މީހަކު ދޮރު ހުޅުވައިލުމާ އެކު ފޯނަށް ބަލަހައްޓައިގެން ހުރެފައި އެމީހަކު ވެސް ޒަރޫންއަށް ބަލައިލައިފިއެވެ.

އެއީ ނަހާގެ ބައްޕަ ކަމްރާންއެވެ. ކަމްރާންއާއި ޒަރޫންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު، ކަމްރާންގެ ދެބުމަ ކުޑަކޮށް ގާތްވެލީ ގަސްތަކު ނޫނެވެ. އެއީ ހައިރާންކަމެއް ކަމެއް ނުވަތަ ނުރުހުންވުމެއްކަން ޒަރޫންއަކަށް ނޭނގުނެވެ. އޭނާ ކުޑަކޮށް ޖެހިލުންވިއެވެ. އަވަސްއަވަހަށް ނުކުމެ، ސައިކަލާ ދިމާލަށް ހިނގައިގަތް ވަގުތު ހުއްޓެން މަޖުބޫރުވީ ކަމްރާން އޭނާއަށް ގޮވައިލުމުންނެވެ.

ޒަރޫންގެ ހިތުގެ ހިނގުން ބާރުވެލިއެވެ. އޭނާ ފަސްއެނބުރިލިއެވެ. ކަމްރާންގެ ފަރާތުން އޭނާއާ ކުރިމަތިވާނޭ ސުވާލުތަކެއް ނޭނގޭ ޙާލުގައެވެ. އޭނާއާ ދޭތެރޭ ކަމްރާން ހީކޮށްފާނެ އެއްޗަކާ ދޭތެރޭ ވެސް އޭނާއަށް ވިސްނުނެވެ.

ކަމްރާންއަށް ޒަރޫން ފެނުނީ ހޮސްޕިޓަލުންނެވެ. އެހެންކަމުން، އޭނާ އެ އައީ ނަހާގެ ގާތަށް ކަން ޔަޤީންކުރެވުނީއެވެ.

"ކޮން ފްލޯއެއްގަ ނަހާ އުޅެނީ؟" ކަމްރާން ސުވާލުކޮށްލިއެވެ. ޒަރޫންއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ހީކުރި ފަދަ ސުވާލެއް އޭނާއާ އަމާޒު ނުވުމުންނެވެ. ނަހާއާއި އޭނާއާ އޮތް ގުޅުމާއި، އެގެއިން އޭނާ ނުކުންނަން ޖެހުނު ސަބަބު އަހާނެކަމުގައި ޒަރޫން ހުރީ ހީކޮށްގެންނެވެ.

"ހަތަރު ވަނަ ފްލޯގަ." އޭނަ ޖަވާބު ދިނެވެ. ކަމްރާން ބޯ ޖަހައިލުމަށް ފަހު ގެއަށް ވަދެލިއެވެ. ޒަރޫން ވެސް ގޮސް ސައިކަލަށް އަރާ އިށީނެވެ. އެހެންނަމަވެސް، ދުއްވައިލަން ނޭނގިފައި އިރުކޮޅަކު އޭނާއަށް ގޭގެ ދޮރާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ.

ކަމްރާން ގޮސް ލިފްޓަށް އެރިއެވެ. އެ ޒުވާނާ އެ ނުކުތީ އޭނާ ނަހާއަށް ގުޅަންވެގެން އުޅެނިކޮށެވެ. ނަހާ އުޅޭ ގެ އެނގުނު ނަމަވެސް، އުޅޭ ފަންގިފިލާ އޭނާއަށް ނެނގޭތީއެވެ. އަތުގައި އޮތް ތަށިބަރިއަށް ބަލައިލަމުން، އޭނާ ހަތަރު ވަނަ ފަންގިފިލާއަށް ދިޔުމަށް ފިތައިލިއެވެ.

ލިފްޓު ހަތަރުވަނަ ފަންގިފިލާއަށް ހުއްޓުމާ އެކު އޭނާ، ނުކުމެގެން ގޮސް ބެލް އަޅައިލިއެވެ. އަދި މަޑުކޮށްލިއެވެ. ސޯފާގައި އިން ނަހާ ގޮސް ސްކްރީނުން ބަލައިލިއެވެ. ފެނުނީ އުންމީދުނުކުރާ މީހެކެވެ. އޭނާ ދޮރު ހުޅުވައިލިއެވެ. ނަހާގެ ނަޒަރު އެންމެ ފުރަތަމަ ވެސް ދަތުރުކުރީ ކަމްރާންގެ އަތުގައި އޮތް ތަށިބަރިއަށެވެ. އެއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.

"ކިހިނެއް މި ފްލޯ އެނގުނީ؟" ކަމްރާންއަށް ބަލައިލަމުން ނަހާ ސުވާލުކޮށްލިއެވެ.

"ދެންމެ ނުކުތް ކުއްޖާ ގާތު އެހީ؟ އެއީ ކޮން ކުއްޖެއްތަ؟" ކަމްރާން ފުރުޞަތުގެ ބޭނުންހިފާ ސުވާލުކޮށްލިއެވެ. އެ ޒުވާނާއާ ނަހާއާ އޮތް ގުޅުން އެނގެން އޭނާ ބޭނުންވިއެވެ. ގާތް ގުޅުމެއް ނެތްނަމަ ނަހާ އުޅޭ އެޕާރޓްމެންޓަކުން އެ ޒުވާނާ ނުނިކުންނާނެއެވެ. އަނެއްކޮޅުން އެއީ ފުރާ ފުރިހަމަވެފައި ހުރި ފިރިހެންވަންތަ ޒުވާނެކެވެ. ޖެހިލުންވީ އޭނާއަކީ ވެސް އަންހެން ކުއްޖެއްގެ ބައްޕައަށް ވާތީއެވެ. އެހެން ހުރިހާ ބައްޕައިންނެކޭ އެއްގޮތަށް ނަހާއާ ދޭތެރޭ ވިސްނޭތީއެވެ.

"ފްރެންޑެއް." ނަހާ ކުރު ޖަވާބަކުން ފުއްދައިލިއެވެ.

"ފްރެންޑެއް؟" ކަމްރާންއަށް ޤަބޫލެއް ނުކުރެވުނެވެ. އިތުރަށް އަހާ އޮޅުން ފިލުވުމަށް ބޭނުންވި ނަމަވެސް، އެ ޙާލަތަކީ އެންމެ އެކަށީގެންވާ ހާލަތުކަމަކަށް ކަމްރާން ނުދެކުނެވެ. އޭނާ ދެކެ ރުޅި އައިސްފިނަމަ މިއަދު އޭނާ އައި މަޤްސަދު ހާސިލްނުވާނެކަމުގައި ވިސްނުމުންނެވެ.

"ހޫމް." ނަހާ ބުނެލިއެވެ.

ތަން ދެއްކުމަށް ފަހު، ނަހާ ދުރަށް ޖެހިލިއެވެ. އެއާ އެކު ކަމްރާން އެތެރެއަށް ވަދެލިއެވެ. އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. ނަހާއަށް ނަޒަރު ހުއްޓައިލެވުނެވެ. އެކަނިމާ އެކަނި އުޅުނެއްކަމަކު ތަރުތީބުކަން ފެންނަމުން ދިޔައެވެ. އޭނާ ހަނދާންވީ ނާޒްލީ މަތިންނެވެ. ނާޒްލީގެ ހުންނަ ތަރުތީބުކަމާއި ސާފުތާހިރުކަން އެވަނީ ނަހާއަށް ވެސް ދަސްވެފައެވެ.

"މީ ދަރިފުޅަށް." ކަމްރާން އޭނާގެ އަތުގައި އޮތް ތަށިބަރު ނަހާއަށް ދިއްކޮއްލިއެވެ. އުންމީދުގެ ކަންޏެއް އެ ދެލޮލުން ނަހާއަށް ފެނުނެވެ.

"ޔޫލީ ކާ އެއްޗެހި ގެނެސްދޭ... ބައްޕަ ކީއްކުރަން ތި އައީ ކާއެއްޗެހި ހިފައިގެން؟" ނަހާ އެހެން ބުނެލުމަށް ފަހު ވެސް އެ އެއްޗެހީގައި ހިފިއެވެ. އެއީ ދުވަހަކު ވެސް ކަމްރާން ފަދަ މީހަކު ކުރާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، މިއަދު އެކަން ވެސް ކޮށްފިއެވެ. އެހެންކަމުން އޭގައި ނުހިފާ ހުންނަން ނަހާއަށް ނުކެރުނީއެވެ. ނަހާ އޭގައި ހިފުމުން ކަމްރާންއަށް ހިނިތުންވެވުނެވެ.

"ބައްޕަ މިއައީ ދަރިފުޅާ އެކީ ނާސްތާކުރަންވެގެން. ބައްޕަ ވެސް އަދި މިހުރީ ސައި ނުބޮއި." ކަމްރާން ބުނެލިއެވެ. ނަހާ ތަށިބަރި ގެންގޮސް މޭޒުމަތީގައި ބަހައްޓައިފައި، ޒިބު ދަމާލުމަށް ފަހު އެއްޗެހިތައް ނަގަން އުޅުނެވެ. އެކަން ކުރުން ވީ އުނދަގޫކަމަށެވެ. ކަމްރާން އައިސް ނަހާއަށް އެހީތެރިވެދޭން ފެށިއެވެ. އެ މަސައްކަތްކުރަމުން އޭނާ ވާހަކަ ދެއްކިއެވެ.

"އަތް ކިހިނެއް މިހާރު؟" ކަމްރާންގެ ނަޒަރު ނަހާގެ އަތަށް ހުއްޓުނެވެ.

"ރަނގަޅު." ނަހާ ބުނެލިއެވެ.

"ދަރިފުޅު އިށީނދޭ. ބައްޕަ މިކަންތައް ކޮށްލާނަން." ނަހާ ގާތު ބުނެފައި ކަމްރާން ބުނެލިއެވެ. ނަހާ އިށީނެވެ. ކަމްރާން ކަންތައްކުރާ ގޮތެއް ބަލަހައްޓައިގެން އޭނާ އިނެވެ. ބައްޕަ ބަދަލުވެފައިވާ މިންވަރު އޭނާއަށް އިޙްސާސްކޮށްލެވުނެވެ. މީގެ ކުރީގެ ކަމްރާން ނަމަ އެގޮތަކަށް ދުވަހަކު ވެސް ނޫޅުނީހެވެ. އެ ކަހަލަ ކަމެއް ކޮށްލާނެ ވަގުތެއް ވެސް ނުވީއެވެ.

ނަހާގެ ކުރިމަތީގައި ތަށި ބަހައްޓާލާފައި، އެއަށް ކާ އެއްޗެހި ކަމްރާން އަޅައިދިނެވެ. އޭނާ ވެސް އިށީނެ ތައްޓަށް އެއްޗެހި އެޅިއެވެ. ނަހާއަށް އައަތުން ކެއުމަކީ އުނދަގޫކަމެއް ނަމަވެސް، އޭނާ ކެއެވެ. ހުރީ، ރޮއްޓާއި ފަތު މަސްހުންޏެވެ. އޭނާއަށް ވަރަށް މީރު އެއްޗެކެވެ. ނަހާ ކައި ނިންމައިލުމަށް ފަހު ތަށި ހިފައިގެން ސިންކު ދޮށަށް ދާން އުޅުމުން ކަމްރާން އެކަން މަނާކުރިއެވެ.

"އިޓްސް އޯކޭ... އައި..." ނަހާއަށް ބުނެވުނީ އެވަރަށެވެ.

"އުނދަގޫވާނެއެއްނު. ބައްޕަ ދޮވެލަފާނަމޭ..." ކަމްރާން ބުނެލައިފިއެވެ. ނަހާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. އެއީ ކަމްރާންގެ ފުށުން ފެނިދާނެކަމަށް ދުވަހަކު ވެސް އުންމީދުކުރި ސިފަތަކެއް ނޫނެވެ. ބައްޕަ ހާދަބޮޑަކަށް ބަދަލުވެއްޖެއެވެ. ނަހާއަށް ވިސްނަން ހުރެވުނެވެ.

ނަހާ ގޮސް ސޯފާގައި އިށީނދެލިއެވެ. ކަމްރާން އެ މަސައްކަތް ކޮށް ނިންމައިލައިފައި އަތުވެއްޖެއެވެ. އޭނާގެ ކޯޓަށް ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ކޮށްފައި ހުއްޓެވެ. ނަހާއަށް ބަލައިލެވުނެވެ. ނަހާ ބަލާތީ ކަމްރާންއަށް ވެސް އޭނާގެ ކޯޓަށް އަވަސް ނަޒަރެއް ދެވުނެވެ. އެކަމަކީ މާ ބޮޑުކަމަކަށް އޭނާ ނުހެދިއެވެ.

"ކޮން އިރަކުން ޑޮކްޓަރަށް ދައްކަން ދާން އިނީ؟" ކަމްރާން ސުވާލުކޮށްލިއެވެ.

"އަދި ދެ ހަފްތާ ފަހުން އެބައިން ފޮލޮއަޕްއެއް." ނަހާ ޖަވާބު ދިނެވެ.

"ބައްޕަ... ބައްޕަ ބޭނުން ނަހާއާ އެކީ ދާން." ކަމްރާން ބުނެލިއެވެ.

"ބައްޕަ ބިޒީވާނެ. އައި ކެން މެނޭޖް." ނަހާ އިސްޖަހައިލިއެވެ. ކަމްރާންގެ ދެލޮލުން ފެނުނު އުންމީދުގެ އަސަރާ އެކު އެ ޖަވާބު ދޭ އިރު ހަތަރު ކަޅި ބައްދަލުކޮށްލައިގެން ހުންނަން އޭނާއަށް ނުކެރުނީއެވެ.

"ބިޒީ އެއް ނުވާނެ! ވަގުތު ހުސްކޮށްލެވިދާނެ." ކަމްރާން ބުނެލިއެވެ.

"ދެން ކީއްވެ ކުރިން ވަގުތު ހުސްނުކުރެވުނީ؟" ނަހާއަށް ބުނެވުނީ ގަސްތަކު ނޫނެވެ. އޭނާ އޭރު ވެސް އިނީ އިސްޖަހައިލައިގެންނެވެ. ނަހާ އެހެން ބުނީ ކިތަންމެ މަޑުން ނަމަވެސް، ކަމްރާންއަށް އެ އަޑު ރީއްޗަށް އިވުނެވެ. އޭނާގެ ހިތުގައި ހީވީ މީހަކު ވިކައިލި ހެންނެވެ. ތަދުވިއެވެ އަސަރުކުރިއެވެ. ވޭން އެޅިއެވެ. ތަކުލީފު ވެސް ލިބުނެވެ. އެ ހުރިހައި އަސަރެއް އެއްވެ އޭނާގެ މޫނުމަތިން އެކަން ފާޅުވެސް ވިއެވެ.

"ބައްޕައަށް މާފުކުރޭ ދަރިފުޅާ. އެ ހުރިހާ ކަމެއް ރަނގަޅުކުރެވޭތޯ ބައްޕަ މި މަސައްކަތްކުރަނީ." ކަމްރާން ބުނެލިއެވެ.

"ބައްޕައަށް ހީވަނީތަ އެންމެ ދުވަހަކު ތިހެން އައިސް އެކީގައި ކާއެތިކޮޅެއް ކެވުނީމަ މާޒީ މަތިން ހަނދާންނެތިދާނެޔޭ. ގެއްލުނު ހުރިހާ އަހަރެއް ލިބުނީ އޭ؟ އެ ކަރުނަތަކާއި ވޭންތައް ފުހެވޭނެޔޭ؟ ހުރިހާކަމެއް ހަމަ އެންމެ ދުވަހަކުން ރަނގަޅުކުރެވޭނެކަމަށް ބައްޕައަށް ހީވަނީ ކީއްވެތަ؟" ނަހާ އިސް އުފުލައިލާ ކަމްރާންއަށް ބަލައިލި އިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ނުރުހިފައި ވާހަކަ ދައްކަން ބޭނުންވެފައި ޙާލު ވެސް ނަހާއަށް ނަހާއަށް މި ފަހަރަކު އެކަމުގައި ކާމިޔާބެއް ނުލިބުނެވެ. އޭނާ ބަލިކަށިވެއްޖެއެވެ. އެންމެ ފަހުން ކަރުނަތައް ރޮނގަކަށް ތިރިއަށް ދާން ފަށައިފިއެވެ. މީގެ ކުރިން ދުވަހަކު ވެސް ކަމްރާންގެ ކުރިމަތީގައި ނުރޯ ނަހާއަށް ކެތެއް ނުކުރެވުނެވެ. ހުރިހާ ޝަކުވާއެއް ކަރުނައިގެ ސިފައިގައި ބޭރުކުރެވެމުން ދިޔައިރު ވާހަކަ ދައްކާނެ ހިތްވަރު އޭނާ ހޯދަމުން ދިޔައީ އުނދަގުލުންނެވެ.

"ގެއިން ނުކުތީ ގޭގައި އުޅޭނެ ހިތްވަރު ނެތިގެން. ކިތަންމެ ވަރަކަށް ވެސް ފައިސާހުރި. އެކަމަކު އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނު. އެންމެ ބޭނުންވި ދުވަހު ބައްޕައެއްގެ ލޯތްބެއް ނުލިބުނު. މަންމައަށް ފިރިއެއްގެ ލޯތްބެއް ނުލިބުނު. ބައްޕައަށް މުހިންމުވީ ފައިސާ.... ވިޔަފާރި ކުރި އެރުވުން، ވިޔަފާރި ބައްދަލުވުންތައް... ގުޅީމަ ފޯނު ނެގުމަކީ ވެސް މުހިންމުކަމަކަށް ނުވި." ނަހާއަށް ބުނެވުނެވެ. ހިތުތެރޭގައި ފޮރުވައިފައި ހުރި ގިނަ ވާހަކަތަކެއް އޭނާއަށް ބޭރުކުރެވެން ފެށިއެވެ. މިވަގުތު ހިތަށް ބޭނުންވަނީ ކޮންމެވެސް ވަރެއްގެ ލުޔެކެވެ. އެހެން ނޫނީ އެ ގިލަންވެރިކަމުގެ ތެރޭގައި އޭނާގެ ނަފްސު އޮޔާ ހިނގައިދާނެއެވެ.

"ދަރިފުޅާ ބައްޕަ..." ކަމްރާންގެ ދެލޮލުން ވެސް ކަރުނަ ނީރައިލިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަހާގެ ވާހަކަތަކުން އޭނާއަށް މީގެ ކުރިން ނަހާއާއި ނާޒްލީގެ ހިތުގައި ޖެއްސިފައިވާ މިންވަރު އިޙްސާސްކޮށްލެވުނެވެ. ދެލޯ ފުހެލުމަށް ފަހު އޭނާ ނަހާއަށް ބަލައިލިއެވެ. އަނެއްކާ ވެސް މާފަށް އެދުނެވެ. މާފަށް އެދުމަކީ ފަސޭހަކަމަށް ނަމަވެސް، އޭނާ ކުރި ކުށަށް މާފު ދިނުމަކީ އުނދަގޫކަމެއްކަން ކަމްރާންއަށް އެނގުނެވެ.

"އެނގޭތަ އަހަރެން ހިތަށް އަރާ އެއްޗެއް؟ އެރޭ... އެރޭ ބައްޕަ އައިނަމައޭ...ބައްޕަ މަންމައަށް ވަގުތު ދިންނަމައޭ... މަންމަގެ ތަކުލީފުތައް އަންޑަސްޓޭންޑް ވި ނަމައޭ... އޭރުން... އޭރުން... އޭރުން މަންމަ މިއަދު އަހަރެމެންނާ އެކީ ހުރީހޭ... މަންމަ ނުދިޔައީ ހޭ... އަހަރެން ދޫކޮށްލާފަ މަންމައެއް ނުދާނެޔޭ..." ނަހާއަށް ބުނެވުނެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން ނަހާގެ ހިތުގައި ޖެހިފައިވާ މިންވަރު ކަމްރާންއަށް ވަރަށް ރަނގަޅަށް އިޙްސާސްކޮށްލެވިއްޖެއެވެ. އޭނާ ހީކުރީ ފައިސާއިން ހުރިހާ ކަމެއް ވެސް ކުރެވޭނެކަމުގައެވެ. އޭނާ މަސައްކަތްކުރީ ވެސް އެގޮތަށެވެ. ފައިސާ ހުރިއްޔާ އެއްވެސް ކަމެއް އުންޏެއް ނުވާނެއެވެ. އެހެންނަމަވެސް، ލޯބިވާ މީހުންނަށް ލޯތްބާއި ވަގުތާއި އަޅައިލުމާއި، އޯގާތެރިކަން ނުދެވޭނަމަ، އެ ހުރިހާ ފައިސާއެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެންމެ ބޭނުންވާ ދުވަހު ކައިރީގައި ނުހުރެވޭނަމަ އެ ހޯދާ ހުރިހާ ފައިސާއެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

"މަންމަގެ އިތުރު މީހަކު ވެސް މިތާ ހުރީކީ ނޫން. މަންމަގެ ހުރިހާ ވެސް މީހަކީ ބައްޕަ. މަންމަ މަންމަގެ ޢާއިލާ ދޫކޮށްލާފަ ބައްޕަ ކައިރިއަށް އައިމަ ބައްޕަ ކަންތައްކުރި ގޮތަކީ އެއީ،" ނަހާއަށް އޭނާގެ ކަރުނަތައް ފުހެލެވުނެވެ. އެހެންނަމަވެސް ފުހޭ ވަރަކަށް ތާޒާ ކަރުނައިން އޭނާގެ ކޯތާފަތް ތެމެމުން ދިޔައެވެ. "މިތަނަކީ، މި މާހައުލަކީ މަންމައަށް ބީ ރައްޓެހިތަނެއް. ބައްޕައަށް ހާދަ އިތުބާރުކޮށްފައޭ މަންމަ އަންނާނީ..."

ކަމްރާންއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް އެއިން ގޮތަށް އިނދެވުނީއެވެ. ކުށްވެރިއެއް ފަދައިން އިސްޖަހައިލެވުނެވެ. ނަހާ ކަމްރާންއަށް ބަލައިލި އިރު އޭނާ ކަރުނަ ފުހެލަނީއެވެ.

"އެންމެ ދުވަހަކުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ." ހަރުކަށިވާން ނަހާ މަސައްކަތްކުރިއެވެ. ކަމްރާން އޭނާއަށް އެކަން އެނގެޔޭ ބުނެލައިފައި މާޔޫސްކަމާ އެކު ބޯ ޖަހައިލިއެވެ. އެވަގުތު ކަމްރާންގެ ފޯނު ރިންގުވިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ނަހާއަށް ބަލައިލެވުނެވެ.

"މިހާރު ވެސް އެ ގުޅަނީ..." ނަހާއަށް ހިތި ހިނިތުންވުމެއް ހަދިޔާކޮށްލެވުނެވެ.

"މުހިންމު ކޯލެއް ނޫން." އެއީ ކިތަންމެ މުހިންމު ކޯލެއް ނަމަވެސް، ކަމްރާން ބުނެލިއެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތަކުން ވެސް ނަހާގެ މާފެވެ. އަލުން އެނބުރި އޭނާގެ ދަރިފުޅު އޭނާގެ ގާތަށް އައުމެވެ. މިހާރަކު އޭނާއަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަބަދު ވެސް އުޅެން ޖެހެނީ ހިތާމައިގެތެރޭގައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ވަރުން ރޭގަނޑު ރަނގަޅަށް ނިދޭ ގޮތެއް ނުވެއެވެ. އެހެން މީހުންގެ ކުރިމަތީގައި ކިތަންމެ ހަމަޖެހޭގޮތް ދެއްކި ނަމަވެސް، ހަޤީޤަތުގައި ކަމްރާން ހުންނަނީ ވޭނާއި ތަކުލީފުތަކެއްގެ ތެރޭގައި ފިތިފައެވެ. ނަހާގެ މާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެ ދުވަހަކުން ނޫނީ ކުޑަ ވެސް ލުޔެއް އޭނާއަކަށް ނުލިބޭނެއެވެ.

"ބައްޕަ ކޮންމެ ގަޑިއަކު ކާ އެއްޗެހި ފޮނުވާނަން." އިރުގަނޑެއް ފަހުން ނަހާ ވެސް ހަމަޖެހިލިހެން ހީވެ ކަމްރާން ބުނެލިއެވެ. ނަހާ އެއްޗެއް ނުބުނެއެވެ. އޭނާ އިން ގޮތަށް އިނީއެވެ.

ކަމްރާން ދިޔުމުން، ސޯފާގައި ނަހާއަށް އޮށޯވެވުނެވެ. ހިތުގެ ޝަކުވާތައް ބައްޕަގެ ކުރިމަތީގައި ބަންޑުންކޮށްލެވުމުން، ކޮންމެ ވެސް ވަރަކަށް ލުއި ވިއެވެ. އެހެންނަމަވެސް، މި ފަހަރަކު ނަހާއަށް މާޒީގެ ހަނދާންތަކުން މިންޖު ވެވޭގޮތެއްނުވިއެވެ. އެ ޚިޔާލުތައް އައިސް އޭނާ ވަށައިލާ މާޒީގެ ތެރެއަށް ނަފްސު ޣަރަޤުކޮށްލައިފިއެވެ.

* ދެ އަހަރު ކުރި *

--------------------

ހޮސްޕިޓަލުގެ ސަރައްކާލީގައި ދެކޮޅަށް ހިނގާލަހިނގާލައި ހުރި ނަހާގެ ފޯނު ވަނީ އޭނާގެ ކަންފަތުގައި ޖައްސައިލެވިފައެވެ. އެކޮޅުން ފޯނު ރިންގުވާ އަޑު އިވެއެވެ. އެހެންނަމަވެސް ފޯނެއް ނުނަގައެވެ. ނަހާ ކެނޑިނޭޅި ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު