އެންވީޑިއާގެ ސީއީއޯ ޗައިނާގެ ޖާސޫސަކާއެކު ސިއްރު ގުޅުމެއް ބޭއްވި މައްސަލަ ބޮޑުވެ ތަހުގީގު ފަށައިފި

އެންވީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖެންސަން ހުއާންގް ---

ދުނިޔޭގެ އެންމެ އަގުބޮޑު ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންވީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖެންސަން ހުއާންގް، ޗައިނާގެ ޖާސޫސެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރާ އަންހެނަކާއެކު ސިއްރު ލޯބީގެ ގުޅުމެއް ބޭއްވިކަމަށް އެއްބަސްވުމާ ގުޅިގެން، އެ ކުންފުނީގެ ބޯޑުން މި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ޖެންސަން ހުއާންގް ބޭއްވި މި ގުޅުމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެ، އެންވީޑިއާގެ ސިއްރުތައް ޗައިނާއަށް ލީކުވެފައިވާކަމުގެ ހެކިތަކެއް މިހާތަނަށް ފެނިފައި ނުވި ނަމަވެސް، މިއީ ބޭރުގެ ޖާސޫސީ އިދާރާއަކުން އެ ކުންފުންޏަށް އަމާޒުކޮށް ހިންގާފައިވާ ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށް ބެލެވޭތީ އެންވީޑިއާގެ މިނިވަން ޑިރެކްޓަރުންގެ ކޮމިޓީން ވަނީ ބޭރުގެ ގާނޫނީ ވަކީލުންގެ އެހީތެރިކަމާއެކު މައްސަލަ ބަލަން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ޖެންސަން ހުއާންގް ވަނީ އޭނާގެ އަނބިމީހާ އަދި ދަރިންގެ ކިބައިން މައާފަށް އެދި، ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، މި ބާވަތުގެ އަމަލެއް ހިންގުމުގައި އެއްވެސް އުޒުރެއް ނެތް ކަމަށް ބުނެފައެވެ.

https://sun.mv/230239

މި މައްސަލައިގެ މަރުކަޒަކީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑޭޓާ ސެންޓަރު ކުންފުންޏެއް ކަމަށްވާ މެގަސްޕީޑްގެ އިސްވެރިއެއްގެ މަގާމުގައި ހުރި އެލިސް ހުއާންގް ނަމަކަށް ކިޔާ އަންހެނެކެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނާ ގޮތުގައި އެލިސްއަކީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ރެކްރޫޓްކޮށްގެން އުޅޭ ޖާސޫސެކެވެ. އޭނާގެ މައިގަނޑު ބޭނުމަކީ ޖެންސަން ހުއާންގްގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެ، އޭނާގެ ވިސްނުން ޗައިނާއަށް ލެނބޭ ގޮތް ހެދުމާއި، އެމެރިކާއިން ޗައިނާއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްސް އެކްސްޕޯޓްކުރުން މަނާކޮށްފައި އޮންނަ އޮތުން ލުއިކުރުމަށް ނުފޫޒު ފޯރުވުމެވެ.

މި ދެމީހުންގެ މެދުގައި އޮތް ގާތް ގުޅުން ފުރަތަމަ ފަޅާއަރާފައިވަނީ 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ތެރޭގައި ޓައިޕޭގައި ބޭއްވުނު ވިޔަފާރީގެ އެކި ހަފުލާތަކުން ދެމީހުން އެކުގައި ފެނުމުން، އެންވީޑިއާގެ ހިއްސާގެ ބާޒާރުގައި ކުރު މުއްދަތުގެ ފައިދާ ހޯދަން އުޅޭ ކުލްޕާ ރިސާޗްއިން އެކަން ފާހަގަކޮށް ރިޕޯޓެއް ނެރުމާ ގުޅިގެންނެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުންނާއި ޖަސްޓިސް ޑިޕާޓްމަންޓުން މީގެ ކުރިންވެސް ދިޔައީ މެގަސްޕީޑް ކުންފުނިން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 4.8 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެންވީޑިއާ އޭއައި ޗިޕްސް ގަނެފައިވާ މައްސަލަ ބަލަމުންނެވެ. މި ޗިޕްތައް ގަނެފައިވަނީ މެލޭޝިއާ ފަދަ އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޑޭޓާ ސެންޓަރުތައް ހަދައި، އެ ތަންތަނުގެ ކޮމްޕިއުޓިން ބާރު ޗައިނާގެ އަލީބާބާ ފަދަ ބޮޑެތި ކުންފުނިތަކަށް ކުއްޔަށް ދިނުމަށެވެ.

ނަމަވެސް އެމެރިކާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި މި ކުންފުނިން ވަނީ އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލް ގާނޫނުތަކާ ހިލާފަށް، ސިއްރު މަގުތަކުން މި ޗިޕްތައް ސީދާ ޗައިނާގެ މައި ބިމަށް ފޮނުވާފައެވެ.

މީގެ އިތުރުން، އެލިސް ހުއާންގްގެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު އެންމެ 33 މިލިއަން ޑޮލަރު ހުރި ކުންފުނީގެ ރައުސްމާލު، 2024 ވަނަ އަހަރު ނިމުނުއިރު 3 ބިލިއަން ޑޮލަރަށް އަރާފައިވާތީ، މިއީ ޗައިނާގެ ސަރުކާރު ހިއްސާވާ ފަރާތްތަކުން އެ ކުންފުންޏަށް ވައްދާފައިވާ ފައިސާ ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ލަފާކުރެއެވެ.

މި ބޮޑު ސްކޭންޑަލް ފަޅާއެރުމާ ގުޅިގެން ވޯލް ސްޓްރީޓްގައި އެންވީޑިއާގެ ހިއްސާގެ އަގު ވަނީ އެއްދުވަސް ތެރޭގައި ހަ އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން ރޮސެން ލޯ ފާމް އަދި ލެވީ އެންޑް ކޯސިންސްކީ ފަދަ އެމެރިކާގެ ބޮޑެތި ގާނޫނީ ކުންފުނިތަކުން ދަނީ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން އެންވީޑިއާގެ ބޯޑާ އަދި ޖެންސަން ހުއާންގްއާ ދެކޮޅަށް ކޯޓަށް ކްލާސް-އެކްޝަން މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

މި މައްސަލައިގައި ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ މިއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެމެރިކާއިން ބެއިޖިންގެ އަގު ވައްޓާލުމަށް ހިންގާ ޕްރޮޕަގަންޑާއެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެފްބީއައިއިން މި މައްސަލަ ބަލަމުންދާ ކަމަށާއި، ނަމަވެސް ޖެންސަން ހުއާންގް ގޯސް ކަމެއް ކުރިކަމުގެ ވާހަކައެއް އަޑުއިވިފައި ނުވާ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސްގެ ހައުސް ކޮމިޓީތަކުގެ މުގައްރިރުން މިހާރު ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އޮންނަ ސިއްރު އަޑުއެހުމަކަށް ޖެންސަން ހުއާންގް ހާޒިރުވުމަށް އަމުރު ނެރެފައެވެ.

comment ކޮމެންޓް