ހޮސްޕިޓަލުގެ ސަރައްކާލީގައި ދެކޮޅަށް ހިނގާލަހިނގާލައި ހުރި ނަހާގެ ފޯނު ވަނީ އޭނާގެ ކަންފަތުގައި ޖައްސައިލެވިފައެވެ. އެކޮޅުން ފޯނު ރިންގުވާ އަޑު އިވެއެވެ. އެހެންނަމަވެސް ފޯނެއް ނުނަގައެވެ. ނަހާ ކެނޑިނޭޅި ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
ތިން ހަތަރު ފަހަރު ގުޅި ފަހުން އެކޮޅުން ފޯނު ނަގައިފައި ވާހަކަ ދެއްކިއެވެ.
"ބައްޕާ..." ނަހާ ގޮވައިލިއެވެ. އޭނާގެ އަޑުގައި ހާސްކަމާއި ކަންބޮޑުވުން ވިއެވެ.
"ނަހާ. ބުނެފީމެއްނު މި ވަގުތު ބިޒީއޭ. ކީއްވެތަ އަޑު ނީވެނީ؟ މީޓިން އެއްގަ. ފަހުން ގުޅާނަން." ފޯނު ނެގުމާ އެކު ކަމްރާން ބުނެލިއެވެ. ދެވަނަ ސިކުންތުގައި ނަހާއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ކަމްރާން ފޯނު ކަނޑައިލީއެވެ. ނަހާއަށް ހަދާނެ ގޮތް ހުސްވިއެވެ. އޭނާއަށް ފޯނު ކަންފަތާ ދުރުކޮށްލެވުނު އިރު، ކަރުނަތައް ހޯސްލައިފައި ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ހިނގައްޖެއެވެ. ދެން ހަދާނެ ގޮތެއް ނޭނގި އޭނައަށް ތިރިވެވުނީ އެ ތަނުގައި ހުރި ގޮނޑިއަށެވެ. ފޯނަށް އަތުން ބާރުކޮށްލަމުން، ލޮލުން އައި ކަރުނަތައް އޭނާ ފުހެލިއެވެ. ބައްޕައަށް އޭނާއާއި މަންމައަށް އެއްވެސް ވަގުތުކޮޅެއް ނުދެވެނީ ކީއްވެގެންހެއްޔެވެ؟ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިވީ ތިން ހަފްތާ ދުވަހުގެ ތެރޭގައި، ބައްޕަ ނާންނަނީކީ ނޫނެވެ. އެހެންނަމަވެސް، މަންމައަށް ވުރެ ބޮޑަށް ވިޔަފާރި އިސްކުރަނީއެވެ. ވިޔަފާރިއަށް ކުޑަވެސް ގެއްލުމެއް ލިބޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ރާއްޖޭގެ އެންމެ އުހުގައި ކުންފުނި ސާބިތުކުރުމަށް އަބަދު ވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއެވެ. މަންމަ އެ ޙާލުގައި އޮށްވާ ރާއްޖޭން ބޭރަށް ވެސް ގޮސްފިއެވެ. އަބަދު ވެސް އުޅެނީ ވިޔަފާރީގެ ކަންކަމުގައި ބުރަކޮށެވެ.
ނަހާ ކަރުނަތައް ފުހެލިއެވެ. އޭނާ ބައްޕައަށް އެ ގުޅީ ކޮންމެހެން އަމިއްލައަށް ބޭނުންވެގެންނެއް ވެސް ނޫނެވެ. އެހެންނަމަވެސް މަންމަ ކެނޑިނޭޅި ބައްޕައަށް ގުޅާ ގެނައުމަށް އެދި އާދޭސްކުރުމުންނެވެ. މިވީ ތިން ހަފްތާތެރޭގައި ދުވަހަކު ވެސް އެގޮތަށް މަންމަ އާދޭސްކޮށްފައެއް ނުވެއެވެ. ދުވަހަކު ވެސް ބައްޕަ ނައިސްގެން ޝަކުވާކޮށްފައި އެއްވެސް ނެތެވެ. މަންމަ ދެރަނުވަނީ ކީ ވެސް ނޫނެވެ. އަދި އެގޮތާ ރުހެނީކީ ވެސް ނޫނެވެ. އެހެންނަމަވެސް އެ މަންމަ ބައްޕައާ މެދު އުންމީދު ކަނޑައިލީއެވެ. އޭނާ ކޮންމެ ޙާލެއްގައި އޮތަސް، ކަމްރާންގެ އަތުގައި އޭނާއަށް ދޭނެ ވަގުތެއް ނޯންނާނެކަމުގައި މަންމައަށް ޤަބޫލުކުރެވުނީއެވެ.
ނަހާ ފުންނޭވާއެއް ދޫކޮށްލައިފައި ގޮސް ނާޒްލީ އޮތް ވީއައިޕީ ރޫމުގެ ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަދެލިއެވެ. އެ އެޕަރޓްމެންޓުގެ ތެރޭގައި ބަލި މީހާއަށް ޚާއްޞަކޮށްފައިވާ ކޮޓަރިއަށް ވަނުމަށް ފަހު ނަހާ މަޑުކޮށްލިއެވެ. އޭރު ވެސް ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ފަރުދާތައް ކަހައިލައިފައި ވުމުން، މަންމައަށް އޭނާ ނުފެންނާނެއެވެ.
ދެލޯ ރަނގަޅަށް ފުހެލުމަށް ފަހު ހަމަޖެހިލަމުން ލަސްލަހުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ފަރުދާތައް ކަހައިލާފައި ނަހާ ގޮސް އެނދު ކައިރީގައި މަޑުކޮށްލިއެވެ. ލޯ މެރިފައިވާ މަންމަގެ ނިތާއި ބޮލުގައި ލޯތްބާއެކު ފިރުމައިލިއެވެ.
ނަހާގެ އަތްތިލަ ޖެހުމާ އެކު ނާޒްލީ ލޯ ހުޅުވައިލިއެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. ލޯ ހުޅުވައިލައިގެން އޮވެވުނީ ވެސް ނުހަނު ހިތްވަރުންނެވެ. އޭރު އޭނާގެ ގަޔަށް ގުޅައިފައިވާ މެޝިންތަކުގެ ބީޕް އަޑު އިވެއެވެ. އޮކްސިޖަން ނުހިފައްޓާތީ މިއަދު ހެނދުނުން ފެށިގެން، އޭނާ އެ އޮންނަނީ އޮކްސިޖަންގައެވެ. މިހާރު ތިނެއް ޖަހާ ބޮޑުވީއެވެ.
"ދަރިފުޅު..." އުނދަގުލުން ނާޒްލީ ބުނެލިއެވެ.
"މަންމާ...." ނަހާ ގޮވައިލިއެވެ. ލޯތްބާ އެކީގައެވެ.
"ބައްޕަ ކޮބާ؟" ނާޒްލީ ސުވާލުކޮށްލިއެވެ. އަޑު މަޑުކަމުން ނަހާއަށް ވެސް ކީ އެއްޗެއް ސާފުވީ ކުޑަކޮށް ގުދުވެލުމުންނެވެ.
"ބައްޕަ އެބަ އާދޭ..." ނަހާއަށް މަޖުބޫރުވީ ދޮގު ހަދާށެވެ. ނާޒްލީގެ ގާތުގައި ބައްޕަ ކަންތައްކުރި ގޮތް ބުނާކަށް ނަހާއަށް ނުކެރުނީއެވެ. މަންމަ އެހާ ބަލި ޙާލުގައި އޮށްވާ އިތުރު ހިތްދަތިކަމެއް ދޭން ބޭނުންނުވީއެވެ. އޭނާ ހިނިތުންވެލަމުން އަދި ވެސް އެއްފަހަރު ބައްޕަ އެބަ އާދެޔޭ ބުނެލިއެވެ.
އެހެންނަމަވެސް، ނާޒްލީއަށް ކަނޑައެޅިގެން ނަހާ އެ އެ ހެދީ ދޮގުކަން އެނގުނެވެ. ނަހާ އެހެން ބުނެލާފައި އޭނާއާ ނަޒަރު ވަކިކޮށްލި ގޮތުން އެކަން އޭނާއަށް ޔަޤީންވެސް ވެއްޖެއެވެ. އޭނާގެ ތުންފަތް މައްޗަށް ހިތި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ނަހާ އެތަނުގައި ހުރި ގޮނޑި އެނދު ކައިރިއަށް ދަމައިލާފައި އިށީނދެލިއެވެ. އޭނާ ނާޒްލީގެ އަތުގައި ހިފަހައްޓައިލާ އެ އަތަށް ބޮސް ދިނެވެ. ނާޒްލީ އެދުނީ ނަހާ އޭނާއާ ކައިރިވެލުމަށެވެ.
"ދަރިފުޅު ހިތްވަރު ކުރައްޗޭ!" ނަހާ އޭނާގެ މޫނާ ދިމާލަށް ގުދުވެލުމުން އޭނާ ބުނެލީ އެހެންނެވެ. ނަހާގެ ދެލޮލުން ވިދުމެއް ފާޅުވެލިއެވެ. އެހެންނަމަވެސް އޭނާ ކަރުނަތައް ހިންދައިލީއެވެ. ނާޒްލީގެ އަތުގައި ހިފަހައްޓައިގެން އިސްޖަހައިލައިގެން ނަހާ އިނެވެ. އެހެން އިންދާ ނާޒްލީގެ އަތަށް ބަދަލެއް އައެވެ. އެ އަތުގެ ވަރު އެއްކޮށް ދިޔަކަހަލަ ގޮތެއް ވިއެވެ. ނަހާއަށް އިސް އުފުލައިލެވުނެވެ. އޭނާއަށް ނާޒްލީއަށް ބަލައިލެވުނެވެ. އޭރު ނާޒްލީ އޮތީ ލޯމަރައިލައިގެންނެވެ. ނަހާގެ އަތުތެރޭގައި އޮތް ނާޒްލީގެ އަތް ގޮސް އެނދުމައްޗަށް ވެއްޓުމާ އެކު އޭނާއަށް ބާރަކަށް މަންމާއޭ ކިޔައިފައި ގޮވައިލިއެވެ. ހަމަ އެއާއެކު އެނދުގެ ބޯލާ ކޮޅުގައި ހުރި ބެލްއަށް އޭނާ އޮއްބަން ފެށިއެވެ.
"މަންމާ... މަންމާ...." ނަހާ ގޮވަމުން ދިޔަ ނަމަވެސް، ނާޒްލީގެ އެއްވެސް ހަރަކާތެއް ނެތެވެ. މެޝިންތަކުގެ ބީޕްގެ އަޑުވެސް ތަފާތުވިއެވެ. އެވަގުތު ދުވަމުން ދުވަމުން އައިސް ތިން ނަރުހަކު އެތެރެއަށް ވަދެއްޖެއެވެ. އެތަނުން އެކަކު އަވަސް އަވަހަށް ޑޮކްޓަރަށް ގުޅައި ގެނައެވެ. ނަހާގެ ގާތު، ކާޓެއިންތަކުގެ އެއްފަރާތުގައި މަޑުކޮށްލަން ބުނެފައި ނާޒްލީއަށް ފަރުވާދޭން ފެށިއެވެ. ވަނީ ކީއްކަން ނަހާއަށް އެނގެއެވެ. މަންމަ ކާޑިއެކް އެރެސްޓަކަށް ދިޔައީއެވެ. ޑޮކްޓަރުންނާއި ނަރުހުން މަންމަގެ ފުރާނަ ސަލާމަތްކުރަން އުޅުނު އިރު އޭނާއަށް ގޮސް ލެނގިލެވުނީ ފާރުގައެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ގިސްލުން ބޭރުވެދާނެތީ ތުންފަތުގައި ދަތް އަޅައިލިއެވެ. އަތުގައި އޮތް ފޯނަށް ބަލައިލެވުމާ އެކު އިތުރަށް ރޮވިއްޖެއެވެ. ބައްޕައާ މެދު ހިތުގައި ޝަކުވާ އުފެދުނެވެ. މަންމަ އެ ޙާލަށް އެކަނި ދޫކޮށްލަން ބައްޕައަށް ކެތްވޭތޯ ނަހާއަށް އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.
ނާޒްލީ އިންޓިއުބޭޓްކުރުމަށް ފަހު ޑޮކްޓަރުން ނުކުތެވެ. އެމީހުން ނަހާއަށް ކަންތައްތައް އޮޅުން ފިލުވައިލަ ދީފައި ހިތްވަރު ދިނެވެ. ކާރޓެއިންތައް ކަހައިލުމަށް ފަހު، ނާޒްލީ އައިސީޔޫއަށް ގެންދާ ވާހަކަ ބުނެލިއެވެ. ނަހާ ބޯ ޖަހައިލިއެވެ.
ޑޮކްޓަރުންނާއި ނަރުހުން ނާޒްލީ ގޮވައިގެން ދިޔަ އިރު ނަހާ ވެސް ދިޔައެވެ. ދަމުންދަމުން ވެސް އޭނާ ކަމްރާންއަށް ގުޅިއެވެ. ފުރަތަމަ ފަހަރު ގުޅުމުން ފޯނު ކަނޑައިލީއެވެ. ދެން ގުޅުމުން ފޯނު ނިއްވައިލީއެވެ.
އައިސީޔޫއަށް ވެއްދުމަށް ފަހު ވެސް ޑޮކްޓަރުން އައިސް ހާލަތު އޮޅުން ފިލުވައިދިނެވެ. ނާޒްލީ މިވަގުތު އޮތީ ވެންޓިލޭޓަރުގައިކަމަށާއި ހޭއަރާނެ ވަކި ވަގުތެއް ނޭނގޭ ކަމުގައި ބުންޏެވެ. އައިސީޔޫގައި ތިބޭ ބަލިމީހުންގެ ކައިރީގައި އަބަދު ނުތިބެވޭތީ ނަހާ ނުކުންނަން ޖެހުނީ ވެއިޓިން އޭރިޔާއަށެވެ. އޭނާ އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެއާ އެކު އޭނާއަށް ރޮވެން ފެށިއެވެ. މޫނު ދެ އަތުތުގެ ތެރޭގައި ފޮރުވައިލެވުނެވެ. އެގޮތުގައި އޭނާއަށް އެތަކެއް އިރަކު އިނދެވުނެވެ.
ރޭގަނޑު ދިހައެއް ޖަހާ ބޮޑުވި އިރު ވެސް، ނަހާ އިންތަނުން ގުޑިއެއް ނުލިއެވެ. އެހެން އިންދާ އޭނާގެ ފޯނު ރިންގުވިއެވެ. ބަލައިލި އިރު ގުޅަނީ ކަމްރާންއެވެ. ނަހާގެ ގާތަށް އައި ރުޅީގައި، ފޯނު ކަނޑައިލީއެވެ. ދެވަނަ ފަހަރަށް ވެސް ކަމްރާން ގުޅައިފިއެވެ. މިފަހަރު ވެސް ނަހާ ފޯނު ކަނޑައިލީއެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ގަޑިއަކަށް ނުވާތީ ވެއިޓިން އޭރިޔާގައި މީހުންނެއް ވެސް ނެތެވެ. ގިނަ މީހުން ހިނގައްޖެއެވެ. އޭނާގެ އިތުރުން މިހާރު އެތަނުގައި އިނީ އެންމެ މީހެކެވެ. ކަމްރާން ގުޅާ ވަރުން އެންމެ ފަހުން ނަހާ ފޯނު ނިއްވައިލީއެވެ. އައިސްފައިހުރި ރުޅިއާ އެއްވަރަށް އޭނާ ހުރީ ދެރަ ވެސް ވެފައެވެ. ބައްޕަ ކަންތައްކުރި ގޮތުން ނުރުހިފައެވެ. ނަހާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް އޭނާ އަތުގެ ނުފުށުން ފުހެލިއެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތުގައި ދަތް އަޅައިލިއެވެ. އޭނާ އިށީނދެގެން އިން ގޮނޑީގައި ލެނގިލަމުން ލޯ މަރައިލިއެވެ. ނާޒްލީ ގެނައި ފަހުން އެއްޗެއް ނުކައިތާނގައި ފެންފޮދެއް ވެސް ނުބޯތީ ނަހާ އިނީ އިންތިހާއަށް ބަނޑުހައިވެ ވަރުބަލިވެފައެވެ. އެހެންނަމަވެސް، އެއްވެސް އެއްޗެއް ކާކަށް އޭނާގެ ޒަމީރު ތަނެއް ނުދިނެވެ.
އެހެން އިންދާ އައިސީޔޫގެ ވެއިޓިން އޭރިޔާގެ ދޮރު ހުޅުވާލާފައި، އެތެރެއަށް ކަމްރާން ވަދެއްޖެއެވެ. އޭނާގެ ލޮލުގައި ނަހާ އަޅައިގަތުމާ އެކު އައިސް ނަހާގެ ކައިރިއަށް ހުއްޓުނެވެ. ދެން އެތަނުގައި އިން މީހާ ވެސް މީހަކު ގުޅުމުން ނުކުތީ އެވަގުތެވެ. ވަށައިގެން ދިޔަ މާހައުލުގައި ކަންތައްތަކެއް ވަމުން ދިޔަ ނަމަވެސް، ލޯ ހުޅުވައިލުމުގެ ޚިޔާލެއް ނަހާގެ ނެތެވެ. ހަޤީޤަތުގައި ހިތްވަރު ވެސް ނެތީއެވެ.
"ނަހާ..." ސިއްސައިގެން ގޮސް ލޯ ހުޅުވައިލަން މަޖުބޫރުވީ ކަމްރާންގެ އަޑަށެވެ. ނަހާ ކަމްރާންއަށް ބަލައިލުމަށް ފަހު ވެސް އެއްޗެއް ނުބުނެއެވެ. ކަމްރާންގެ މޫނުމަތިން އޭރު ހާސްކަން ފެނެއެވެ. އޭރު ވެސް އޭނާ ހުރީ ވަރަށް ރަސްމީކޮށެވެ. ކޯޓު ފަޓްލޫނުގައެވެ. ހީވާ ގޮތުން އެ އައީ އޮފީސް ނިމިގެންނެވެ.
"މަންމަ...އައިސީޔޫއަށް ގެނައި ކޮން އިރަކު؟" އޭނާއަށް ނަހާއަށް ބަލައިލެވުނެވެ. ދެން ވެސް ނަހާ އެއްޗެއް ނުބުންޏެވެ. އޭނާ އިން ގޮތަށް އިނީއެވެ. ނަހާގެ ރަތްވެ ދުޅަވެފައިވާ ދެލޯ ކަމްރާންގެ ލޮލުގައި އަޅައިގަތެވެ. ނަހާ އަކީ ހަންގަނޑު އަލި ކުއްޖެއްކަމުން، އޭނާގެ މޫނު ވެސް ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ.
"ކީއްކުރަން ތި އައީ؟"
(ނުނިމޭ)