ހުރިހާ އެންމެން ޕީޕީއެމް އާއި އެމްޑީޕީއާ ގުޅުމަށް އަލީ ވަހީދު ގޮވާލައްވައިފި

ސިޔާސީ ގޮތުން ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށާއި ޕީޕީއެމް އާއި އެމްޑީޕީ ފިޔަވައި ދެން ހުރި ސިޔާސީ ޕާޓީތަކުގައި ތިއްބެވި މެންބަރުން އެ ޕާޓީތައް ދޫކޮށްލެއްވުމަށް ފަހު ޕީޕީއެމް އާއި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ޕީޕީއެމް އާއި އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއަކަށް ރިޔާސީ ރޭހުގައި މާބޮޑު ވާދައެއް ކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޕާޓީތަކުގެ އޮފީސް ހުންނަތަނާއި އެ ޕާޓީތަކުގެ އޮފީސް ހުޅުވާކަން އިލެކްޝަނަށް ނޭނގޭ އެތައް ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަމުންދާ ކަމަށާއި އެއީ ބޮޑުވެގެންވާ ހިޔާނާތެއްކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ޕީޕީއެމް އާއި އެމްޑީޕީ ފިޔަވައި ދެން ހުރި ޕާޓީތައް އުވާލުމަށް ވެސް އަލީ ވަހީދު ވަނީ ގޮވައިލައްވައިފަ އެވެ.

"]ޕީޕީއެމް އާއި އެމްޑީޕީ ފިޔަވައި[ އަޅުގަނޑަކަށް ހިއެއްނުވޭ ދެން އެހެން ޕާޓީއަކަށް ރިޔާސީ ރޭހުގައި މާބޮޑު ވާދައެއް ކޮށްލެވިދާނެހެނެއް. އެހެންވީމާ ހަގީގަތާ އެއްގޮތަށް އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭނީ. އަޅުގަނޑު މިއަދު ގޮވާލަން ބޭނުން، ބާކީތިބި ސިޔާސީ ޕާޓީތައް އުވާލަން ވެސް. ރާއްޖޭގައި މިހިރަ ހުރިހާ ކަމެއްގައި މި ދެ ޕާޓީ އެބަޖެހޭ ފެންވަރުގެ ގޮތުންނާއި ފަންވަރުގެ ގޮތުން ވަރުގަދަވާން. އަޅުގަނޑު މިއަދު ގޮވާލަން ބޭނުން އަދާލަތު ޕާޓީއަށް ވެސް އަދި އެހެނިހެން ޕާޓީތަކަށް ވެސް އެ ޕާޓީތަކުން ވަކިވެ ޕީޕީއެމް އާއި އެމްޑީޕީއަށް އެބޭފުޅުން ވެދެވަޑައިގަންނަވާށޭ. އެއަށް ފަހު އެ ޕާޓީތަކުގެ ކަންކަން ވަރުގަދަކޮށް ހަރުދަނާ ކުރަން. ދިވެހި ރާއްޖޭގައި ހަގީގަތުގައި އޮންނަންވީ ދެ ޕާޓީ. އެނޫން ގޮތަކަށް ރާއްޖޭގެ ސިޔާސީ ކުރިމަގެއްނެތް. އަޅުގަނޑުމެން 13 ސިޔާސީ ޕާޓީއަށް ބެހިގެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ޕާޓީއެއްގެ އަމިއްލަ އެޖެންޑާ އިސް ކުރުމާއި އެ ޕާޓީގެ ލީޑަރުގެ އެޖެންޑާ އިސްކުރުން ފިޔަވައި ދެންކުރާ އެއްކަމެއް ވެސް އެ ކުދި ޕާޓީތަކަކު ނެތް، މިއީ ހަގީގަތް،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އާއި އެމްޑީޕީ ނައްތާލައިގެން މި ގައުމަކަށް ކުރިމަގެއް ނެތް ކަމަށާއި އެ ދެ ޕާޓީ ނައްތާ ވެސް ނުލެވޭނެ ކަމަށެވެ. ނަމަވެސް އެއީ ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނާއި އެމްޑީޕީގެ އިސް ލީޑަރު މުހައްމަދު ނަޝީދުގެ ހުރިހާ ކުށްތައް ބަލައިގަތީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ދިވެހި ރައްޔިތުންގެ އެތައްހާސް ބައެއްގެ ތާއީދާއި ލޯބި ލިބިފައިވާ ދެ ޕާޓީ. އޭގެ މާނައަކީ އެމްޑީޕީގެ އިސް ލީޑަރު މުހައްމަދު ނަޝީދާއި ޕީޕީއެމްގެ އިސް ލީޑަރު މައުމޫން އަބުދުލް ގައްޔޫމުގެ ހުރިހާ ކުށްތަކެއް އަޅުގަނޑުމެން ބަލައިގަންނަ ވާހަކައެއް ނޫން. ބަލައި ގަނެގެން ވެސް ނުވާނެ. އެ ދެ ބޭފުޅުން ވެސް މަސައްކަތް ކުރަން ޖެހޭނީ މިގައުމު އިސްލާހްކޮށް ހަރުދަނާކުރަން. އަދި އެ ދެ ބޭފުޅުންގެ އަމިއްލަ ދޭތިކަމުގައި އެ ދޭތި ހަދައިގެން ވެސް ނުވާނެ." އަލީ ވަހީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު