އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެން، އެ ކްލަބުގެ ހެޑް ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިއެވެ.
ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޔުނައިޓެޑުން ސީޒަނެއް ފެށި އެންމެ ދަށް ނަތީޖާތަކާއެކު، ލީގު ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގައި ޓީމު އޮތުމުން ކްލަބުގެ ވެރިން މި ނިންމުން ނިންމާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އުމުރުން 45 އަހަރުގެ ކެރިކް ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް ހަމަޖެއްސީ ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ހޯދި ކާމިޔާބީތަކަށްފަހު، 2028 ވަނަ އަހަރުގެ ނިޔަލަށް ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް މި ސީޒަނުގެ ލީގުގައި މިހާތަނަށް އެންމެ މެޗަކުން މޮޅުވެފައިވާއިރު، ހުރިހާ މުބާރާތެއްގައި ވެސް މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި ސެޕްޓެމްބަރު މަހު ބްރައިޓަން އަތުން ބަލިވެ ކަރަބާއޯ ކަޕުން ވެސް ޔުނައިޓެޑް ވަނީ ކަޓާފައެވެ.
ކެރިކް މަގާމުން ވަކިކުރުމަށް ކްލަބުގެ ސީއީއޯ އޮމަރު ބެރާޑާ އާއި ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް ލަފާދެއްވާފައިވާއިރު، މޮނާކޯގައި ކްލަބުގެ ހިއްސާދާރު ސަރ ޖިމް ރެޓްކްލިފްއާއެކު ބޭއްވި ބައްދަލުވުމަށްފަހު މި ނިންމުން ވަނީ ތަންފީޒުކޮށްފައެވެ.
ކެރިކްގެ އެއްބަސްވުމުގައި ހިމެނޭ ބްރޭކް ކްލޯޒްގެ ދަށުން އޭނާ މަގާމުން ވަކިކުރުމުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 3 މިލިއަން ޕައުންޑް ޔުނައިޓެޑުން ދައްކަން ޖެހޭނެއެވެ.
ކެރިކްގެ ބަދަލުގައި ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް އެންމެ ގާތީ އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއެވެ.
ޓޮޓެންހަމް އަދި ޗެލްސީއަށް ކުރިން އިރުޝާދުދިން ޕޮޗެޓީނޯ އާއެކު ޔުނައިޓެޑުން އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާއިރު، އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށް ރިލީޒް ކްލޯޒްގެ ގޮތުގައި 7.4 މިލިއަން ޕައުންޑް (10 މިލިއަން ޑޮލަރު) ޔުނައިޓެޑުން ދައްކަން ޖެހޭނެއެވެ.