ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 22 މެންބަރުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވި އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމަށް 30 ވޯޓު ބޭނުންވެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ރިޔާޒު ރަޝީދު އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތައް ނުލިބޭނޭ ހާލަތްތައް ބަޔާންކޮށްފަ އެވެ. އެގޮތުން އެފަދަ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަމުން މަހްރޫމްވާ ހާލަތްތަކާއި މާލީ ކުށާއި ގުޅިގެން މަހްރޫމްވާ ހާލަތްތައް ވެސް އެ ބިލުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވުމަށް ފަހު އެ މަގާމުން ވަކިވެ ވަޑައިގެން ހުންނަވާ ބޭފުޅަކު ކުރައްވާ ކުށެއްގެ ސަބަބުން، އެބޭފުޅަކަށް ހަމަޖެހިފައިވާ ރައްކާތެރިކަމާއި އިނާޔަތްތަކަށް ގެންނަން ޖެހޭނެ ބަދަލުތައް ވެސް އެ ބިލުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ ބިލުގައި ރިޔާޒު ރަޝީދު ވިދާޅުވެފައި ވަނީ، އެ ބިލު ހުށަހެޅުއްވީ، "ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ބޭފުޅުންނަކީ އަބަދު ވެސް ގައުމާއި ރައްޔިތުންގެ ލާބާ އާއި މަންފާއަށް ޓަކައި މަސައްކަތް ކުރައްވާ ބަޔަކަށް ވާންޖެހޭތީ އާއި އެބޭފުޅުން މަގާމު އަދާކުރެއްވި ދުވަސްވަރާއި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ކުށުން ބަރީއަވެގެންވާ، އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭތީވެ އެކަން ކަށަވަރު ކުރުމުގެ ގޮތުންނާއި، އެފަދަ ފަރާތްތަކަށް ހިމާޔަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޖިނާއީ ކުށަކަށް އަރައިގަންނަން ނުޖެހޭ ފަދަ ގޮތަކަށް ހަމަޖެއްސެވުމުގެ،" މަގުސަދުގައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.