"ނަހާގެ ބައްޕަ...." ޒަރޫން އެ ހިސާބަށް ބުނެފައި މަޑުޖެހުނީ ނަހާއަށް އަންނަ ބަދަލުތައް ބަލައިލުމުގެ ބޭނުމުގައެވެ. "އަހަންނަށް ހީވަނީ ނަހާގެ ބައްޕަ އުޅެނީ ބަލިވެހެން."

ނަހާއަށް ބުނާނެ އެއްޗެއް ނޭނގުނީކަމެއް ނޫނީ އެއްޗެއް ބުނަން ބޭނުންނުވީކަމެއް ލަފާކޮށްލާކަށް ޒަރޫންއަކަށް ނޭނގުނެވެ. އެ ހިނދު އެ މޫނުމަތިން ފެނުނު އަސަރުތައް ތަރުޖަމާކޮށްލަން އޭނާ ނުކުޅެދުނީތީއެވެ.

"ކިހިނެއްވީ؟ ޒަރޫންއަށް ކިހިނެއް އެނގުނީ؟" އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ނަހާއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު ޒަރޫން އޭނާއަށް މިއަދު ފެނުނު މަންޒަރު ނަހާއާ ހިއްސާކޮށްލިއެވެ. އެ ވާހަކަތައް ދައްކައިފައި ނަހާއަށް ވިސްނައިލަން ވަގުތު ކޮޅެއް ދިނުމަށް ފަހު ޒަރޫން އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.

"އަހަންނަކަށް އަސްލު ނޭނގެ ނަހާއާއި ނަހާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލައިގެ އަސްލަކީ ކޮބައިކަމެއް. އެކަމަކު ނަހާ ބައްޕައަށް ގުޅާލަން ވީނު." ޒަރޫން ބުނެލިއެވެ.

"ޒަރޫން..." ނަހާ އެއްޗެއް ބުނަން އުޅުނު ނަމަވެސް، ޒަރޫން އެކަން ހުއްޓުވިއެވެ.

"އެނގޭ، އަހަރެން މީ ނަހާއަށް ކަންތައްތައް ކިޔައިދެނޭ މަގާމެއްގައި ހުރި މީހެއް ނޫންކަން. އެކަމަކު ވެސް...." ޒަރޫންޖުމްލަ ފުރިހަމައެއް ނުކުރިއެވެ. އޭނާ ވެސް އެހިސާބުން ވާހަކަ މެދުކަނޑައިލީއެވެ.

"ގުޑް ނައިޓް ޒަރޫން..." އިރުކޮޅަކު ވިސްނަން ހުރެފައި ނަހާ ބުނެލީ ހަމައެކަނި އެހެންނެވެ.

"ގުޑް ނައިޓް." ޒަރޫން ވެސް ބުނެލިއެވެ. ނަހާ ގެއަށް ވަނުމާ އެކު އޭނާ ވެސް ސައިކަލަށް އަރާ ދުއްވައިލައިފިއެވެ.

*****

ނިދަން އޮށޯތުމަށް ފަހު ޒަރޫން ނަހާއަށް މެސެޖެއްކޮށްލިއެވެ. ނަހާ އޭނާ ދެކެ ހިތްހަމަނުޖެހުނީހެން ހީވާތީއެވެ. އޭނާއަށް އަނެއްކާ ބުނަން ނުޖެހޭ ގޮތަކަށް ނަހާގެ ގާތުގައި އެއްޗެއް ބުނެވުނީ ބާއޭ ޒަރޫންގެ ހިތަށް އެރިއެވެ. އެ ޚިޔާލުތައް އޭނާއަށް ގޯނާކުރާ ވަރުން ނިދި ވެސް ލޮލަކަށް ނައެވެ.

"ސޮރީ..." ޒަރޫން ލިޔުނެވެ. އޭނާ ނަހާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

ނިދަން ވެގެން އެނދުގައި އޮތް ނަހާއަށް ވެސް ވިސްނެނީ ޒަރޫން ބުނެލި ބަސްތަކާ މެދުގައެވެ. އޭނާ ބައްޕައާ މެދު ކަންބޮޑުވިއެވެ. ހިތް ނުތަނަވަސްވިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮތުމަށް ފަހު ތެދުވެ ހެޑް ބޯޑުގައި އޭނާއަށް ލެނގިލެވުނެވެ. ޒަރޫންގެ މެސެޖު އައީ އެވަގުތެވެ.

"އިޓްސް އޯކޭ." މެސެޖު ކިޔައިލުމަށް ފަހު ނަހާ ޖަވާބު ފޮނުވައިލިއެވެ. ދެން އަނެއްކާ ވެސް ފޯނު މޭމަތީގައި ބާއްވައިލަމުން އޭނާ ވިސްނަން ފެށިއެވެ. ބައްޕަ މިހާރު އޭނާއާ އޮތް ގުޅުން ރަނގަޅުކުރަން އެހާ ވަރަށް މަސައްކަތްކުރާ އިރު އޭނާގެ ފަރާތުން އެއްބާރުލުން ދޭންވީ ހެއްޔެވެ؟ މާޒީ ހަނދާންނައްތައިލަންވީ ހެއްޔެވެ؟ އެ ހުރިހާ ތަކުލީފުތަކެއް މަތިން އޭނާ ހަނދާންނައްތައިލާނީ ކިހިނަކުންހެއްޔެވެ؟

ނަހާ އެރޭ ނިދީ ގޮތެއް ނިންމައިފައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ ބައްޕައެވެ.

ޖެހިގެން އައި ދުވަހު ކެފޭއަށް ދިޔުމަށް ފަހު ނަހާ ގަސްތުކުރީ އޭނާގެ ބައްޕައާ ބައްދަލުކޮށްލަން ގޮސްލުމަށެވެ. އޭނާއަކީ އެހާ ހިތްހަރު މީހެއް ނޫނެވެ. ބައްޕައަށް ކަމެއްވެއްޖެނަމަ އޭނާ ވެސް ދެރަވާނެއެވެ. ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. ނަހާ ލައިދޭން ދާނަމޭ ޒަރޫން ބުނެލި ނަމަވެސް، އެކަމަށް އޭނާ ދެކޮޅުހެދިއެވެ. ޓެކްސީއެއްގައި ދާނަމޭ ނަހާ ބުނެލިއެވެ.

އޭނާ ޓެކްސީއެއްގައި ހުޅުމާލެ ދިޔުމަށްޓަކައި ނައްޓައިލި އިރު ތަފާތު ޝުޢޫރުތައް ހިތުގައި ދައުރުވިއެވެ. އެތަކެއް ދުވަހެއްފަހުން އެގެއަށް ދެވޭތީ ކަމަށް ވެސް ވެދާނެއެވެ. އޭނާ އެގެއިން އެނބުރި ނުކުތީ، އަލުން އަނބުރާ ދުވަހަކު ވެސް ނުވަންނާނެކަމުގައި ބުނަމުންނެވެ. އެހެންނަމަވެސް ޙާލަތު ބަދަލުވެއްޖެއެވެ.

އެޕަރޓްމެންޓު ކޮންޕްލެކްސްއާ ހިސާބަށް އާދެވުމުން ނަހާ ޓެކްސީއަށް ލާރި ދީފައި ފޭބިއެވެ. އޭނާ ގޮސް ލިފްޓު ލޮބީއަށް ވަނެވެ. އެތަނުގައި ހުރީ ކުރިންވެސް ހުންނަ ސެކިއުރިޓީ މީހާއެވެ. ނަހާ ފެނުމުން ގޮވައިލާފައި ހިނިތުންވެލިއެވެ. ނަހާ ވެސް ހިނިތުންވުމެއް ރައްދުކޮށްލާފައި، ގޮސް ލިފްޓުގެ ބަޓަނަށް ފިތައިލިއެވެ. ލިފްޓު އައުމުން ލިފްޓަށް އަރާ ދަބަސް ތެރެއިން ނެގި އެކްސެސް ކާޑު ޖައްސައިލިއެވެ. ގެއިން ދިޔަ އިރު އޭނާއަށް ގެންދެވުނު އެކްސެސް ކާޑު އަދި ވެސް ނަސީބަކުން މަސައްކަތްކުރެއެވެ. އަދި 10 ވަނަ ފަންގިފިލާއަށް ދިޔުމަށް ފިތައިލިއެވެ.

މައްޗަށް ލިފްޓު ގޮސް ހުއްޓިއްޖެއެވެ. ނަހާ ފޭބިއެވެ. އޭނާ އެތެރެއަށް ވަންނަ ދޮރު ކައިރީގައި މަޑުކޮށްލިއެވެ. ބެލް އަޅައިލަން އުޅެފައި ވެސް އޭނާ މަޑުޖެހިލިއެވެ. ކަނާއަތް ހަރަކާތްކޮށްލި އިރު ތަދުވި ނަމަވެސް، އޭނާ އެ އަތް އުފުއްލައިލައިފައި ފިންގަޕްރިންޓް ޖަހައިލިއެވެ. ދޮރު ހުޅުވުނު އަޑު އިވުނެވެ. އޭނާ އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. ގޭތެރެއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ހަމަ އެ ފުރިހަމަކަމެވެ. އެ ތަރުތީބުކަމެވެ. މަންމަ ނިޔާވި އިރު ވެސް ހުރި ފަރުނީޗަރެވެ. ނަހާއަށް ވަށައިގެން ބަލައިލެވުނެވެ. އެތަކެއް ދުވަހަކަށް ފަހު އެގެއަށް ވަދެވުމުން ކުރެވުނީ ތަފާތު އިޙްސާސްއެކެވެ. މަންމަގެ ހަނދާންތައް އޭނާއަށް އާވާން ފެށިއެވެ.

ހެނދުނު ސައި ތައްޔާރުކުރުމަށް ފަހު، ބޮޑުކޮޓަރިއަށް ނުކުތް މާރިޔާއަށް ނަހާ ފެނުމުން ހައިރާންވެފައި ހުރެވުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ ހިނިތުންވެލިއެވެ.

"ބައްޕަ ކޮބާ؟" ނަހާ ސުވާލުކޮށްލިއެވެ. މާރިޔާއަށް އެ ސުވާލުގެ ޖަވާބު ދޭކަށް ނުޖެހުނެވެ. އެ ދިމާލަށް އަންނަމުން ދިޔަ ކަމްރާން ނަހާގެ ލޮލުގައި އަޅައިގަނެއްޖެއެވެ. ކަމްރާންއަށް ވެސް ބަލައިލެވުނެވެ. ނަހާ ފެނި އޭނާއަށް ވެސް ހައިރާންކަމެއް ލިބުނެވެ. ކުޑަ އުފާވެރިކަމެއް ވެސް ހިތުގައި އުތުރި އަރައިގަތެވެ. އޭނާއަށް ބާރު ފިޔަވަޅުތަކެއްގައި އައިސް މަޑުކޮށްލެވުނެވެ.

"ދަރިފުޅު! ކޮން އިރަކު އައީ؟" ކަމްރާންއަށް ސުވާލުކޮށްލެވުނެވެ. އޭނާ ހުރީ އާދައިގެ ޓީޝާޓަކާއި ޓްރެކްޝޫޓެއްގައެވެ. އެހެންޏާ އެއީ ކަމްރާން ފެންނަ ގޮތެއް ނޫނެވެ. މޫނުމަތިން ވެސް ވަރުބަލިކަން ފެންނަމުން ދިޔައެވެ. ހަމަ އެއާއެކު އޮފީހަށް ނުދަނީތާ އޭ ވެސް ނަހާގެ ހިތަށް އެރިއެވެ. ބައްޕަ އަސްލު ވެސް ބަލީ ހެއްޔެވެ؟

"ދެންމެ މި އައީ." ނަހާއަށް ބުނެވުނެވެ.

"މާރިޔާ، ސައި ތައްޔާރުކޮށްފިންތަ؟" ކަމްރާން ސުވާލުކޮށްލިއެވެ. އެއާއެކު މާރިޔާ ބޯ ޖަހައިލަމުން އާނއެކޭ ބުނެލައިފިއެވެ.

"ނަހާ، ބައްޕައާ އެކީ ހެނދުނުގެ ނާސްތާގައި ބައިވެރިވެލަން ވީނު." ކަމްރާން ބުނެލިއެވެ. އޭނާ އުންމީދާއެކު ނަހާއަށް ބަލައިލިއެވެ. ނަހާ ބޯ ޖަހައިލިއެވެ. ކަމްރާންއާ އެކު އޭނާ ކާކޮޓަރިއަށް ދިޔައެވެ. މާރިޔާ އަވަސް އަވަހަށް ނަހާއަށް ތަށި ގެނެސްދިނެވެ. ދެ މީހުން މޭޒު ދޮށުގައި އިށީނެވެ. ނަހާގެ ހަނދާނަށް އަންނަން ފެށީ މަންމަ އެ މޭޒު ދޮށުގައި ބައްޕަގެ އިންތިޒާރުގައި އިންނަ ދުވަސްތައްމަތިންނެވެ. ކޮންމެ ކާ ގަޑިއެއްގައި ބައްޕަ އަންނަންދެން ކުރާ އިންތިޒާރެވެ. އެންމެ ފަހުން އޭނާއާ މަންމައާ އެކަނި ކޮންމެ ވަގުތެއްގައި ނާސްތާކުރާ ދުވަސްތަކެވެ. އޭނާއަށް ހިމޭންވެފައި އިނދެވުނީއެވެ.

ކަމްރާން އަށް ވެސް ވީ ގޮތް އެނގުނެވެ. ނާޒްލީ ނިޔާވުމަށް ފަހު، ނަހާ ގެއިން ނުކުމެގެން ދިޔަ ފަހުން އޭނާ ގެއަށް އެ ވަނީ އަލަށެވެ.

"ދަރިފުޅު އަތް ރަނގަޅުތަ މިހާރު؟" ކަމްރާންއަށް ބުނެވުނެވެ. އޭނާ ބޭނުންވީ ނަހާއާ ވާހަކަ ދައްކާށެވެ. ނަހާ ބޯ ޖަހައިލިއެވެ. ނާސްތާކުރަން ފެށުމަށް ފަހު، ނަހާ ކަމްރާންއަށް ބަލައިލިއެވެ.

"ބައްޕަ ބަލީތަ؟" އަހަން ނާހަން އިނދެފައި ނަހާ އެހި ފަދައެވެ. ގޮތް ދޫކުރުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވަނީއެވެ.

"ކިހިނެއްވީ؟" ކަމްރާންއަށް ތަށީގެ ތެރެއަށް އޫ ދޫކޮށްލެވުނެވެ. އޭނާ ނަހާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. ހަނދާނަށް އައީ ހޮސްޕިޓަލުން ފެނުނު ޒުވާނާއެވެ. އެ ޒުވާނާ ނަހާގެ ކައިރީގައި ބުނީ އޭ އޭނާގެ ހިތަށް އެރިއެވެ. ނަހާ އެގެއަށް އެ އައި ސަބަބު ކަމްރާންއަށް އެނގުމުން އޭނާއަށް ހިނިތުން ވެލެވުނެވެ. ނަހާ ކިތަންމެ ގޮތް ދޫނުކުރި ނަމަވެސް، އޭނާއާ މެދު ކަންބޮޑުވެއެވެ.

"ބަލީތަ؟ ބުނެބަލަ!" ނަހާއަށް ސުވާލުކޮށްލެވުނެވެ.

"ބައްޔެއް ނޫން!" ކަމްރާން ބުނެލިއެވެ. އޭނާ ހެދީ ދޮގެވެ.

"ދެން ހޮސްޕޓަލަށް ދިޔައީ؟" ކަމްރާންއަށް ބޮޑުކަމެއް ވެއްޖެހެން ނަހާއަށް ހީވާތީ އޭނާ ހާސްވަނީއެވެ.

"އެއީ ނަހާގެ ކާކުތަ؟" ކަމްރާން ސުވާލުލޮށްލިއެވެ. "އޭނަ ދޯ ނަހާ ކައިރީގައި ބުނީ؟"

"އެއީ ފްރެންޑެއް. ދެން ބުނެބަލަ! ބައްޕައަށް ކިހިނެއްވީ؟" ނަހާ ހަމަ ރަނގަޅަށް ވެސް ކަންބޮޑުވެއްޖެއެވެ.

"ލޭ މަދުވަނީ..." އެންމެ ފަހުން ކަމްރާން ޖަވާބު ދިނެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟" ނަހާއަށް ސުވާލުކޮށްލެވުނެވެ.

"އެއީ އެ ރޯގާއަށް ފަހު ވީ ގޮތެއް. އޭގެ ފަހުން ބަލިކޮށް މި އުޅުނީ. އިންފެކްޝަނެކޭ ބުނީ. އެކަމަކު، މިހާރު ރަނގަޅު. ބޭސް ދީފަ ހުރީ." ކަމްރާން ބުނެލިއެވެ. އޭނާ ނަހާއަށް ބަލައިލިއެވެ. މާބޮޑު ކަމެއް ކަމްރާންއަށް ނުވާތީ، ނަހާ ހިތްހަމަޖެހުނެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ނާސްތާއަށް ފަހު ނަހާ އެ ގެއިން ނުކުންނަން ދަނިކޮށް ކަމްރާން ގޮވައިލައިފިއެވެ.

"ދަރިފުޅު މިގެއަށް އެއްކޮށް ނަޔަސް، ދޭތެރެ ދޭތެރެއިން ތިގޮތަށް މި ގެއަށް އަންނަ ނަމަ ބައްޕަ ވަރަށް އުފާވާނެ!" ކަމްރާން ބުނެލިއެވެ. އެ ވާހަކައަށް ދޭނެ ޖަވާބެއް ނަހާގެ އަތުގައި ނެތީ ކަންނޭނގެއެވެ. އޭނާ އެއްޗެއް ނުބުނެ ގޮސް ނުކުތީއެވެ. ކަމްރާންއަށް ހިނިތުންވެވުނެވެ. ދަރިފުޅާއި އޮތް ގުޅުން ރަނގަޅުވެ އަލުން ނަހާ އެގެއަށް އައުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. ނަހާއާ ކޮންމެ ގުޅުމެއް އޮތަސް އެ ޒުވާނާއަށް ކަމްރާންއަށް ޝުކުރުވެރިވެވުނެވެ.

*****

ނަހާގެ އަތުގައި އޮތް ޕްލާސްޓަރު ނައްޓަން އޮތް ދުވަހެވެ. އެ ދުވަހު ޔޫލިއާއަށް ދެވޭ ގޮތް ނުވީ، އޭނާ ޔުނިވަރސިޓީކަމެއްގައި ރަށަކަށް ދާންޖެހުމުންނެވެ. އެހެންކަމުން ނަހާ އެހީތެރިކަމަށް އެދުނީ ޒަރޫންގެ ކިބައިންނެވެ. އޭނާ ބުނީ ހަމައެކަނި ހޮސްޕިޓަލަށް ލައިދޭން ނަމަވެސް، ޒަރޫން ނަހާ އެކަނިކޮށްލާކަށް ބޭނުމެއްނުވިއެވެ. ނަހާ އެތެރެއަށް ވަނުމުން ޒަރޫން މަޑުކޮށްލީ ބޭރުގައެވެ.

ޕްލާސްޓަރު ނައްޓައިލުމުން ނަހާގެ އަތަށް ވަރަށް ބޮޑު ލުޔެއް އިޙްސާސްކުރެވުނެވެ.

"ކިހާ ދުވަހެއް ފަހުން ތޯ ސައިކަލު ދުއްވޭނީ؟" ނަހާ ސުވާލުކޮށްލިއެވެ.

"ފިޒިއޯ އާ އެކީ 6 ހަފްތާއާ 8 ހަފްތާއާ ދޭތެރޭގައި އެއްކޮށް ރިކަވަރ ވާނެހެން ހީވަނީ." ޑޮކްޓަރު ބުނެލިއެވެ.

"އެއަށް ވުރެ އަވަހަށް ނުވާނެތަ؟" ނަހާއަށް ސުވާލުކޮށްލެވުނެވެ. އޭނާއަކީ އަމިއްލައަށް ތަންތަނަށް ގޮސް އައިސް ހަދަން އާދެވެފައި ހުރި މީހެއްކަމުން، އަދި ވެސް ޒަރޫންގެ ގާތުގައި އެހީތެރިކަމަށް އެދެން ވުމުން ކުޑަކޮށް އުނދަގޫވަނީއެވެ. ކެނޑި ނޭޅި ޒަރޫން އޭނާއަށް އުނދަގޫނުވާކަމަށް ބުނި ނަމަވެސް މެއެވެ.

"ހިނގާ ފިޒިއޯ ހަދާފަ ބަލަމާ..." ޑޮކްޓަރު ބުނެލިއެވެ. ނަހާ ބޭރަށް ނުކުމެލިއެވެ. އޭރު ޒަރޫން އިނީ ފޯނާ ކުޅޭށެވެ. ނަހާ ނުކުތް ތަން ފެނި އޭނާ ތެދުވިއެވެ. ނަހާގެ އަތުގައި އޮތް ފައިލު އަތުލަމުން ޒަރޫން ވާހަކަ ދެއްކިއެވެ.

"ޑޮކްޓަރު ބުނީ އަދި ސައިކު ނުދުއްވޭނެޔޯ." ނަހާ ބުނެލިއެވެ.

"ކިހާ ދުވަހެއް ވާނެޔޯ!" ޒަރޫންއަށް އަހައިލެވުނެވެ.

"6 ޓު 8 ވީކްސް." ނަހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"އޯކޭވާނެ. އަހަރެން މި ހުރީނު." ޒަރޫން ހީނލަމުން ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު