ބ. ތުޅާދޫގައި ކަރަންޓް ބިލް ނުދައްކާ ގެތަކުން ކަރަންޓް ކަނޑާލުމުން ރައްޔިތުން ނުކުމެ އެ ގެތަކަށް ކަރަންޓްދީފި އެވެ.
ތުޅާދޫގައި ޔުޓިލިޓީޒުން ހިންގާ އިންޖީނުގެއާ ހަވާލުވެ ހުންނެވި މުހައްމަދު އިސްމާއިލް ވިދާޅުވީ ގާތްގަނޑަކަށް 400 ވަރަކަށް ގެއަށް ކަރަންޓް ދެމުން އަންނަ އިރު 23 ގެއަކުން ކަރަންޓް ބިލް ނުދައްކާތާ އަށް މަސް ވެފައިވާ ކަމަށެވެ. އަދި އެގެތަކުން މިއަދު ކަރަންޓް ކަނޑާލަން ޔުޓިލިޓީޒުން އެންގުމުން ކަރަންޓް ކަނޑާލުމުން، އެ ރަށުގެ ބަޔަކު ނުކުމެ މިހާރު ގެތަކަށް ކަރަންޓް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން މިހާރު ޔުޓިލިޓީޒްގެ ބޭފުޅުންނަށް އަންގާފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުގެ ބައެއް ރައްޔިތުން ކަރަންޓް ބިލް ނުދައްކަނީ ތުޅާދޫ އިންޖީނުގެ ޔުޓިލިޓީޒާ ހަވާލުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ.
ތުޅާދޫ އިންޖީނުގެ ޔުޓިލިޓީޒްއާ ހަވާލު ކުރި މައްސަލަ އާންމު ފަރާތަކުން ވަނީ އެ ރަށު ކޯޓަށް މި އަހަރުގެ މާޗް މަހުތެރޭ ވައްދައިފަ އެވެ. ނަމަވެސް އެ ރަށު ކޯޓުގެ ގާޒީއެއް ނެތުމުން މައްސަލަ އަދި އޮތީ ހުއްޓިފަ އެވެ.