އިސްލާމްދީނަށް ހޭލުންތެރިކުރުވުމާއި ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް، އަދި ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޢައްބާސް އިބްރާހީމަށް މިރޭ އަރުވައިފިއެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިހާރު ކުރިއަށްދާ ޖަލްސާގައި ދައުލަތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅުންނަށް ވެސް އެރުއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އިސްލާމްދީނަށް ހޭލުންތެރިކުރުވުމާއި ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ލިބިވަޑައިގެންނެވި މުޙައްމަދު ރަޝީދު ވަނީ ގިނަ ދުވަސްވަންދެން ދިވެހީން އިސްލާމްދީނަށް ހޭލުންތެރިކޮށް ދީނީ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ކިޔަވާ ވިދާޅުވެ ރާއްޖެ ވަޑައިގަތުމަށްފަހު މުޙައްމަދު ރަޝީދު ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ ފެބްރުވަރީ އަށެއް، 1981ގައެވެ. ރައީސް އޮފީހުގެ އެޑްވައިޒަރުގެ މަގާމު ފުރުއްވުމަށްފަހު މުޙައްމަދު ރަޝީދު ވަނީ އެ އޮފީހުގެ ޚާއްސަ ވަކީލުކަން ވެސް ކުރައްވައިފައެވެ.
އިނާމާ ހަވާލުވުމަށްފަހު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްގެ އާއިލާ ރައީސާއެކު ފޮޓޮއަކަށް ހުއްޓި --- ފޮޓޯ: ރައީސް އޮފީސްއެއަށްފަހު ޖަނަވަރީ 15، 1987ގައި ޢަރަބިއްޔާ ސްކޫލު ހިންގުމާ ހަވާލުވެވަޑައިގަތެވެ. އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްްވި ދުވަސްވަރު މުޙައްމަދު ރަޝީދު ވަނީ، ސާނަވީ ތައުލީމުން ފެށިގެން އަރަބި ބަހުން ތައުލީމުދޭ މަދަރުސާއަކަށް ޢަރަބިއްޔާ ހަދައި ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވައިފައެވެ.
އޭގެ ފަހުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އުފެއްދި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މުޝީރުގެ މަގާމު ފުރުއްވިއެވެ. އެންމެ ފަހުން މުޙައްމަދު ރަޝީދު ހުންނެވީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.
މީގެ އިތުރުން މައުމޫންގެ ސަރުކާރުގައި އުފެއްދި ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގެ މެންބަރުކަމާއި ރައީސްކަން ކުރައްވައި، ހުކުރު ޚުތުބާ ލިޔުއްވުމާއި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއާއި މަޢުހަދުއް ދިރާސާތުލް އިސްލާމިއްޔާގައި ކިޔަވައިދެއްވިއެވެ.
އޭރު އާންމުން އެންމެ ގިނައިން ގަތް ދީނީ ފޮތްތަކުގެ ތެރޭ ހިމެނޭ އިސްލާމީ ފިޤްހު 1 އާއި 2 ވެސް ލިޔުއްވައިފައިވަނީ މުޙައްމަދު ރަޝީދެވެ.

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ލިބިވަޑައިގެންނެވި ޢައްބާސް ވަނީ 'އާފަތިސް'ގެ ނަމުގައި 1979ވަނަ އަހަރުން ފެށިގެން ނޫސް ނެރުއްވައިފައެވެ. ނަވާރަސަތޭކަ ނުވަދިހަ ހަވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހި ބަސްފޮތް ޑިޖިޓަލައިޒްކުރެއްވުން ފަދަ ޚިދުމަތްތައް ކުރެއްވިއެވެ.
ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމާއި ޝަރަފުގެ އިނާމު ލިބިވަޑައިގެންނެވި ޢައްބާސް ވަނީ ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
މިވަގުތު ޢައްބާސް ހުންނެވީ ދިވެހިބަހުގެ ގަވައިދު ކޮމިޓީގެ ރައީސްކަމާއި ލިޔުންތެރިންގެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމުގައެވެ.
ޢައްބާސް ވަނީ ޅެންވެރިކަމުގެ މަސައްކަތުގެ އިތުރުން ދިވެހިބަހުން ވާހަކައާއި މަޒުމޫނު ލިޔުއްވައި ބައެއް ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ވެސް ކުރައްވައިފައެވެ.