ކަރަންޓް ބިލްތައް ނުދައްކައިގެން ޓީވީއެމްއިން ކަރަންޓް ކަނޑާލަނީ!

ގައުމީ ޓީވީ، ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ހިންގާ މޯލްޑިވްސް ބްރޮޑްކާސްޓިސް ކޯޕަރޭޝަން (އެމްބީސީ)ގެ ކަރަންޓް ބިލްތައް ނުދައްކާތާ ގިނަ ދުވަސްތަކެއްވެފައިވާތީ އެ ސްޓޭޝަނުން ކަރަންޓް ކަޑާލުމަށް ސްޓެލްކޯގެ މުވައްޒަފުން އެ ސްޓޭޝަނަށް ގޮސްފި އެވެ.

އެމްބީސީ ގެ މެނޭޖިން ޑިރެކްޓާ މުހަންމަދު ޝަފީގް މަހުމޫދު މިއަދު ވިދާޅުވީ އެ ކުންފުނީގެ ވަރަށް ގިނަ ދުވަހުގެ ކަރަންޓް ބިލްތަކައް ފައިސާ ނުދައްކާ އެބަހުރި ކަމަށާއި އެ އަދަދު 7.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ޓީވީއެމްގެ އިމާރާތުން ކަރަންޓް ކަޑާލަން ސްޓެލްކޯގެ މުވައްޒަފުން އެ ސްޓޭޝަނަށް މިއަދު ހެނދުނު އައިސްފައިވާ ކަމަށާއި ނަމަވެސް އެކަން ހައްލުކުރަން ސްޓެލްކޯއާ ވާހަކަ ދައްކަމުން އަންނަ ކަމަށްވެސް ޝަފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓް ބިލްތަކައް ފައިސާ ދެއްކުމަށް އެ ބިލްތައް ފިނޭންސަށް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ފިނޭންސުން އެ ބިލްތަކަށް ފައިސާ ނުދައްކާ ކަމަށެވެ.

"އެބޭފުޅުން [ފިނޭންސަށް] އަދި ފައިސާ ނުދެއްކިގެން އެ އުޅެނީ. ނަމަވެސް އަޅުގަނޑުމެން މި ދަނީ މިކަން ހައްލުކުރަން، ކަރަންޓްކަޑާ ނުލާ ވޭތޯ ސްޓެލްކޯއާ ވާހަކަ ދައްކަމުން. އެބޭފުޅުން ވިދާޅުވަނީ ޖުމްލަ އަދަދުގެ 50 ޕަސެންޓް ދެއްކުމުންނޭ ހައްލުވާނީ،" ޝަފީގު ވިދާޅުވި އެވެ.

އެ ކުންފުނިން ނުދައްކާވަނީ ފަސް މަސްދުވަހުގެ ކަރަންޓްބިލެވެ.

ސަން އޮންލައިންއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ސްޓެލްކޯގެ މުވައްޒަފުން ކަރަންޓް ކަޑާލަން ޓީވީއެމްއަށް ދިޔުމުން އެތަނުގެ ގޭޓް ބަންދުކޮށް އެ މީހުން އެތެރެއަށްވެސް ނުވެއްދި ކަމަށެވެ. ނަމަވެސް ފަހުން އެތަނުގެ އިސްވެރިން ނުކުމެ އެމީހުން އެތެރެއަށް ވެއްދި ކަމަށްވެސް ބުންޏެވެ.

ސްޓެލްކޯގެ އޮފިޝަލަކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެމްބީސީން އޮޕަރޭޓް ކުރާ، ޓީވީއެމްގެ ކަރަންޓް ބިލް ނުދައްކާތާ އެތައް ދުވަހެއް ވެފައިވާތީ އެ ފައިސާ ހޯދުމަށް މަސައްކަތްކޮށް ފައިސާ ނުލިބުމުން އޮންނަ އުސޫލުގެ މަތިން އެ ސްޓޭޝަނުންވެސް ކަރަންޓް ކަޑާލުމަށް އަންގާފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު