ރައީސް ކުރެއްސެވި ތަސްވީރު: އިސްލާމީ ބިންގަލާއި އިޙުތިރާމްގެ ހިޔާވަހިކަމުގައި 2040އަށް ތަރައްގީ ހާސިލްކުރެވޭނެ

ރައީސް، 2040އާ ހަމައަށް ދާއިރު ގައުމު އޮންނާނެ ގޮތް ކިޔައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނުގެ ބިންގަލުގެ މަތީ އަދި އިޙުތިރާމުގެ ހިޔާވަހިކަމުގެ ތެރޭ ގައުމު ބިނާކުރުމުން، 2040ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެ އޮންނާނީ ވަށާޖެހޭ ތަރައްގީ ހާސިލުކުރެވިފައިވާ ގައުމެއްގެ ގޮތުގައި ކަމަށް، އެ މަނިކުފާނު އަމިއްލަފުޅަށް ކުރެއްސެވި ތަސްވީރަކާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފާހަގަކުރުމަށް "ހަފުތާ 156"ގެ ނަމުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ 2023ވަނަ އަހަރު އެކުލަވައިލި މެނިފެސްޓޯއާ އެއްގޮތަށް ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ހުރީ އޭރު ވެސް ރާވައިފައިވާ ގޮތަށް ކަމަށެވެ.

އެއާއެކު، ރައީސް ވަނީ ރާއްޖެ ބިނާކުރަން ބޭނުންވާ ގޮތުގެ ތަސްވީރެއް ހުދު ކުލައިގެ ބޯޑެއްގައި ކުރައްސަވައިފައެވެ.

"އަޅުގަނޑު މި ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް އަޅުގަނޑުގެ ހިތަށް އައިހާ ގޮތަކަށް ކަމެއް ކުރަނީކީ ނޫންކަން، ތަންކޮޅެއް ފަސޭހަގޮތަކަށް ކިޔައިދޭން އަޅުގަނޑު ގަސްދުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ތަސްވީރުގައި ވަނީ، ގައުމުގެ ތަރައްގީއަށް ބޭނުންވާ އަށް ބިންގަލެއް ފާހަގަކުރައްވައިފައެވެ. އޭގެ ތެރެއިން އެއް ކަމަކަށް އެ މަނިކުފާނު ފާހަގަކުރެއްވީ، މި ގައުމަކީ ތަނަވަސް ގައުމަކަށް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ހަމަ އެއާ އެކީގައި ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް މިނިވަން އަދި މުސްތަގިއްލު ގައުމަކަށް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށްޓަކައި އިގުތިޞާދީގޮތުންނާއި ތިމާވެށީގެ ގޮތުން ވަރުގަދަ ގައުމަކަށް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ އެންމެންނަށް ހަމަހަމަ ގައުމަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރަނީ އުފެއްދުންތެރިކަން ކަމަށް ވާން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް، 2040ގެ ތަސައްވުރު ކުރެހުމަކުން ދައްކުވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވިގޮތުގައި އެކި ސަރަހައްދުތަކުގައި ވައިގެ ބަނދަރުތައް ތަރައްގީކުރަނީ ރަށްރަށް ގުޅުވައިލުމަށްޓަކައެވެ. ތަރައްގީ ހާސިލްކުރުމަށްޓަކައި ދަތުރުފަތުރުން ގުޅިފައި އޮންނަންޖެހޭ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާ އެކީގައި ސިއްހީ ގޮތުންނާއި ހުނަރުގެ ގޮތުން ވަށައިޖެހިފައިވާ ސިޔާސަތެއް ބިނާކުރެވިފައި ގައުމަކަށް ރާއްޖެ ވާން ޖެހޭ ކަމަށާއި މުއައްސަސާތަކަށް ދިވެހީންނާއި ބިދޭސީން އިތުބާރުކުރެވޭ ގޮތަށް ކަންކަން ބައްޓަންކުރެވެން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހުރެގެންނެއް މި ސަރުކާރަކުންނެއް ތަންފީޒެއް ނުކުރާނެ އެ ނޫން ސިޔާސަތެއް އެއްވެސް ކަމެއްގައި، މިހާތަނަށް ވެސް ކޮށްފައެއް ނޯންނާނެ، ކުރިއަށް އޮތް ތަނުގައި ވެސް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އަތްލެވޭ ތަރައްގީއާ އެކީގައި މައުނަވީ ފިކުރީ ތަރައްގީއެއް މުހިންމެވެ. އެހެންކަމުން އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމްކުރާ ތަނަކަށް ރާއްޖެ ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ހިޔާވަހި ނެތިއްޔާ މި ގައުމު ގައުމަކަށް ނުވާނެ، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ދޭނީ ވިއްސިވިހާލެވިފައި އޮތް މާނައެއް ނެތް ދެކޮޅު ނުޖެހޭ ގައުމެއް،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިޙުތިރާމްކުރަން ފެށީމަ މުޖުތަމައު ތަހުޒީބުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ބިނާކުރަން ބޭނުންވަނީ އިސްލާމްދީނުގެ ބިންގަލުގެ މަތީގައި، ސިއްހީގޮތުން ވަށައިޖެހިފައިވާ ސިޔާސަތެއް އޮންނަ، ގުޅުވައިލެވިފައިވާ، އިތުބާރުކުރާ، ފަންނުވެރި، މުސްތަގިއްލު އަދި ތަނަވަސް ގައުމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2040އާ ހަމައަށް ދާއިރުގައި އޮންނާނީ ވަށާޖެހޭ ތަރައްގީ ހާސިލްކުރެވިފައި، ސްޓެބިލިޓީ ހުރިހާ މާނައެއްގައި ލިބިފައި އަދި ސެކިއުރިޓީ އޭގެ އެންމެ ފުންމިނުގައި އަޅުގަނޑުމެންނަށް ހާސިލުވެފައި،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް