ހަފުލާތަކަށް ޒީނަތްތެރިވުމަށްފަހު ހަންގަނޑާއި އިސްތަށިގަނޑު ރައްކާތެރިކުރާނެ ގޮތް

ހަފުލާތަކަށް ހެވީ މޭކަޕް ކުރުމަށްފަހު ހަންގަނޑު ރަނގަޅަށް ބަލަހައްޓައި ސާފުނުކޮށްފިނަމަ، ހަންގަނޑަށް ގެއްލުން ލިބި ހަލާކުވުމަށް މަގުފަހިވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކައިވެނި ޕާޓީތަކާއި ބޮޑެތި ހަފުލާތަކުގެ މޫސުމުގައި އެންމެ ފުރިހަމަ ރީތިކަމެއްގައި ފެންނަން ކޮންމެ މީހަކުވެސް ބޭނުންވެއެވެ. އެ މަޤުޞަދުގައި މޫނު އުޖާލާކުރުމަށް ބަރު މޭކަޕް ބޭނުންކުރުމާއި، ހަންގަނޑަށް އެކި ފަރުވާތައް ދިނުމުގެ އިތުރުން، ހޫނު އާލާތްތަކުގެ އެހީގައި އިސްތަށިގަނޑު ރީތިކޮށް ސްޓައިލްކުރުން އާންމުވެއެވެ.

އެހެންނަމަވެސް، ވިދިވިދިގެން އަންނަ ހަފުލާތަކުގައި ގިނަ ވަގުތު މޭކަޕްގައި ހުރުމާއި، ތަކުރާރުކޮށް ހީޓް ސްޓައިލިންގް ހެދުމަކީ ހަންގަނޑާއި އިސްތަށިގަނޑަށް ނުހަނު ބޮޑު ގެއްލުމެއް ލިބޭ ކަމެކެވެ. ހަފުލާތައް ނިމުމުން މި ގެއްލުންތަކުން އަރައިގަނެ، ހަންގަނޑާއި އިސްތަށިގަނޑު އަލުން ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން، ޒޯލީ ސްކިން ކްލިނިކްގެ ބާނީ އަދި ހަމުގެ ޚާއްޞަ ޑޮކްޓަރު، ޑރ. ނިރުޕަމާ ޕަރްވާނާ ވަނީ މުހިންމު ލަފާތަކެއް ދެއްވާފައެވެ.

އެގޮތުން، ނަފްސާނީ ގޮތުން މާ ބޮޑަށް ހާސްވުމާއި، ކުއްލިއަކަށް ބަރުދަން ލުއިވުމުގެ އިތުރުން ހަރުކަށި ޑައިޓްތައް ހެދުމަކީ އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތަކެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެހެންކަމުން، އިސްތަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ އަޔަން، ޒިންކް، ޕްރޮޓީން އަދި މުހިންމު ވިޓަމިންތައް އެކުލެވޭ ފައިދާހުރި ކާނާ ކެއުމަށް އޭނާ ބާރުއަޅުއްވައެވެ. މީގެ އިތުރުން، ހަށިގަނޑުގައި ވަކި މާއްދާއެއް މަދުކަން ޓެސްޓުތަކުން ކަށަވަރުނުވާހާ ހިނދަކު، އަމިއްލައަށް ސަޕްލިމެންޓްތައް ބޭނުންނުކުރުމަށާއި، ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމާއި، ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހަމަ ކުރުމަށް ޑރ. ނިރުޕަމާ ޕަރްވާނާ އިރުޝާދު ދެއްވައެވެ.

ތަކުރާރުކޮށް ހޫނުކުރުމުގެ ސަބަބުން އިސްތަށިގަނޑުގެ ތެތްކަން ގެއްލި، އިސްތަށިތައް ކުރަކިވެ ބިންދައިގެން ދިއުމަށް މަގުފަހިވޭ--ފޮޓޯ/ޕިންޓްރެސްޓް

ދިރިއުޅުމުގެ އާދަތަކުގެ އިތުރުން، ވިދިވިދިގެން ބަރު މޭކަޕް ކުރުމަކީވެސް ހަންގަނޑަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އެގޮތުން، އެއް ހަފުލާއަށްފަހު އަނެއް ހަފުލާއަށް ފަށަލަފަށަލައަށް މޭކަޕް ކުރުމުގެ ސަބަބުން ހަންގަނޑުގެ ލޯވަޅުތައް ބެދި، މޫނުގައި ބިހި ނެގުމަށް މަގުފަހިވާ ކަމަށް ޑރ. ޕަރްވާނާ ވިދާޅުވެއެވެ. އޭގެ އިތުރުން، ކޮސްމެޓިކްސްގައި އެކުލެވޭ މީރުވަސް ދުވާ މާއްދާތަކާއި، ތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް އަޅާ ކެމިކަލްތަކުގެ ސަބަބުން ހަންގަނޑު އެލާޖިކްވެ، ރަތްވުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މޫނުގައި ބިހި ނަގަން ފެށުމުން އަވަހަށް ސްކްރަބްކޮށްލަން ހިތަށް އެރި ނަމަވެސް، އެއީ ހަންގަނޑު އިތުރަށް ހަލާކުވެދާނެ ކަމެއް ކަމަށް ޑޮކްޓަރު އިންޒާރު ދެއްވައެވެ. އެހެންކަމުން، ބާރުގަދަ ކްލެންސަރުތަކާއި، ސްކްރަބް އަދި އެކްސްފޯލިއޭޓިންގް ބުރުސްތަކާ ދުރުހެލިވެ، މަޑުމައިތިރިކަމާއެކު މޫނު ދޮވުމަށް އޭނާ ލަފާދެއްވައެވެ. ހަމައެއާއެކު، ހަންގަނޑުގެ ތެތްކަން ގެއްލި ހިކުނަ ނުދިނުމަށްޓަކައި ދުވާލަކު ދެ ފަހަރަށްވުރެ ގިނައިން މޫނު ނުދޮވުމަށާއި، އާދައިގެ ލުއި ކްލެންސަރަކަށް ބަދަލުކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވައެވެ.

ހަންގަނޑުގެ ރައްކާތެރިކަމުގެ ފަށަލަ ވަރުގަދަކުރުމަށް 'ސެރަމައިޑްސް' އެކުލެވޭ މޮއިސްޗަރައިޒާ އާއި ތެތްކަން ގެނެސްދޭ 'ހައިލޫރޯނިކް އެސިޑް' އަދި އެސް.ޕީ.އެފް 30 ނުވަތަ އެއަށްވުރެ މަތީގެ ސަންސްކްރީނެއް ބޭނުންކުރުން މުހިންމު ކަމަށް ޑޮކްޓަރު ފާހަގަކުރައްވައެވެ.

ހަފުލާތަކަށްފަހު މޭކަޕް ސާފުކޮށް، ހަންގަނޑަށް ބޭނުންވާ ތެތްކަން ގެނެސްދިނުމަކީ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގެ މުހިންމު ފިޔަވަޅެއް--ފޮޓޯ/އިންޑިއަންްއެކްސްޕްރެސް

ހަންގަނޑެކޭ އެއްފަދައިން، ހަފުލާތަކަށް ތައްޔާރުވުމުގައި އިސްތަށިގަނޑަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ފާހަގަކުރައްވަމުން ޑރ. ޕަރްވާނާ ވިދާޅުވީ، ތަކުރާރުކޮށް ހޫނުކުރުމުގެ ސަބަބުން އިސްތަށީގެ ބޭރުގައިވާ ރައްކާތެރިކަމުގެ ފަށަލަ ކަމަށްވާ 'ކިއުޓިކަލް' ހަލާކުވާ ކަމަށެވެ. މީގެ އިތުރުން، އިސްތަށިގަނޑު ފަންކުރުމަށް ބޭނުންކުރާ ކެމިކަލް ރިލެކްސަރުތަކުގެ ސަބަބުން އިސްތަށީގެ ބާރުގަދަކަން ގެއްލި، ފަސޭހައިން އިސްތަށި ބިނދޭ ގޮތްވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ. އަދި މާ ބާރަށް އިސްތަށިގަނޑު އެއްސުމުގެ ސަބަބުން އިސްތަށީގެ ބުޑަށް ބާރުބޮޑުވެ، ދިގު މުއްދަތެއްގައި އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި، ޚާއްޞަކޮށް ތެތް އިސްތަށިގަނޑު ވާންކުރުމަކީ އިސްތަށި ބިނދުމަށް މެދުވެރިވާ މައިގަނޑު ސަބަބެއް ކަމަށް ޑރ. ނިރުޕަމާ ޕަރްވާނާ ވަނީ ވިދާޅުވެފައެވެ.

މި ގެއްލުންތަކުން އަރައިގަތުމަށްޓަކައި ހީޓް ސްޓައިލިންގް އާލާތްތައް ބޭނުންކުރުން މަދުކުރުމަށާއި، ބާރަށް އިސްތަށިގަނޑު އެއްސުމާ ދުރުހެލިވުމަށް ޑޮކްޓަރު ލަފާދެއްވައެވެ. އަދި ލުއި ޝޭމްޕޫއަކުން އިސްތަށިގަނޑު ދޮވުމަށްފަހު ކޮންޑިޝަނާ ބޭނުންކުރުމަށާއި 'ލީވް-އިން ކޮންޑިޝަނަ' ބޭނުންކުރުމަކީ އިސްތަށިތައް އޮޅި، ބިނދުމުން ދުރުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ހޫނު އާލާތްތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި 'ހީޓް ޕްރޮޓެކްޝަން' ސްޕްރޭ ފަދަ އެއްޗެއް ބޭނުންކުރުމުން ހޫނުން ލިބޭ ގެއްލުން ކުޑަވާނެއެވެ. ނަމަވެސް، ތެލާއި ސެލޫން ފަރުވާތަކުން އިސްތަށިގަނޑަށް މަޑުކަމާއި ވިދުން ގެނެސްދިން ކަމުގައި ވިޔަސް، އިސްތަށިގަނޑުގެ އަސްލު އޮނިގަނޑަށް ލިބިފައިވާ ގެއްލުން އެއިން މުޅިން ރަނގަޅު ނުކޮށްދޭނެކަމަށް ޑރ. ނިރުޕަމާ ޕަރްވާނާ ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު