ޕާކިސްތާނު ކައިރިން ބަލިވިޔަސް ރާއްޖެ ފަސޭހަކޮށް ނުނެގޭނެ: އިންޑިއާ ކޯޗު

ސާފް ޗެމްޕިއަންޝިޕް 2026 ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ހެޑު ކޯޗު ނައުޝާދު މޫސާ ވާހަކަދައްކަނީ--

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އަތުން 3-0 އިން ބަލިވި ނަމަވެސް، ދިވެހިރާއްޖެ ދަށްކޮށް ނުނެގޭނެ ކަމަށާއި އެއީ ޓެކްނިކަލީ ވަރުގަދަ ޓީމެއް ކަމަށް އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނައުޝާދު ބުނީ، މެޗުގެ ފުރަތަމަކޮޅު އަވަސް ތިން ގޯލު ވަދެ ރާއްޖެ ބަލިވި ނަމަވެސް، އެއަށްފަހު ފެނުނީ ވަރަށް ހަލުވި، އަވަސް އަދި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ޓީމެއް ކަމަށެވެ. ހާއްސަކޮށް އެޓޭކް ބިލްޑްއަޕްގައާއި ރަނގަޅު ޕާސްތަކާއެކު ކުޅުމުގައި ރާއްޖޭގެ ފެންވަރު ރަނގަޅުކަން އޭނާ ފާހަގަކުރިއެވެ.

މުބާރާތުގައި އިންޑިއާގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށްފައިވާތީ،\ މިއަދުގެ މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެންވެސް ގްރޫޕްގެ އެއްވަނަ ޔަގީން ކުރެވޭނެއެވެ. އަދި ތިން ގޯލަށްވުރެ ކުޑަ ފަރަގަކުން ބަލިވި ނަމަވެސް އިންޑިއާއަށް ސެމީ ފައިނަލުގެ ޖާގަ ލިބޭނެއެވެ. ރާއްޖެއަށް ސެމީ ފައިނަލުން ޖާގައެއް ލިބެން އޮތީ މަދުވެގެން ތިން ގޯލުގެ ތަފާތަކުން އިންޑިއާ ބަލިކޮށްގެންނެވެ.

ރާއްޖެއާއި އިންޑިއާއަކީ ސާފް މުބާރާތުގެ އެންމެ ބޮޑު ދެ ވާދަވެރިންނެވެ. 2018 ވަނަ އަހަރު ރާއްޖޭން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީވެސް މިހާރު މުބާރާތް ކުރިއަށްދާ ދަނޑުގައި، ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ. ދެ ޓީމު އެންމެފަހުން މާޗު މަހު ވާދަކުރި މެޗުން އިންޑިއާ މޮޅުވީ 3-0 އިންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެގަޑިން 14:30 ގައެވެ.

comment ކޮމެންޓް