ވެލާނާގޭގައި ހެދި ނާސިރު ކަލެކްޝަން "ހުސް ގުދަނެ"އް

ހ. ވެލާނާގޭގެ 14 ބުރީގެ އުސް އިމާރާތް ހުޅުވިތާ ހަފުތާއެއް ފަހުން ވެލާނާގެއަށް ދިޔައިމެވެ؛ އެ އިމާރާތުގައި ހުންނާނެ ކަމަށް ސަރުކާރުން ބުނެފައިވާ "ނާސިރު ކަލެކްޝަން"ގެ ގޮތުގައި ހާއްސަކޮށްފައިވާ ބަޔަށް ވަދެލާށެވެ. އުސް އެ އިމާރާތަށް ވަންއިރު އެންމެ ތިރީގައި އޮފީސްތަކާ ބެހޭ މައުލޫމާތު ލިޔެފައިވާ ބޯޑުގައި "ނާސިރު ކަލެކްޝަން" ހުންނާނެ ކަމަށް ލިޔެފައި އޮނަނީ 12 ވަނަ ބުރި އެވެ. ލިފްޓްގައި 12 ވަނަ ބުރިއަށް އަރައި ހޯދައިލުމުން ފެނުނީ ސިވިލްސާވިސް ކޮމިޝަންގެ އޮފީސް ބައިތަކެވެ. ދެން ހުރީ ތަޅުލާފައި ހުރި ހުސް ގުދަނެކެވެ. އެތެރޭގައި އެކައްޗެއް ވެސް ނެތް ތަނެވެ. އެ ބުރީން ފެނުނު ހައެއްކަ މީހުން ގާތު، 12 ވަނަ ބުރީގައި ހުންނަ "ނާސިރު ކަލެކްޝަން" ކޮބައިތޯ ސުވާލު ކުރުމުން އެންމެވެސް އިނގިލި ދިއްކުރަނީ އެ ގުދަނާ ދިމާއަށެވެ. "އެއީކަން ނޭނގެ އެބުނާ ތަނަކީ؟" ހައިރާންވެފައި އެމީހުން ވެސް ކުރަނީ ސުވާލެކެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވެލާނާގޭ 12 ވަނަ ބުރިއަށް އެރީމާ ދިމާވި ގާތްގަނޑަކަށް އެންމެނަކީ "ނާސިރު ކަލެކްޝަން" ބަލައިލުމުގެ ޝައުގުގައި މައްޗަށް އަރައި "ހުސް ގުދަނެއްދޯއޭ" ބުނެ އަނބުރައިލަން ޖެހުނު މީހުނެވެ.


"އައްޑަނައަކާ އެއްޗެހި ރައީސް ހަދިޔާ ކުރެއްވީމަ، ވަރަށް ބަލައިލާ ހިތުން މިތަނަށް އައީ، އެކަމަކު މިވީ ހުސް ދަތުރަކަށް،" އޭގެ ތެރެއިން މީހަކު ބުނެލި އެވެ. ހަގީގަތުގައި ވެސް 1968 ވަނަ އަހަރު ނާސިރު ރާއްޖޭގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމުން އެމެރިކާގެ ރައީސް ލިންޑަން ޖޯންސަން ނާސިރަށް ފޮނުއްވެވި ހަނދާނީ ފިލާ، ނާސިރުގެ ދަރިކަލުން އިސްމާއިލް ނާސިރު، މީގެ 15 އަހަރު ކުރިން ރައީސް ނަޝީދަށް ދެއްވުމުން ރައީސް ނަޝީދު އެ ފިލާ، ނާސިރުގެ ހަނދާނީ ކޮޓަރިކޮޅަށް ހަދިޔާ ކުރެއްވުމާ ހަމައިން "ނާސިރު ކަލެކްޝަން" ބަލައިލުމުގެ ޝައުގުވެރި ކަމުގައި ތިބި މީހުން އެބަތިއްބެވެ. އަދި ވެލާނާގެއިން ރައީސް ނަޝީދު "ވަގަށްނެގި" ކަމަށް ބުނާ އެއްޗެހި "ނާސިރު ކަލެކްޝަނަ"ށް ދެވޭ ގޮތް ވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ވެސް ކޮންމެވެސް ބަޔަކު ތިބީ ކަލެކްޝަނަށް ވެދެލުމަށް އެދިގެނެވެ.


މަރުހޫމް އިބްރާހިމް ނާސިރުގެ އުމުރުފުޅުން މިއަދަށް 84 އަހަރާއި އެއް ހަފުތާއާ ދެ ދުވަސް ފުރޭނެ އެވެ. އެމަނިކުފާނު އަހަވާރިވިތާ މިއަދަށް އެއް އަހަރާއި ނުވަ މަހާ ދެ ހަފުތާއާ ހަ ދުވަސް ހަމަ ވާނެ އެވެ. ރައީސް ނާސިރާ ބެހޭ އެންމެހާ ލިޔެކިޔުންތައް އާންމުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިތާ މިއަދަށް ނުވަ މަހާއި ތިން ހަފުތާ އާއި އެއްދުވަސް ވީ އެވެ. "ނާސިރު ކަލެކްޝަން"ގެ ނަމުގައި ހެދޭ އަރުޝީފެއް ވެލާނާގޭ އާ އިމާރާތުގައި ގާއިމުކުރާނެ ކަމަށް ރައީސް އޮފީހުން އިއުލާނުކުރިތާ މިއަދަށް އަށް މަހާއި އެއް ހަފުތާއާ އެއްދުވަސް ފުރޭނެ އެވެ. ހަމައެހެންމެ ވެލާނާގޭ 14 ބުރީގެ އިމާރާތް ހުޅުވިތާ 47 ދުވަސްވީ މިއަދަށެވެ.  އެހެންނަމަވެސް ވެލާނާގޭ ތިރީގައި ބަހައްޓާފައިވާ ބޯޑުގައި "ނާސިރު ކަލެކްޝަން" ޖަހާފައި އޮތުން ފިޔަވައި އެފަދަ ކަލެކްޝަނެއް ނުވަތަ އާކައިވްއެއް އަދިއެއް ވުޖޫދަކު ނެތެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ "ނާސިރު ކަލެކްޝަން" ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންނަމަވެސް އެއީ ގާއިމު ކުރެވޭނެ ކަލެކްޝަނެއް ކަމަށެވެ.


"އެ މަސައްކަތް ކުރަމުން މިދަނީ ރައީސް އޮފީހުގަ އާއި މުލީއާގޭގައި. އެކަން ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ދިރާސާތަކުގެ އިތުރުން ވެސް،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. "އޭގެ ތެރޭގައި ދުވަސްވީ އެފަދަ ލިޔުންތައް ފިއުމިގޭޓްކުރުން (ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހެދުން) ފަދަ ބައިވަރު ކަންތައްތައް ކުރަން ޖެހޭ. އެ މަސަކަތްތައް ނުނިމޭތީ ކަލެކްޝަން ނުހެދިގެން އުޅެނީ،"


ޒުހައިރު ވިދާޅުވީ ނާސިރު ވަޒީރުލް އައުޒަމު ކަމުން ފެށިގެން އެމަނިކުފާނުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ އަހަރުތައް ނިމެންދެން ކުރައްވާފައިވާ ހުރިހާ ކަމަކާއި ހިނގާފައިވާ ހުރިހާ ހާދިސާތަކާއި ކަންކަން ހިމެނޭ "ނާސިރު ކަލެކްޝަނެ"އް ހެދުމަކީ ވަރަށް ބުރަ ބޮޑު މަސައްކަތެއް ކަމަށެވެ. "ނާސިރާ ބެހޭ ގޮތުން ފެންނާން ހުރި ހުރިހާ ކަމަކާ ލިޔުމެއް އެފަދަ ތަނަކުން ފެންނަންޖެހޭ،"


ހަގީގަތުގައި ވެސް އެއީ ލުއި މަސައްކަތަކަށް ނުވާނެ އެވެ. އެއީ އެތަކެއް ވާހަކަ އެވެ. އެތަކެއް ދިރާސާ އެވެ. ނާސިރުގެ  ބޮޑުވަޒީރު ކަމުގެ 11 އަހަރާއި ރައީސް ކަމުގެ 10 އަހަރުގެ ހުރިހާ "މަންޒަރެއް" ބޮޑު އެއްމަންޒަރަކުން ގެނެސް ދިނުމަކީ ފިސާރި މަސައްކަތެވެ. ނަމަވެސް މައްސަލައަކީ ސަރުކާރުން ބުނާ "ނާސިރު ކަލެކްޝަން"އާ ބެހޭ ގޮތުން ރައީސް ނަޝީދު މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހުގެ ރޭޑިޔޯ ތަގުރީރުގައި ވާހަކަފުޅު ދައްކަވައި "ވީހާވެސް އަވަހަކަށް" އާންމު ކުރައްވާނެ ކަމަށް ވިދާޅުވެ އަދި ފަހުން ތާރީހުތަކެއް ރައީސް އޮފީހުން ދެއްވާފައި މިހާތަނަށް ވެސް ވެލާނާގޭގައި "ނާސިރު ކަލެކްޝަނެ"އް ނެތުމެވެ.  ހުންނާނެ ކަމަށް ތިރީގައި ބޯޑު ބަހައްޓާފައި ހުރުމުން ސަތޭކަ ސާޅީސް އަށްފޫޓު މައްޗަށް އަރާފައި އެއީ "ހުސް ގުދަނެ"ކޭ ބުނަން ޖެހޭތީ ފާޑެއްގެ އުނދަގުލެއްވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް