ވެރިކަމުގެ ދަހިވެތިކަމުގެ ބަދަލުގައި ގައުމީ މަސްލަޙަތާއި ފުދުންތެރިކަމަށް އިސްކަންދިނުމަށް ރައީސް ގޮވާލައްވައިފި

ހުރަވީ ދުވަހު ރަސްމީ ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަން އެއްކިބާކޮށް، ގައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމާއި ވެރިކަމުގެ ބޭނުމުގައި އުފެދޭ ޚިޔާލުތަފާތުވުންތަކަށްވުރެ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދިނުން މާ މުހިންމު ކަމަށެވެ.

މީގެއިތުރުން ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ގައުމީ އިޚްލާޞްތެރިކަން ނެރެ، ޒާތީ އަރާރުންތަކަށްވުރެ ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ގައުމީ އިޚްލާޞްތެރިކަން ނެރެން އެބަ ޖެހޭ. ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން އެބަ ޖެހޭ. ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ." ރައީސްގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.

މީގެއިތުރުން، ދަރަނީގެ އަޅުވެތިކަމުގައި ފަނާވެ ދިޔުމުގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ފުދުންތެރި އަދި ފާގަތި މުސްތަގްބަލަކަށް އަމާޒު ހިފުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

އެގޮތުން ގައުމުގެ އިގްތިޞާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި މާލީ ގޮތުން ދެމެހެއްޓެނިވި ސިޔާސަތުތަކެއް ގެންގުޅުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ނުތިބެ، ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ގަރުނު ފުރެން ގާތްވަމުންދާއިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި، މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ. އަދި ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުތަކުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ގަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު. ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން އެބަޖެހޭ." ރައީސްގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.

ހުރަވީ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭ އެންމެ މުހިންމު އެއް އުގަމީ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ ހުރަވީ ދަރިކޮޅުގެ ފުރަތަމަ ރަދުން އަދި ދިވެހިރާއްޖެ މަލާބާރުންގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވި ގައުމީ ބަޠަލު، އައްސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) އަށެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ބޭރުގެ އަނިޔާވެރި ނުފޫޒުތައް ފޯރާފައި އޮތް ދުވަސްވަރެއްގައި، ގައުމާއި ރައްޔިތުން ސަލާމަތްކުރެއްވުމަށް ދޮންބަންޑާރައިން ކުރެއްވި މަތިވެރި ޖިހާދާއި ހޯއްދެވި ތާރީޚީ ކާމިޔާބީގެ ހަނދާން އާކުރުމެވެ.

މި ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުން ފެށިގެންނެވެ.

comment ކޮމެންޓް