ސިޔާސީ ގަތުލުގެ ބިރުވެރިކަން: ރައީސް ނަޝީދު ހަ ކުޅި ކުރިއަށް ކުޅުއްވަން ޖެހިވަޑައިގަނޭ

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވަމުން ބިރު ބޮޑުވަމުން ދާ މި ދުވަސްކޮޅުގައި އެންމެ ފަހުން އިވުނު ޚަބަރަކީ ބޮޑުވެގެންވާ ގަތުލު އާންމެއް މިގައުމުގައި ހިނގައިފާނޭ ކަމުގެ ޚަބަރެވެ. ގަތުލުކުރާނޭ ކަމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ މީހުންގެ ލިސްޓް ބަލާއިރު އެތައް ގޮތަކުން ހައިރާންވާން ޖެހެއެވެ. އެއްކަމަކީ ދިވެހި ތާރީޚް ދުވަހަކުވެސް ނުދެކޭ ފަދަ މުސީބާތަކަށް އެކަން ވުމެވެ. ދެވަނަ ކަމަކީ އެމީހުން ނެތް ހިނދެއްގައި ގައުމަށް ގެއްލިގެންދާ އެއްޗެއްގެ ބޮޑުކަމެވެ. ތިންވަނަ ކަމަކީ ރާއްޖޭގެ އާބާދީއާއި ސިޔާސީ އަދި ޝަރުޢީ ދާއިރާގައި ތިބި މީހުންގެ ނިސްބަތުން މަތީ ޕަސެންޓޭޖަކަށް އެ އަދަދު ވުމެވެ. އަދިވެސް ކިތަންމެ ކަމެކެވެ.


މި ޚަބަރަކީ ބުއްދި ގަބޫލު ނުކުރަންވީ ޚަބަރެއް ނޫނެވެ. 3 ނޮވެމްބަރު 1988 ގައި ވެސް ވިހިވަނަ ގަރުނުގެ ޓެރަރިޒަމް މިގައުމުގެ މޭމަތި އިރާލާފައިވެއެވެ. މި ޚަބަރުގައި ބުނާ ވާހަކަ އަށް އަމަލީ ސިފައެއް އަތުވެއްޖެ ނަމަ ދިވެހިން މިހާތަނަށް ނުދެކޭ ބޮޑު މުސީބާތެއް ކުރިމަތިވާނެއެވެ. ނަފުސާނީ ބަލިމަޑުކަމެވެ. މުޖުތަމައު ފަސާދަވެ އަތްނުފޯރާ ހިސާބަށް ކަންތައް ދިއުމެވެ. ބަދަލު ހިފުމުގެ ހަރަކާތްތައް ފެށި އޮބިނޯންނަ ފަށަށް ދިއުމެވެ.


މީގެ އަނެއް ފަޅިއަށް ބަލާއިރު ހައިރާންވީ ކަންކަން އެބަހުއްޓެވެ. ދެކޮޅު ޖައްސަން ނޭނގޭ ކަންކަން އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ އެ ބުނާ ލިސްޓްގައިވާ މީހުން ގަތުލު ކުރުމަށްފަހު، ގާތިލުން ހާސިލް ކުރަން އެ އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެ ލިސްޓަށް ބަލާއިރު އެއީ ހަމައެކަނި ސަރުކާރާ އިދިކޮޅު ހަރަކާތެކޭ ބުނެވޭކަށް ނެތެވެ. އަދި އެހެންމެ ހަމައެކަނި އިދިކޮޅު ފަރާތްތަކާ ދެކޮޅު ހަރަކާތެކޭ ވެސް ބުނެވޭކަށް ނެތެވެ. އެހެންވީމާ ގާތިލުން ބޭނުންވާނީ ކޮންކަމެއްކަން ދެނެގަންނަން އުނދަގޫ އެބަވެއެވެ. އެއްގޮތަކުން ބަލާއިރު މިއީ ހަގީގަތާ ދުރު ވާހަކައެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.


ގައުމުގެ އިސް ސަފުން އެތައް ބަޔަކު މަރާލަން އެ އުޅެނީ ރާއްޖޭގެ ވެރިކަން ހޯދަން ހެއްޔެވެ؟ މި ސަރުކާރު ވައްޓާލަން ހެއްޔެވެ؟ ވަކި މީހަކަށް ވެރިކަން ހޯދައިދޭން ހެއްޔެވެ؟ މިފަދަ ސުވާލުތަކަށް ޖަވާބު ހޯދަން އުނދަގުލެވެ. މިކަންކަން ހޯދޭނީ އެކަމަށް ފިސާރި ގާބިލު ބަޔަކު ކުރާ ރަނގަޅު ތަހުގީގަކުންނެވެ.


މި މައުޒޫގައި ދައްކާ ވާހަކަތަކާއި މި ދުވަސްވަރުގެ ސިޔާސީ މަސްރަހަށާއި މި ޚަބަރު ފަތުރާ މީހުންގެ ރާގަށް ބަލާއިރު ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.


މިއީ ގައުމު ހިންގަން ތިބި މީހުންނަށް ޝޮކެއް ދިނުމުގެ ގޮތުން ފަތުރާ ހުސް ވާހަކައެއް ހެއްޔެވެ؟ މި ސުވާލު އުފެދޭ ސަބަބަކީ ސަލާމަތީ ބާރުތަކުން މިކަމާ މިހާތަނަށް ހަރު އެއްޗެއް ނުބުނާކަމެވެ. އަދި މި ހަމަލާ އަމާޒު ވެދާނެ ކަމަށް ބެލެވޭ މީހުންގެ ސެކިއުރިޓީ ވަރުގަދަ ނުކުރާކަމަށް ސަރުކާރުން ބުނުމެވެ. ދެވަނަ ސުވާލަކީ މިއީ ހަގީގަތެއް ނޫންނަމަ، ޗީފް އޮފް ޑިފެންސް ފޯސް އާއި ކޮމިޝަނަރ އޮފް ޕޮލިސް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން ބޭނުންވުމާ މިކަމާ ގުޅުމެއް ވޭހެއްޔެވެ؟ 


މިއީ ކޮންމެ ގޮތަކަށް ހިނގާ ކޮންމެ ފަދަ ކަމެއް ކަމަށް ވިޔަސް މިކަމުގައި މަޖިލީހަށް ކުރެވޭނެ ކަމަކީ މިކަމަށް އިސްކަން ދިނުމާއި މިކަމަށް ސަމާލުވެ ހަރުދަނާ ފިޔަވަޅު އެޅުމަށް އެންގުމެވެ. އަމަލީ ގޮތުން މި ފިޔަވަޅު އެޅޭނީ ހަމައެކަނި ސަލާމަތީ ބާރުތަކަށެވެ. އެހެން ކަމުން ސަލާމަތީ ބާރުތައް ނިކަމެތިކޮށްގެން ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ވިސްނުމެއް އެއްވެސް މީހެއްގެ އޮތްނަމަ އެއީ މި މައްސަލަ ހައްލު ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށް ވާނެއެވެ.


މި ޚަބަރާ ގުޅިގެން ރައްޔިތު މީހާގެ ހާލަކީ ކޮބައިކަން އެކަކު ވެސް ވިސްނާލި ހެއްޔެވެ؟ މި ޚަބަރާ ގުޅިގެން އާއިލާތަކުގައި ނުތަނަވަސްކަން އުފެދިފައިވަނީ ކިހާވަރަކަށް ހެއްޔެވެ؟ ގައުމުގައި ބިރުވެރިކަން ފެތުރިފައި ވަނީ ކިހާވަރަކަށް ހެއްޔެވެ؟ މި ބިރުވެރިކަމާ ގުޅިގެން ކުޑަކުދިންނާއި މައި މީހުންގެ ހިތާއި ނަފުސަށް ލިބިފައިވަނީ ކިހައި ވަރެއްގެ އަނިޔާއެއް ހެއްޔެވެ؟


މިވާހަކަ އަކީ ދޮގެއް ނަމަ އެކަން ކުރި ބަޔަކީ ކޮންފަދަ ނުބައި ނުލަފާ ޖައްބާރުން ތަކެއްކަން ދެނެގަނެ އެމީހުންނާ މެދު އެންމެ ހަރުކަށިފިޔަވަޅު އަޅަން ޖެހޭނެއެވެ. ގާނޫނާއި ގަވާއިދުގެ ތެރެއިން އަދަބު ދިނުމެވެ. އާންމު އިންތިޚާބު ތަކުގައި އެމީހުންނާ ދެކޮޅަށް ވޯޓްދީ ސިޔާސީ ގޮތުން އަދަބު ދިނުމެވެ. މުޖުތަމައުން ބަލައި ނުގަނެ އެހެނިހެން ގޮތްގޮތުން އަދަބު ދިނުމެވެ.


މި މައްސަލަ ފިސާރި ހޫނުކޮށް ބަލައި މީގައި އެއްވެސް ހަގީގަތެއް އޮތްނަމަ އެކަމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މިފަދަ އުދުވާނެއް ހިންގާ ބަޔަކު ފުނޑުފުނޑު ކޮށްލެވޭނޭ ދިފާއީ އެތިފަހަރެއް އަޅަން ޖެހެއެވެ. ދިވެހި ސިފައިންގެ ގަދަފަދަކަމާއި އެމީހުންނަށް ލިބިފައިވާ މެޑެލްތަކުގެ އަގު ރައްޔިތުންނަށް ދައްކަން ޖެހެއެވެ. ދިވެހި ފުލުހުންގެ ހުޝިޔާރު ކަމާއި ހިކުމަތްތެރިކަން ދައްކައި އެ މީހުންގެ މުލައްދަނޑީގެ ބާރު ދައްކާލަން ޖެހެއެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ އާއި މި ލޮބުވެތި ރައްޔިތުންގެ ހައްގުގައި މި ގައުމުގެ ސަލާމަތީ ބާރުތަކުގެ ގެރެންޓީ އޮތް މިންވަރެއް ދައްކައިދޭން ޖެހެއެވެ. ރާއްޖޭގައި މިފަދަ ގާބިލުކަމަކާއި ސަލާމަތީ ބާރުތަކުގައި މިފަދަ އުރަތްޕެއް ނެތްނަމަ ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީގައި ވެސް ދުޝްމަނުން ފުނޑުފުޑު ކޮށްލަން ޖެހެއެވެ.


އެކަމަކު މިކަން ކުރާނީ ކާކު ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތި އެމީހަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނު "ދަނގަޑު ދަހަނާ" އަޅުއްވަންވީ ވަގުތަކީ މިއީއެވެ.


ދިވެހި ސިފައިންނާއި ފުލުހުން އެމީހުންގެ މައިންގެ ބަނޑުން އުފަންވެ މިގައުމަށް ނިސްބަތްވީ މިފަދަ ދުވަހަކަށްޓަކައެވެ. މިގައުމުގެ މޭމަތީގައި ތަރުބިއްޔަތުދީ މަގާމުތަކަށް އުފުލައިދިނީ މިއަދަށްޓަކައެވެ.


ކަމާބެހޭ މުއައްސަސާތައް ގުޅުވައި ކޯޑިނޭޓް ކުރެއްވުމާއި ކާމިޔާބު ހޯދޭނޭ ކޮންމެ މަގަކުން ހިންގަވައި މިކަން ކުރެއްވުމުގައި ރައީސް ނަޝީދު ހަކުޅި ކުރިއަށް ކުޅުއްވަން އެބަޖެހެއެވެ. ސިޔާސީ ނުތަނަވަސް ކަމާ ގުޅިގެން ދާދި ފަހުން ދެއްކެވި ވާހަކަފުޅެއްގައި ރައީސް ނަޝީދު ވަނީ ހަ ކުޅި ކުރިއަށް ކުޅުއްވާނޭ ކަމަށް ވިދާޅުވެފައެވެ. މިއީ އެ މަނިކުފާނުގެ ވައުދުފުޅުގެ ތެދުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދެއްވަންވީ ވަގުތެވެ.


ރައީސުލްޖުމްހޫރިއްޔާއެވެ. މަނިކުފާނުގެ ހިކުމަތްތެރި އަމަލުފުޅެއްގެ އިންތިޒާރުގައި ރައްޔިތުމީހާ އެބަހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް