"ބައެއް މީހުން މަރުދެކެ ބިރުގަންނަނީ ހުވަފެނެއްގެ ނިމުން އަތުވެދާނެތީއެވެ. މި ހުވަފެނުން ހޭލަން ބޭނުންނުވާތީއެވެ. ލޯބިވާ މީހުންނާއި އެމީހެއްގެ ޚާއްސަ އެއްޗެހި އަދި އުޅެ ބޮޑުވި ތަނާއި މި ދުނިޔެއިންވެސް އަބަދަށްޓަކާ ވަކިވެގެން ދާން ޖެހިދާނެތީއެވެ. މިއީ ވަގުތީ މަންޒިލެކެވެ. ހަގީގަތުގައި ދުނިޔޭގައި ތިބެ ބިރުގަންނަންވީ ތިބާއަށް ކުރެވޭ ހެޔޮ އަމަލު މަދުވެދާނެތީއެވެ. ހުސް އަތާ ދާންޖެހިދާނެތީއެވެ. ލިބޭ ވަގުތުތަކުގައި އާޚިރަތް އިސްކުރުމަކީ ދެދުނިޔޭގެ ނަސީބާއި ބާއްޖަވެރިކަމެވެ."
***
ނަސްރީން އަށް ސިފްރާން ފެނުމާއެކު އޭނާގެ ކައިރީގައި ހުއްޓުނެވެ. "ދަރިފުޅު......މިލްހާ ދުށިންތަ؟"
"އޭނާ ވީ ކުދިންނާއެކު......"ސިފްރާން ކުޑަދޮރާއި ދިމާލަށް ބަލައިލިއެވެ.
"މަންމައަށް އެނގޭ. މައްޗަށް ދިއުމުގެ ކުރިން އޭނާ އެއްޗެއް ކާން ބޭނުންތޯ އަހާލަން ބޭނުންވީ...އެކުއްޖާ ރޭގަނޑުގެ ކެއުމުގައި އަތްވެސް ނުލާ."
"އޭނާ ކާ އެއްޗެއްގެ ހިސާބު ބެލެހެއްޓުމަކީ އަޅުގަނޑުގެ މަސައްކަތެއްވެސް ނޫން..މަންމާ އަޅާނުލާ..ބަނޑުހައިވެއްޖެއްޔާ އަމިއްލައަށް ކާނެ."
ނަސްރީން ހައިރާންވީ ދަރިފުޅުގެ އަޑުގައި ހަރުކަށިކަމެއް އެކުލެވުމުންނެވެ. އެއީ ނަސްރީން އަޅާނުލައި ދޫކޮށްނުލާނެ ފަދަ ހަރުކަށިކަމެކެވެ.
"ސިފްރާން ހިތްހަމަނުޖެހޭވަރުގެ އެއްޗެއްތަ މަންމަ އަށް ބުނެވުނީ؟ދަރިފުޅު އެފަދަ ކަމެއް ކޮށްފާނެކަމަކަށް ޚިޔާލެއްވެސް ނުކުރެވޭ.....ނަމަވެސް ދަރިފުޅަށް އޭނާ ކައިރީ އަހާލެވިދާނެ. އޭނާ މުޅި ރޭގަނޑުގެ ބޮޑުބައިގާ ހުރީ ކޮޅަށް."
"އޭނާ އަމިއްލަ ނަފުސަށް އަޅާލާ އަމިއްލައަށް އުޅެން އެނގޭހެން ހީވޭ........" ޖޫހީއާއެކު މިލްހާ ގޮސް ކޮރިޑޯއިން ލަނބައިލި މަންޒަރު ސިފްރާންއަށް ފެނުނެވެ.
"އޭނާއަކީ ދަރިފުޅުގެ އަނބިމީހާ. ކުޑަކުޑަ އޯގާތެރިކަމެއް ދެއްކުމުގައި ގޯހެއްނެތް.... އޭނާ ކަމަކަށް އެދެންދެން މަޑުކުރާކަށް ނުޖެހޭނެ. ސުވާލުކުރެވިދާނެ..އެއީ މައްސަލައެއްނޫން....." އޭނަ ތަންކޮޅެއް މަޑުން ބުނެލިއެވެ. ސިފްރާން ހުރީ ހިމޭނުންނެވެ.
" ދަރިފުޅުގެ އަމިއްލަ ގޮތްތަކެއް ހުންނަކަން މަންމައަށްވެސް އެނގޭ...." އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ނަމަވެސް އޭނާ މިގޭގައި އުޅެންޖެހޭނީ މެހުމާނެއްހެން އިޙްސާސް ކުރެވޭ ގޮތަކަށް ނޫން......"
"މިކަން ކާމިޔާބުވާނެކަމުގެ ޔަޤީންކަން ބައްޕައާއި މަންމައަށް ވަރަށް ބޮޑަށް އޮތް...." ސިފްރާން މަންމައާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
"އާން ދަރިފުޅު..ކީއްވެ ކާމިޔާބުނުވާންވީ؟ކާމިޔާބު މީހުންނަށް ހުރިހާ އެއްޗެއް ހާސިލުކުރެވޭނެ....މިއީ ޓްރައިކޮށްލުން ހައްޤު ކަމެއް ކަމަށް ގަބޫލުނުކުރެވުނުނަމަ، މަންމަމެން މިހާ ބޮޑު ފިޔަވަޅެއް ނުނަގާނަން..."
"ޓްރައިން ވަޓް އެކްޒެކްޓްލީ؟"
"މި އާއިލާއަށް މާޒީގައި ގެއްލިފައިވާ ކަމެއް އަނބުރާ ހޯދައިދިނުމުގެ ފުރުސަތެއް ދިނުމަށް......" ނަސްރީން ސިފްރާންގެ އަތުގައި ފިރުމައިލިއެވެ."ސިފްރާން....ދަރިފުޅު......އޭނާ އެހުރީ އެހެން މީހެއްގެ މަގާމު ފުރާކަށް ނޫން،"
"ދަރިފުޅުގެ ބައްޕައާއި މަންމަ ދުވަހަކުވެސް ގަސްދުކުރި ކަމެއް ނޫން އޭނާގެ ކޮނޑުގައި އެ ބުރަ އަޅުވާކަށް. މަންމަމެންގެ ހަމައެކަނި އުންމީދަކީ ވަގުތާއެކު އޭނާގެ ހާޟިރުގެ ސަބަބުން ބައެއް ކަންކަން ކުޑަކޮށް ފަސޭހަވެގެންދާނެ ކަމަށް."
"އެހެންވިއްޔާ މަންމަ އޭނާގެ އިނގިލީގައި އެ އަނގޮޓި އެޅުވީ ކީއްވެ؟ އަދި އޭނާ ލީ ހެދުމާ މުޅިން އެއްގޮތް ހެދުމެއް މިލްހާއަށް ލެއްވީ ކީއްވެ؟"
ނަސްރީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ވަގުތުކޮޅަކަށް އޭނާ ޖަވާބެއް ނުދިނެވެ.
"ސިފްރާން......އެ އަނގޮޓިއަކީ އާއިލާގެ އެއްޗެއް....." ނަސްރީން އިރުކޮޅެއްފަހުން ބޯ ހޫރައިލިއެވެ.
އެއީ ސިފްރާން ޤަބޫލުކުރުވާވަރުގެ ޖަވާބަކަށް ނުވިއެވެ.
"މަންމަ ނުބުނަން ހުރިހާ ކަމެއް ފުރިހަމައޭ....ނަމަވެސް ދަރިފުޅަށް އެނގޭނެ ދަރިފުޅުގެ ބައްޕައާއި މަންމަ މިކައިވެނި ކުރަން އެދުނު ސަބަބު. މަންމަމެން ހީކުރީ މިލްހާ މިގެއަށް ފަރިތަވާން ފެށުމުން ބަދަލުވުމުގެ މަރުޙަލާ ފަސޭހަވާނެ ކަމަށް. މަންމަމެން ހީކުރީ އެއީ އެހީއަކަށް ވާނެ ކަމަށް."
"އަދި އެކަމުގެ ސަބަބުން ހުރިހާ ކަމެއް ގޯސްވެއްޖެނަމަޔޯ؟" ސިފްރާންގެ މަޑުމަޑުން އިނގިލިތައް މުށްކަވާފައި ހުޅުވައިލިއެވެ.
"ބަލަމާ ދަރިފުޅާ. ވަގުތާއެކު މަންމަމެންނަށް ރަގަޅު ނަތީޖާ ފެންނާނެ. އެއްވެސް މަސައްކަތެއް ނުކުރާނަމަ، ކަމެއް ބަދަލުވާނީ ކިހިނެއް؟" ސިފްރާންގެ ކޮނޑުގައި ކުޑަކޮށް ޖަހައިލަމުން ނަސްރީން ހިނިތުންވެލިއެވެ.
ސިފްރާން އޭނާގެ މަންމައާ ޖަދަލުކުރާކަށް ބޭނުމެއް ނުވިއެވެ. މިލްހާގެ އިނގިލީގައި އޭނާގެ މަރުވެފައިވާ އަނބިމީހާގެ އަނގޮޓި އޮތްވާ ފެނުމުން އޭނާގެ ހިތުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެ އަނގޮޓި އޮތީ ހަމައެކަނި އޭނާގެ އަންހެނުންނަށް ޚާއްސަވެފައެވެ. އެއީ ސިފްރާން އޭނާގެ އަމިއްލަ މުސާރައިން ފުރަތަމަ ގަތް އެއްޗެވެ. މުޅި ދުނިޔޭގައިވެސް އެފަދަ ދެވަނައެއް ނެތް އަލިމަސް އަނގޮޓިއެކެވެ.
މިލްހާއަކަށް އޭނަގެ އަނބިމީހާއަށް ވެވޭކަށް ނެތެވެ. މަސައްކަތްކުރިޔަސް ނުވެވޭނެއެވެ. މިލްހާ ފެންނަނީ މާ ޅަކޮށް ސީރިއަސްކަމެއް ނެތް ކުއްޖެއްގެ ގޮތުގައެވެ. އޭނާއަކީ މާ އަނގަ ގަދަ އަދި ބޮލަށް އުދަގޫވާގޮތަަށް އުޅޭ ކުއްޖެކެވެ. އަނގަ ތަޅާވަރުން މީހަކު މޮޔަކޮށްލާނެއެވެ. ފުރުސަތު ދީފިއްޔާ އޭނައަށް ވާނެގޮތެއް ދެނެވޮޑިގެންވަނީ ﷲއެވެ.
***
މިލްހާއަށް ޖޫހީ ފެނުނީ ކާކޮޓަރީގެ ކައިރީގައި ހުރި ބައިންނެވެ. މެހުމާނުން ކައި ނިމިގެން ހަޑިވެފައިހުރި ކާ ތަށިތަކާއި ބިއްލޫރިތަށިތަކާއި އެއްޗެހި ދޮންނަން ވެގެން ބަރިއަކަށް ޖަހާފައި އެއްބައި ދޮންނަން އަޅައިގެންނެވެ.
"އެހީއެއް ބޭނުންތަ؟" އޭނަ ސުވާލުކޮށްލިއެވެ. ޖޫހީ އިސްއުފުލާ ބަލައިލިއެވެ.
"އޯ، ނޫން ނޫން މެޑަމް. މިހިރީ ގާތްގަނޑަކަށް ނިންމާފަ. އެހެންނޫނަސް މެޑަމް ނަސްރީން އެކަމާއިހެދި ނުރުހުންވެ އަހަންނާއި ދިމާލަށް ހަޅޭއްލެވުމަށް ބޭނުމެއްނޫން..."
"މިލްހާއޭ ކިޔާފައި ގޮވަން ބުނީމެއްނު ޖޫހީ......" އޭނަ އަށް މަޖާވީ "މެޑަމް" ކިޔާފައި ގޮވުމުންނެވެ. އޭނާ ޖޫހީގެ ފަހަތުން ޚާދިމާއިން އުޅޭ ބަޔަށް ދިޔައެވެ.
ކުޑަ ވަގުތުކޮޅަކަށް އެދެކުދިން ޕާޓީގެ ވާހަކަދެއްކިއެވެ. ބަދިގޭގައި މާ ގިނައިން ކާނާ ތައްޔާރުކުރަންޖެހުނުކަމާއި އެކަމަކު ގިނަވުމުގެ ސަބަބުން ކިތަންމެ އެއްޗެއް އުކާލަންޖެހުނުކަމުގެ ޝަކުވާ ޖޫހީ ކޮށްލިއެވެ. ސަމާސާ ރާގަކަށެވެ.
"ބެސީ ބުނީ އާންމުކޮށް މިފަދަ މުނާސަބަތުތަކަށް ތައްޔާރުކުރާ ވަރަށްވުރެ މިއީ މަދު މިންވަރެކޭ......." ޖޫހީ ބޯހޫރާލިއެވެ. "އަހަރެންނަކަށް ނޭނގެ އެމީހުން އެކަން ކުރާ ގޮތެއް. އެހާ ގިނަ މަސައްކަތް... އަދި އެހާ ގިނަ ކާނާ...."
މިލްހާ ބަލަން ހުއްޓާ ޖޫނީ މެޝިނަށް ތަށިތައް ދޮންނަންވެގެން ލިއެވެ.
"އެ ހުރިހާ އެއްޗެއް އުކާލާނީތަ؟" އެހާ ގިނަ ކާނާ ބާކީވެފައި ހުރިތަން ފެނުމުން އޭނާއަށް ކުޑަކޮށް އުނދަގޫވިއެވެ. އޭނާގެ ހިތަށްއެރިއެވެ. ޝުކުރުވެރިވުމަކީ ހަމައެކަނި ރަނގަޅު އެއްޗެއް ކުރިމައްޗަށް އައުމުން "'އަލްޙަމްދުﷲ" ކިޔުމެއް ނޫނެވެ. އެއީ އޭގެ ޤަދަރު ދެނެގަތުމާއި ބުއްދިވެރިގޮތުގައި އޭގެ ބޭނުންހިފުމާއި އަދި އެފަދަ ތަނަވަސްކަމެއް ލިބިފައިނުވާ މީހުންގެ މަތިން ހަނދާންކުރުންވެސްމެއެވެ. ސަދަގާތް ދިނުމެވެ.
"އެއީ ވަރަށް ދެރަކަމެއް،" އޭނާ މަޑުމަޑުން ބުންޏެވެ. "މި ހުރިހާ އެއްޗެއްގެ ކުޑަކުޑަ މިންވަރަކަށްވެސް އުފަލުން ޝުކުރުކުރާނެ އެތައް މީހުންނެއް އެބައުޅޭ."
ޖޫހީ ބޯޖަހާލިއެވެ. "އަހަންނަށް ހީވާގޮތުން މިހާ ގިނައިން ލިބޭ މުއްސަދިންނަށް އަބަދަކު އެއްޗެހި އުކައިލަން ޖެހޭކަން ފާހަގައެއް ނުކުރެވޭނެ..."
މިލްހާ ބޮޑުވަމުން އައިއިރު އެތައް ފަހަރަކު އަޑުއަހާފައިވާ އާޔަތެއްގެ މަތިން ހަނދާންވިއެވެ. އެމީހުންނަށް ކެވޭވަރަށްވުރެ ގިނައިން ތަށްޓަށް ކާން އަޅާ ކޮންމެ ފަހަރަކު މަންމަ އެ އާޔަތް ހަނދާންކޮށްދެއެވެ.
"ޤުރްއާނުގައި ﷲ އަޅަމެންނަށް އަންގަވަނީ ކައިބޮއި ހެދުމަށް... ނަމަވެސް އިސްރާފުނުކުރުމަށް... އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވޮޑިގެންނެއް ނުވޭ....." އޭނާ ޖޫހީއަށް ބަލައިލަމުން ސޫރަތުލް އަޢުރާފްގެ އެއްތިރީސް ވަނަ އާޔަތް މާނައާއެކު ކިޔާދިނެވެ.
ޖޫހީ އަތް މަހާލައިގެން އިސްޖަހައިގެން ހުރިގޮތުން އިހުތިރާމްކުރިކަން އެނގުނެވެ. ބުދު ދީނުގެ އާއިލާއަކުން އައި މީހަކަށްވުމުން، ޖޫހީއަށް އިސްލާމް ދީނާއި ބެހޭ އެއްވެސް މައުލޫމާތެއ އެނގިފައެއްނުވެއެވެ. އޭނައަށް ދީން އޮޅުން ފިލަން ފެށީ މިލްހާއާ ބައްދަލުވިފަހުންނެވެ. މިލްހާ ދޭތެރެއަކުން ޤުރްއާނުގެ އާޔަތެއް ނުވަތަ އިސްލާމީ ވާހަކައެއް ކިޔައިދެނީ ނިކަން ޝައުގުވެރިވާފަދަ ގޮތަކަށެވެ.
މިލްހާގެ ހަނދާނަށް ކުއްލިއަކަށް އައީ އޭނާ ޖޫހީގެ ފަހަތުން އައި ސަބަބެވެ. އެއާއެކު ވަރަށް އާދައިގެ ގޮތަކަށް ސުވާލުކޮށްލިއެވެ. "ޖޫހީ މިގޭގައި މަސައްކަތްކުރާތާ ކިހާ ދުވަހެއް ވެއްޖެ؟"
"ގާތްގަނޑަކަށް ހަ މަސް..." ޖޫހީ ލޯ ކުޑަކޮށްލަމުން ބުމަ ކައިރީގައި އިނގިލި ޖައްސައިލިއެވެ.
"ސިފްރާންގެ ފުރަތަމަ އަނބިމީހާ އެނގޭތަ؟" އޭނަ ދުރުން ނުގޮސް ސީދާ މައުޟޫއަށް ދިޔައެވެ.
ޖޫހީ ލޯ ބޮޑުކޮށްލަމުން ހިންދިރުވައިލިއެވެ. "ނޫން، މިލްހާ. ދުވަހަކުވެސް އޭނާއަކާ ބައްދަލެއް ނުވޭ. މިގޭގައި މަސައްކަތްކުރަން ފެށުމުގެ މާ ކުރިން އޭނާ ނިޔާވެއްޖެ. ހީވާގޮތުން ފަސްވަރަކަށް އަހަރުވެދާނެ..."
"އޯ...." އޭނަ ކުޑަކޮށް ބުމަ އަރުވައިލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. ކުޑަދޮރުން ބޭރު ފެންނަން ހުރުމުން އެދިމާލަށް އިރުކޮޅަކު ބަލަން އިނެވެ. މިހާރު ސްނޯ ފޭބުން ހުއްޓާލައިފިއެވެ. ފަތްތައް ވެރިވެފައިވާ ގަސްތައް ވަނީ ހުދު ފޭރާން އަޅާފައެވެ. "ހަމައެކަނި ބޭނުންވީ އޭނާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަންނަން."
ޖޫހީ ކާކޮޓަރީގެ ވަންނަ ދޮރާ ދިމާލަށް ބަލައިލުމަށްފަހު ވައި އަޑަކުން ބުނެލިއެވެ.
"އޭނާއަކީ ކޮންކަހަލަ މީހެއްކަމެއް ސީދާ ނޭގޭޭ. ނަމަވެސް ބައެއް ވާހަކަތައް އިވިފައިވޭ."
"ކޮންކަހަލަ ވާހަކަތަކެއް؟"އޭނަގެ ހިތް އަވަސްވިއެވެ.
ޖޫހީ އެއްޗެކޭ ބުނަން އުޅެފައި ދެވަނަ ވިސްނުމަކަށް ދިޔަހެން ހީވިއެވެ. ދޮވެ ނިމުނު ތަށިތައް ނަގާފައި ބާކީ ހުރި ތަށިތައް ލާންފެށިއެވެ.
"މި އާއިލާގެ ޒާތީ ކަންތައްތަކުގެ ތެރެއަށް ވަދެ ވާހަކަދެއްކުމަކީ އަހަރެންގެ މަގާމު ތަންދޭ ކަމެއްނޫން.."
"އަހަރެން ނުބުނަމެއްނު ޖޫހީ ބުނެގެން ނުވާނެ އެއްވެސް އެއްޗެއް ކިޔައިދޭން ޖެހޭނެއޭ......" އޭނަ ކުޑަ ހިނިތުންވުމެއް ދިނެވެ. "އަހަރެން ހަމައެކަނި ޝައުޤުވެރިވަަނީ އެއްވެސް މީހަކު އޭނާގެ ވާހަކަ ދައްކާއަޑު ނީވޭތީ..އެކަމުގައި ސިއްރެއްވާކަމުގައި ހިތް ބުނާތީ...."
"އެއީ އެ ހިނގި ހާދިސާގެ ވާހަކަ ދައްކަން އެއްވެސްް މީހަކު ބޭނުންނުވާތީ....."
"ކިހިނެއްވީ؟" އޭނަ ހިތް ބާރަށް ތެޅެމުންދާ އަޑު އަމިއްލަ ކަންފަތަށްވެސް އިވުނެވެ.
"އޭނާ ނިޔާވީ ކިހިނެއް؟"
ޖޫހީ ހިން ދިރުވާލިއެވެ. "މިލްހާ މެޑަމް....އެދުވަހު މިގެއިން ނިޔާވީ އެންމެ މީހެއްނޫން....."
އޭނަެގެ އަތުގެ ލޯލިތައް ކޮޅަށް ޖެހުނުކަމުގެ އިހުސާސްއާއެކު އަނގަމަތީގައި އަތް އަޅައިލެވުނީ ސިހިފައެވެ. "ކީކޭ ތިޔަ ކިޔަނީ؟"
"ސިފްރާން ސާހިބުގެ އަނބިމީހާ ނިޔާވީ. ރާހާއާއި ސާރާގެ ބައްޕަވެސް ނިޔާވީ....."
"ހަމަ އެ ދުވަހު؟" އޭނަ އެސްފިޔަ އަވަސްއަވަހަށް ޖަހައިލިއެވެ.
ޖޫހީ ސީރިއަސްކަމާއެކު ބޯޖަހާލިއެވެ.
ކުޑަ ސިކުންތުކޮޅަކަށް، އެ ކޮޓަރީގައި އިވުނު ހަމައެކަނި އަޑަކީ ބަދިގޭގެ ކޮންމެވެސް ދިމާލަކުން ތަށިތައް އެއްކުރާ މަޑު އަޑެވެ.
"އެއީ އެކްސިޑެންޓެއްތަ؟" އޭނަ ޖޫހީއާއި ކައިރިއަށް ޖެހިލިއެވެ. ޖޫހީވެސް ވަށައިގެން ބަލައިލީ ބިރުގެންފައިވާގޮތަކަށެވެ.
ޖޫހީ ބޯ ހޫރައިލީ ޔަގީންކަމެއް ނެތްފަދަ ގޮތަކަށެވެ.
"އެކަކަށްވެސް ޔަގީންކަމައެކު އެކަން އެނގޭހެނެއް ހިޔެއްނުވޭ.. ޔަގީނުންވެސް އަހަރެން އެ ވާހަކަދެއްކި އެކަކުވެސް އެއްބަހެއްނުވޭ...."
"އެކަމަކު ޖޫހީ ދެންމެ ތި ބުނީނު އެއީ އެކްސިޑެންޓެކޭ. "
"ހޫމް އެކަކު އެހެން ބުނި. އަނެކަކު ބުނީ ކުއްލިއަކަށް ބަލިވީކަމަށް....ނަމަވެސް ތަންކޮޅެއް އުމުރުން ދުވަސްވީ މީހަކު ބުނީ މުޅިން ތަފާތު އެއްޗެއް.."
ޖޫހީ މިލްހާގެ ކަންފަތް ކައިރީގައި އަނގަ ޖަހާފައި ކިރިޔާ އިވޭވަރަށް ބުނެލިއެވެ. "އޭނާ ބުނީ ސިފްރާން ސާހިބުގެ އަނބިމީހާއާއި ސާރާމެންގެ ބައްޕަ އުޅުނީ ވަރަށް ގާތްކޮށޭ."
"ކީކޭ؟ ގާތްކޮށޭ؟" އޭނަ އަނގަޔަށް ގޮތެއް ހެދިއެވެ.
" އޭނަ ބުނީ އެމީހުން އެކުގައި ވަރަށް ގިނައިން ފެނުނޭ.. އެދެމީހުން ލޯބީގެ ގޮތުން ގުޅިފައިވާކަމަށްވެސް އޭރު ކިޔޭ..."
"އަހަރެން މި ބުނެލީ އަހަރެންނަށް އިވުނު ވާހަކަތައް މެޑަމް...މީގެއިން އެއްވެސް ކަމެއްގެ ހަގީގަތެއް ނޭގޭ..."ޖޫހީ ނުތަނަވަސްވެފައިވާފަދަ ގޮތަކަށް ދެއަތްތިލަ އުނގުޅައިލިއެވެ.
"މީހުން އެހެން ބުނަންވީ ކީއްވެ؟"
"ޚާދިމާއެއްގެ ސަބަބުން......" ޖޫހީ ބުނެލިއެވެ.
"ކޮން ޚާދިމާއެއް؟"
"އޭގެ އަނެއް ދުވަހު ނިޔާވި ޚާދިމާ... އެނގިފައިވާ ގޮތުގައި، އެ ދެމީހުން އެކުގައި ތިއްބާ ފެނުނު މީހަކީ އެއީ. ބައެއް މީހުން ބުނަނީ އޭނާއަށް އެމީހުންގެ ސިއްރެއް އެނގިގެން ކޮންމެވެސް މީހަކަށް އެކަން ކިޔައިދޭން އުޅުނީއޭ."
ނުނިމޭ