ސްކޫލް ދަރިވަރަކު ސަސްޕެންޑް ކުރުމުން ގަވާއިދާ ހިލާފުކަމެއް ކަމަށް ކޯޓުން ހުކުމްކޮށްފި

ވަކިމުއްދަތެއް ނެތް ގޮތަށް ގެމަނަފުށީ ސްކޫލުގެ ދަރިވަރަކު ސަސްޕެންޑް ކުރުމުން އެއީ ގަވާއިދާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ކޯޓުން އިއްޔެ އެ ގޮތަށް ހުކުމް ކުރީ ގެމަނަފުށީ ސްކޫލްގެ ގްރޭޑް 8 ގައި ތައުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރަކު ސަސްޕެންޑް ކުރުމުން އޭނާއަށް ކިޔަވައިދިނުމުގެ ހައްގު ހޯދުމަށް އޭނާގެ ބެލެނިވެރިޔާ ދައުވާ ކުރި މައްސަލަ ބެލުމަށް ފަހު އެވެ.

ގެމަނަފުށީ ކޯޓުގެ ހުކުމްގައި ބުނަނީ ދައުވާގެ އަސްލަަށް އެރަށު ސްކޫލުން އިންކާރުކޮށްފައި ނުވާއިރު ވަކި މުއްދަތެއް ނެތްގޮތަށް އެކުއްޖާ ސަސްޕެންޑް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ގަވާއިދެއްގައި ފުރިހަމަ ކުރުމަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަަމަ ކުރުމަށް ފަހުގައި ނޫންކަމަށެވެ. އަދި ސްކޫލް ބޯޑުން ވެސް އެ ކުއްޖާއަށް ކިޔެވުމުގެ ފުރުސަތު ދީފައިވާކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އުނގެނުމުގެ ހައްގަކީ ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެންކަން ގާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަމަށާއި އަދި ހަމަ އެ މާއްދާގެ (ށ) ގައި ފަށާ ތައުލީމާއި މެދު މަދަރުސީ ތައުލީމު ކުދިންނަށް ދިނުމަކީ މައިންބަފައިންނާއިި ދައުލަތުގެ މައްޗަށް ލާޒިމް ކަމެއްކަމަށް ބުނެފައިވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެކުއްޖާގެ ބެލެނިވެރިޔާ އެރަށު ހަނީމޫން އިބްރާހިމް މަނިކު ބުނީ އޭނާގެ ދަރިފުޅު ސަސްޕެންޑުކުރި ކުރުމަކީ އެ ސްކޫލްގެ ލީޑިން ޓީޗަރު އިސްމާއިލް ސައުދުﷲ ގަވާއިދާ ހިލާފަށްކޮށްފައިވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ދަރިފުޅު ސްކޫލަށް ދާނަމަ ތިމަންނާ ސްކޫލަށް ނުދާނެކަމަށް ބުނެ ސައުދުﷲ ރުޅިވެރިކަމުގެ ސިޓީތަކެއް ސްކޫލް ޕްރިންސިޕަލަށް ވެސް ފޮނުވާފައިވާކަމަށެވެ.

"އަޅުގަނޑުގެ ފިރިހެން ދަރިފުޅު ސްކޫލަށް ދާނަމަ ތިމަންނާ ސުކޫލަށް ނާންނާނެ ކަމަށް ބުނެ ލީޑިން ޓީޗަރު އިސްމާއިލް ސައުދުﷲ ސްކޫލްގެ ޕްރިންސިޕަލަށް ފޮނުވާފައިވާ ސިޓީތަކެއް ވެސް ޝަރީއަތުގެ މަޖިލީހުން އަޅުގަނޑަށް ވަނީ ލިބިފައި. މާރަނގަޅަށް ވެސް އެނގޭ އެއީ ސައުދުﷲ ކުރި ކަމެއްކަން. ސްކޫލް ބޯޑުގެ ބައްދަލުވުމުގައި ވެސް އޭނާ ބުނެފައި ވޭ މުޅި އުމުރުގައިވެސް އަޅުގަނޑުގެ ދަރިފުޅާއި ވާހަކަދައްކައިގެން ކަމެއް ހައްލުކުރާކަށް ތިމަންނަ ބޭނުން ނުވާކަމަށް،" އެ ކުއްޖާގެ ބެލެނިވެރިޔާ އިބްރާހިމް މަނިކު ބުންޏެވެ.

ގެމަަނަފުށީ ސްކޫލްގެ ޕްރިންސިޕަލް އަސްލަމް ހުސެއިން ވިދާޅުވީ އެ ކުއްޖާ ސަސްޕެންޑް ކުރަން ޖެހުނީ ޓީޗަރެއްގެ ފަރާތުން ދިމާވި ކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ސަސްޕެންޑް ކުރި އެ ކުއްޖާގެ ފަރާތުން އަޚުލާގީ މައްސަލަތަކެއް މިދިޔަ އަހަރު ފެނިފައިވާ ކަމަށާއި ނަމަވެސް ކޯޓުންގެ ހުކުމަށް ތަބާވެ އެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ޓީޗަރެއްގެ ފަރާތުން ދިމާވާ ކަމެއްކަމަށް. 2011 ވަނަ އަހަރުން ފެށިގެން އެކުއްޖާގެ އަޚުލާގީ މައްސަލަތަކެއް ދިމާވަމުން އަންނަނީ. އެކަމަކު ކޯޓުގެ ނިންމުމެއް އޮންނަ ކަމަށްވަންޏާ އަޅުގަނޑުމެން އިހުތިރާމް ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު