އޭވައިއެލް އަށް ސީޒަން ނިމި، އީގަލްސް ފައިނަލަށް

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އީގަލްސް އަތުން 2-1 އިން ބަލިވުމުން އޭވައިއެލް އަށް ސީޒަން ނިމި އީގަލްސް ފައިނަލަށް ހޮވިއްޖެ އެވެ.

ސީޒަނުގެ އެންމެ ފަހު މުބާރާތުގެ ފައިނަލަށް ދިއުމަށް އީގަލްސްގެ ދެ ގޯލު ވެސް ޖެހީ މެޗުގެ ފުރަތަމަ 10 މިނިޓްތެރޭގަ އެވެ. ފުރަތަމަ ލަނޑު ހަ ވަނަ މިނިޓްގައި ޖެހީ މުޅިން އަލަށް ޑިފެންޑިން މިޑްފީލްޑަށް ކުޅުނު އަބުދުﷲ ހަނީފް (ބެންޖޯ) އެވެ. އޭގެ ދެ މިނިޓް ފަހުން މުހުތާރު ނަސީރު (ޓޫކިލޯ) ވައްޓާލުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން އައްސަދު އަބުދުލްގަނީ އެވެ.

އޭވައިއެލްގެ ލަނޑަކީ ފުރަތަމަ ހާފުގައި މޫސާ ޔާމީން އަރިމަތިން ކުރިއަށް އަރައި ގޯލަށް ޖެހި ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައި ގޯލް ތެރެއަށް ވަންކަމަށް ރެފްރީ ނިންމުމުން ކާމިޔާބު ކުރެވުނު ގޯލެކެވެ. ނަމަވެސް މެޗުން މޮޅުވާން އޭވައިއެލް އަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.

މިހެންވެ ފުރަތަމަ ކޮޅު ދެ ގޯލު ވަންނަމަވެސް ކޯޗު އަހުމަދު އާތިފްގެ ޝަކުވާއަކީ އެއީ އެވެ.

"އެ ބޯޅަތައް ބޭނުން ކުރެވުނު ނަމަ މޮޅުވެވުނީސް. އެކަމަކު ކުޅުން ރަނގަޅު. ފުރަތަމަ އެ މީހުން ދެ ގޯލު ޖެހީމަ ގޯސްވީ. ވަރަށް ފަސޭހަ ދެ ގޯލު އެއީ،" އޭވައިއެލް އަށް ފުރަތަމަ ފަހަރަށް ގަދަ ހަޔަކުން ޖާގަ ހޯދައިދިން ކޯޗު ބުންޏެވެ.

މުހައްމަދު އާރިފް (ބަކާ) އަށް ފަހު ފަނަރަ މިނިޓަށް އެޅިފައިވަނިކޮށް ރަތް ކާޑު ދެއްކި އިރު ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ފައިނަލަސް ނުކުންނައިރު ބަކީ ނެތުމަކީ ބޮޑު މައްސަލައެއް ކަމަށާއި ނަމަވެސް ހުރިހާ ކުޅުންތެރިން ހިތްވަރުކޮށްފިނަމަ ތަށި ލިބިދާނެ ކަމަށެވެ. ނަމަވެސް މިރޭގެ މެޗުގެ ކުޅުމާމެދު ސާންތީ ހިތްހަމައެއްނުޖެ އެވެ.

"މިރޭ ކުޅުން ރަނގަޅެއްނޫން. އެކަމަކު ވެސް މޮޅުވީމަ ހިތްހަމަޖެހޭ. ބަކާ އަކީ އެންމެ މޮޅުމީހާ. އޭނާ ނެތުމުން ފައިިނަލް މެޗު އިުނދަގޫވާނެ،" ފުރަތަމަ ފަހަރަށް އީގަލްސް އަށް ބޮޑު މުބާރާތެއްގެ ފައިނަލަކުން ޖާގަ ހޯދައިދިން ކޯޗު ބުންޏެވެ.

އީގަލްސްއާ އެކު ފައިނަލް ކުޅޭނީ ސެމީގެ ފަހު މެޗުގައި މިރޭ މާޒިޔާ އާއި ވިކްޓަރީ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު