ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޖުމްހޫރީ ޕާޓީ ދޫކޮށް އެހެން ޕާޓީ އަކަށް ސޮއިކުރައްވަން އުޅުއްވާ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރު ފުޅެއްގައި ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު މާލެ ވަޑައިގެން މާލޭ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން "ސަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ގާސިމް ވިދާޅުވީ ޖާބިރު ވެސް އަދި ޕާޓީގެ އިސް އެހެން ބޭފުޅަކު ވެސް އެ ޕާޓީ ދޫކޮށް އެހެން ޕާޓީ އަކާ ގުޅެން އުޅޭކަމެއް އެނގިފައި ނުވާ ކަމަށާއި، އެކަމެއް ނިންމާނީ އެބޭފުޅަކު އަމިއްލަފުޅަށް ކަމަށެވެ. އަދި ވިދާޅުވީ އެކަހަލަ ކަމަކާ މަޝްވަރާ ވެސް މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖާބިރު ފަދަ ވިސްނޭ ބޭފުޅަކު އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއް ކުރައްވަން ގަސްތު ކޮށްފައިވާ ނަމަ ނުވަތަ ކުރައްވާ ނަމަ ކޮންމެވެސް ސަބަބެއް ވެސް އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ ސަބަބެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައެއް ނެތް ޖާބިރު ނޫނީ އެހެން ބޭފުޅަކު ވެސް ޕާޓީ ދޫކޮށް އެހެން ޕާޓީ އަކާ ގުޅެން އުޅޭ ކަމެއް. އެކަން ނިންމާނީ އެބޭފުޅަކު އަމިއްލަ އަށް ދެއްތޯ. އަޅުގަނޑާ އެކަހަލަ ކަމަކާ މަޝްވަރާ ވެސް ކޮށްފައެއް ނެތް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެކަލަ ކަމެއް ކޮށްގެން ނުވާނެ؛" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވި އިރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އަށް ޖާބިރު ސޮއިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ޖާބިރު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.