އޭނާ ނިސްބަތްވާ ޕާޓީ އަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަ ވަމުންދާތީ ކަމީ މެންދުރު އިރުފަދައިން ފެންނަން އޮތް ބޮޑު ހަގީގަތެކެވެ." ރޮޒައިނާ ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި މައުމޫންގެ ވަކީލު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު