ހުޅުމާލޭގައި ބީއެމްއެލްގެ އައު ހެޑް އޮފީސް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ބީއެމްއެލްގެ މިހާރުގެ ހެޑް އޮފީސް: ހުޅުމާލޭގައި އައު ހެޑް އޮފީސް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ބީއެމްއެލުން ވަނީ އިއުލާނުކޮށްފައި --

ގައުމީ ބޭންކު ބީއެމްއެލުން ހުޅުމާލޭގައި އިމާރާތްކުރާ އައު ހެޑް އޮފީހުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ބީއެމްއެލުން ގެޒެޓުގައި އާންމުކުރި އިއުލާނުގައިވާ ކަރުދާހުގައިވާ ގޮތުން އެ ބޭންކުގެ ހެޑް އޮފީސް އިމާރާތްކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، 2،648.40 އަކަމީޓަރުގެ ބިމެއްގައެވެ.

ފަސްދޮޅަސް މީޓަރު ދިގު އެ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ ކަސްޓަމަރުންނަށާއި ބީއެމްއެލްގެ ރީޓެއިލް އައުޓްލެޓްތަކަށެވެ. އެ އިމާރާތުގައި ކާރުތައް ޕާކުކުރުމަށާއި ސައިކަލުތައް ޕާކުކުރުމަށް ޚާއްސަ ޖާގައެއް ވެސް އޮވެއެވެ.

ސާދަ ފަންގިފިލާގެ މި އިމާރާތުގައި އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާނެ ކަމަށް ވެސް އެ ކަރުދާހުގައިވެއެވެ.

އެ ކަރުދާހުގައިވަނީ، ބީއެމްއެލްގެ އައު ހެޑް އޮފީސް އިމާރާތްކުރަން ފައިނޭންސިން ހޯދަން އެންމެ ބޮޑަށް އިސްކަންދެނީ ޑޮލަރުން ކަމަށެވެ. އެގޮތުން މި މަޝްރޫއު ހިންގަން ޝައުގުވެރިކަން ފާޅުކުރާ ފަރާތުން ފައިނޭންސިން ހޯދައިދެވޭނެ ކަމަށާއި، ނުވަތަ ބޭންކެއް ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެސް ފައިނޭންސިން ހޯދޭނެ ކަމަށް އެ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން ކުންފުނިތަކުގެ ތަފުސީލާއި މަސައްކަތުގެ ތަޖުރިބާގެ ތަފުސީލު ހުށަހަޅައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދިނުމާއެކު މާލީ ގާބިލުކަން ހުރި ކަން ވެސް ސާބިތުކޮށްދޭންޖެހޭނެ ކަމަށް ބީއެމްއެލްގެ ކަރުދާހުގައިވެއެވެ.

އެހެންކަމުން ބީއެމްއެލްގެ އައު ހެޑް އޮފީސް އިމާރާތްކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަން ވަނީ އެދިފައެވެ.

comment ކޮމެންޓް