ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީވުމުގެ ނަމުގައި މާލޭގެ ގޭގެއަށް ގޮސް އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޕާކިސްތާނަށް އެހީވުމުގެ ނަމުގައި ގޭގެއަށް ވަދެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމުގެ މައުލޫމާތުތައް އިއްޔެ ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ކަން ބެލުމުގެ ތެރޭގައި ފައިސާ ނަގަމުން ދިޔަ ގްރޫޕެއް ހިފަހައްޓާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހާއަށް އެގޮތަށް އެކަން ނުކުރުމަށް ނަސޭހަތްދީ ދޫކޮށްލާފައިވާ ކަމަށެވެ.
"ޕާކިސްތާނަށް އެހީވުން މި އޮންނަނީ ވަކީއުސޫލެއްގެ ދަށުން ޖަމިއްޔާ ޖަމާއަތްކުން ގުޅިގެން ވަކި ގޮތަކަށް ވަކި ތަނެއްގައި ފަންޑު ފޮށި ބަހައްޓާއިގެން ކުރާ މަސައްކަތެއްގެ ގޮތުގައި. އެއާ ހިލާފަށް އެކަން ކުރާ ނަމަ އެއީ މައްސަލައެއް. އެކަމަކަށް ސަމާލުވުމަށް އަޅުގަނޑުމެން އެދެން،" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.
ޕާކިސްތާނަށް އެހީވުމުގެ ނަމުގައި ބައެއް ދިވެހިން ގޭގެއަށް ގޮސް ފައިސާ ހޯދަމުންދާއިރު ޕާކިސްތާނުގެ ބައެއް މީހުން ވެސް މާލެތެރޭގަ އާއި ގޭގެ އަށް ވަދެ، މީހުން އަތުން އެގޮތަށް ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތު ބައެއް ފަރާތްތަކުން ވަނީ ސަންއެފްއެމް އޮންލައިނާ ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނީ ޕާކިސްތާނު މީހުން ނުކުމެ އުޅެނީ އިސްލާމިކް އެފެއާޒް މިނިސްޓްރީން އެންޑޯސްކޮށްފައިވާ ސިޓީއެއް ވެސް ހިފައިގެން ކަމަށެވެ.
މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު، އެސިސްޓެންޓް ޑިރެކްޓަރު އަހުމްދުﷲ ޖަމީލު މިއަދު ވިދާޅުވީ ޕާކިސްތާނަށް އެހީވުމަށް ހިންގާ ހަރަކާތްތަކަކީ މިނިސްޓްރީއާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއްވެސް ފަރާތަކަށް މިނިސްޓްރީން ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ.
"ނަމަވެސް އެފަދަ ގޮތަކަށް ފައިސާ ހޯދަން ސީދާ އަޅުގަނޑު އުޅޭ ފްލެޓަށް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި ބަޔަކު ވަދެފައި. އަޅުގަނޑު އެކަން ފުލުހުންނަށް ވެސް ރިޕޯޓްކުރިން. އެކަމަކު އެއީ ޕާކިސްތާނު ބައެއް ނޫން، އަޅުގަނޑާ ދިމާވީ ވެސް ދިވެހިން،" އަހުމަދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގޭގެއަށް ވަދެ އެގޮތަށް ފައިސާ ނަގަނީ މިނިސްޓްރީގެ ހުއްދައަކާއެކުގައި ކަމަށް ބުނާ ނަމަ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
ފުލުހުން ބުނީ މާލެތެރޭގައި އުޅޭ ބައެއް ޕާކިސްތާނު މީހުން އެގޮތަށް ފައިސާ ހޯދަމުންދާ ކަމުގެ މައުލޫމާތެއް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.
ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ނަމުގައި ވަކިވަކި ޕާކިސްތާނު މީހުންތަކެއް ގޭގެއަށާއި ބައެއް ރެސްޓޯރެންޓްތަކަށް ވަންނަމުންދާ ކަމަށް ބުނެ މައުލޫމާތު ދިން ބައެއް މީހުން ބުނީ ބައެއް ގޭގެއިން އެމީހުންނަށް އެހީގެ ގޮތުގައި ކޮންމެވެސް ވަރަކަށް ފައިސާ ދީފައިވާއިރު ބައެއް ރެސްޓޯރެންޓްތަކުން އެމީހުންނަށް ކާންދިން އިރު ބައެއް މީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.