އުނގޫފާރު ދާއިރާގެ އެމްޑީޕީ ޓިކެޓް ޑރ. އަޝްރަފަށް ދީފި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑި އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އަނެއްކާ ވެސް ޑރ. އަހުމަދު އަޝްރަފް އަލީ އަށް އެ ޕާޓީން ދީފި އެވެ.

ދެހާސް ނުވަ ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވެސް އެމްޑީޕީގެ ޓިކެޓްގައި ޑރ. އަފްރާޝިމާއި ވާދަކުރައްވާފައި ވަނީ ވެސް އަޝްފަރަފެވެ.

އެމްޑީޕީން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި އަށް ކުރިމަތިލުމަށް އެ ޕާޓީން ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތި ލައްވާފައި ވަނީ ހަމައެކަނި ޑރ. އަޝްރަފް ކަމަށެވެ.

ކުރިން ހުޅުމާލޭ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޑރ. އަޝްރަފް މިހާރު މަސައްކަތް ކުރައްވަނީ އައިޖީއެމްއެޗްގަ އެވެ.

އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އުނގޫފާރު ދާއިރާގެ ގޮނޑި އަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ޕީޕީއެމް އިން ވަނީ އުގޫފާރު ދާއިރާއަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ. އެ ޕާޓީގެ ޓިކެޓް އަފްރާޝީމްގެ އާއިލާގެ ބޭފުޅަކަށް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް މީގެ ކުރިން އެ ޕާޓީން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު