ގއ. ނިލަންދޫގައި ސައިކަލެއްގައި ދުއްވައި، ކަތިވަޅި ހޫރައި އިންޒާރުދިން ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް، ހާދިސާ ހިނގި ކަމަށް ދައުވާ ފޯމުގައި ބަޔާންކުރި ގޭގެ ނަން ނުބައިވުމުގެ ސަބަބުން ސާބިތު ނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މެއި 2025 ގެ ރެއެއްގެ ވަގުތެއްގައި، ނިލަންދޫ މަގުމަތީގައި ސައިކަލެއްގައި ދުއްވަމުން އަޑުގަދަކޮށް، އިންޒާރުދީ، އަދި ސައިކަލު ފަހަތުގައި އިން މީހާ ކަތިވަޅިއެއް ހޫރައި ބިރުދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާތަކެކެވެ. އެގޮތުން ސައިކަލުގެ ފަހަތުގައި އިން މީހާގެ މައްޗަށް މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ބިރު އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އުފުލިއިރު، ސައިކަލު ދުއްވަން އިން މީހާގެ މައްޗަށް އުފުލީ ބިރު އުފެދޭ ގޮތަށް އުޅުމުގެ ދައުވާއެވެ.
ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބެލި މި ތިން މައްސަލައިގައި ވެސް ދައުވާ ލިބުނު ފަރާތްތަކުން ދައުވާއަށް އިންކާރުކޮށް ފާހަގަކުރީ، ހާދިސާ ހިނގި ކަމަށް ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ "މޯނިން ހައުސް" ކިޔާ ގެއެއް އެ ރަށުގައި ނުހުންނަ ކަމަށެވެ.
މިކަމާ ގުޅިގެން ދައުލަތުން ޝަރީއަތުގައި ބުނީ، ދައުވާ ފޯމުގައި "މޯނިން ހައުސް" ގެ ކައިރި ކަމަށް ލިޔެވިފައި ވަނީ ކުށަކުން (ޓައިޕިން އެރާއަކުން) ކަމަށާއި، އަސްލު ހާދިސާ ހިނގީ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ. އަދި ހެކިންގެ ބަޔާންތަކުގައި ވެސް ވަނީ އެ ނަން ކަމަށް ވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ފޯމު އިސްލާހު ކުރެވިދާނެ ކަމަށް ދައުލަތުން ވަކާލާތު ކުރިއެވެ.
ނަމަވެސް މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ކަމާބެހޭ ގަވާއިދުތައް ބަޔާންކުރާ ގޮތުން، ދައުވާ ބިނާވެފައިވާ ކަންކަން ކޯޓުގެ ހުއްދައާއެކު ބަދަލުކުރެވޭނީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައެވެ. އަދު އިބްތިދާއީ އަޑުއެހުންތައް ނިމި، މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށި، އިފްތިތާހީ ބަޔާނާއި ހެކިބަސް ނަގަން ފެށި ފަހުން ދައުވާ ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމަށް، މިއަދު ނިންމި ތިން މައްސަލައިގައި ވެއެވެ.
ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ވެސް ހާދިސާ ހިނގި ތަނަކަށް ލިޔެފައި ވަނީ "މޯނިން ހައުސް" ކަމަށްވާތީ، ދައުވާ ފޯމު "މޯނިން ސަން" އަށް ބަދަލުކުރި ނަމަވެސް، ދައުވާ ފޯމާއި ހެކިންގެ ހެކިބަސް ތަހުގީގު ރިޕޯޓާ ފުށުއަރާނެ ކަމާއި އަދި ދައުވާ ފޯމުގައި އޮތް ގޮތަށް "މޯނިން ހައުސް" ގައި ހާދިސާ ހިނގި ކަމަށް ބަލައިފިނަމަ، ދައުލަތުގެ ހެކިންގެ ހެކިބަހާ އެކަން ފުށުއަރާ ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ޖިނާއީ ދައުވާއެއް ކުރަން ވާނީ ތަހުގީގުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، ތަހުގީގު ބަޔާނުގައި ބުނާ ސަރަހައްދުގައި އެ ހާދިސާ ހިނގިކަމަށް ދައުލަތުގެ ހެކިންގެ ހެކިބަހުން ސާބިތުނުވާތީ، ގާނޫނުއަސާސީން ކަނޑައަޅާފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ކުށްތައް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ތިން މައްސަލައިގައި ވެސް ކޯޓުން ވަނީ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.