ގާޒީ ހައްޔަރުކުރުމުގެ އަގު އަޅުގަނޑުމެން އަދާކޮށްފިން: އަލީ ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓިގެން ދިއުމުން، އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދާ މެދު ގާނޫނާ ހިލާފަށް ހިންގި ކަންތައްތަކުގެ އަގު އަދާކުރެވިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އަބުދުﷲ ގާޒީގެ މައްސަލައިގައި އެއަށ ްވުރެ ބޮޑު އަގެއް އަދާކުރެވެން ނޯންނާނެ ކަމަށެވެ.

"ދަންނަވަން މިއުޅޭ ވާޙަކައަކީ އަޅުގަނޑުމެންނަށް މި މަޝްހޫރު އަބުދުﷲ ގާޒީގެ މައްސަލައިގައި، އަބުދުﷲ ގާޒީގެ މައްސަލައިގައި އެ ހިނގައި ދިޔަ ކަމެއް އެހިނގި ކަމުގެ އަގު އަޅުގަނޑުމެން ދައްކައިފިން. އެއީ އަޅުގަނޑުމެންގެ ސަރުކާރު ވެއްޓިގެން ދިޔައީ. އެއަށް ވުރެ ބޮޑު އަގެއް އަޅުގަނޑުމެން ކިހިނެއްތޯ ދައްކާނީ. އެހެންވީމާ ދެން އިތުރަށް އަޅުގަނޑުމެންގެ ޕާޓީ އަށް އަނިޔާދީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް އަނިޔާދޭން ވިސްނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ބޭއިންސާފެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ކުރީގައި ރައީސްކަން ކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ ރައީސް މައުމޫނާއި ރައީސް ނަޝީދު ވެސް ސިޔާސީ ކަންކަމުގެ ބޭރުން ފައިދާ ހުރި އެތައްކަމެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފައުންޑޭޝަން ހައްދަވައިގެން ރައީސް މައުމޫނު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު ރައީސް ނަޝީދު ކުރައްވަނީ ޑިމޮކްރަސީގެ މަސައްކަތްތައް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކުރީގެ ރައީސުން، ދެ ރައީސުން ވެސް ސިޔާސީ ކަންކަމުގެ ބޭރުން ވެސް ފައިދާ ހުރި ކަންކަން ކުރައްވާ. އެގޮތަށް ކުރީގެ ރައީސް މައުމޫނު ވެސް އެބަ ފައުންޑޭޝަން ހަދައިގެން މަސައްކަތްތަކެއް ކުރައްވާ. ދެން އެ ރައީސް ކުރައްވާ ކަންތަކެއްނޫން. އަޅުގަނޑުމެންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ކުރައްވަން ޖެހިވަޑައިގަންނަވާނީ. އެ މަނިކުފާނުގެ އޮފީހަކީ ކޮންކޯޑު އުކުޅަސް ކަންނެލި ދޯނި. އެމަނިކުފާނުގެ އޮފީހަކީ އުސް ފަސްގަނޑު. އެމަނިކުފާނުގެ އޮފީހަކީ ހަރުގަނޑެއް. އެމަނިކުފާނުގެ އޮފީހަކީ މާލޭގެ މަގުމަތި. އެމަނިކުފާނުގެ މަސައްކަތަކީ ޑިމޮކްރަސީ. އެހެންވީމާ ދެ ރައީސުންގެ މަސައްކަތް ތަފާތުވުމަކީ އަޅުގަނޑު ދެކޭގޮތުގައި ގައުމަށް ލިބޭނެ ފައިދާއެއް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީވެސް ކުށްވެރި ނުވާހާ ހިނދަކު، އެމަނިކުފާނަކީ ކުށްވެރިއެއްގޮތަށް އަޅުގަނޑުމެން ލޭބަލްކޮށްގެން ވާހަކަ ދެއްކުމުގެ މާބޮޑު މާނައެއްނެތް،" އަލީ ވަހީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު