ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ޕާކިސްތާނުން ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކޮށްފި

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މިއަދު ހަވީރު ކުޅުނު 3-0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ބަލިކޮށް، ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ސާފް ޗެމްޕިއަންޝިޕެއްގެ ތާރީޚުގައި ޕާކިސްތާނުން ރާއްޖެ އަތުން މޮޅެއް ހޯދީ ފުރަތަމަ ފަހަރެވެ. ޑާކާގެ ޤައުމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗާއެކު، 35 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ފަސް މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރަށް މިއަދުގެ ނަތީޖާ ވެގެންދިޔައެވެ.

މިއަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު މާލޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވެސް ޕާކިސްތާނުން ވަނީ 3-0 އިން ރާއްޖެ ބަލިކޮށްފައެވެ.

މި މެޗުގެ ކުރިން ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއާއި ޕާކިސްތާން ހަތަރު ފަހަރަކު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ރާއްޖެއަށް މޮޅުވެވިފައިވަނީ ހަމައެކަނި 2008 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު މެޗުންނެވެ. އެއީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އެންމެ ފަހުން ސާފް މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، މެޗުގެ 2 ވަނަ މިނެޓުގައި ރާއްޖޭގެ ވިންގް ބެކަށް ކުޅެމުންދިޔަ މުޙައްމަދު ނާއިމް، އޭރިއާ ތެރެއިން ޕާކިސްތާނުގެ މެކްކީލް އަރޫން އަބްދުﷲ އަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. މެޗުގެ 4 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށްދީ އާރޫން ވަނީ ޕާކިސްތާނަށް ލީޑު ނަގައިދީފެވެ.

މި ލަނޑަށްފަހު ފަހަތަށް ނުޖެހި ޕާކިސްތާނުން މެޗުގެ 9 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖެހިއެވެ. އަރިމަތިން ޖުނައިދު އަޙްމަދު ޝާހް ނަގައިދިން ހުރަހަކުން، ރާއްޖޭގެ ޑިފެންސް ލައިން ތެރެއިން ހުސްކޮށްހުރެ ނަޖީބުﷲ ވަނީ ވަރަށް ފަސޭހަކަމާއެކު މި ބޯޅަ ގޯލަށް ވައްދާލާފެވެ.

މެޗުގެ 24 ވަނަ މިނިޓުގައި ޕާކިސްތާނުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު ޕާކިސްތާނުގެ ނަޖީބުﷲ ޖެހީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މިއީ މެޗުގައި އޭނާގެ ދެވަނަ ލަނޑެވެ.

މި މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނެނީ ރާއްޖެ، ޕާކިސްތާން އަދި އިންޑީއާއެވެ. މުބާރާތުގެ ފުރަތަމަ މެޗުން އިންޑިއާ އަތުން 3-2 އިން ބަލިވި ޕާކިސްތާނުން، މިއަދުގެ މޮޅާއެކު ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާއެކު ސެމީ ފައިނަލްގެ ޖާގައެއް ވަނީ ކަށަވަރުކޮށްފައެވެ.

މި ނަތީޖާއާ އެކު ދިވެހިރާއްޖެއަށް ސެމީގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ގްރޫޕުން ދެވަނަ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތީ ރާއްޖެއާއި އިންޑިއާއަށެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އިންޑިއާއަށް ސެމީއަށް ދެވޭނެއެވެ. ނަމަވެސް ދިވެހިރާއްޖެއަށް ސެމީގެ ޖާގައެއް ލިބޭނީ އިންޑިއާ އަތުން މަދުވެގެން ތިން ގޯލުގެ ފަރަގަކުން މޮޅުވެގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު