މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދޮށީ ފިރިހެން ދަރިފުޅު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާއަށް ފުރަތަމަ ފަހަރަށް ޕޯޗުގަލްގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ލިބިއްޖެއެވެ.
އުމުރުން 16 އަހަރުގެ މި ފޯވާޑަށް 17 އަހަރުން ދަށުގެ ޓީމުން ޖާގަ ދީފައިވަނީ ކުރިއަށްއޮތް ޔުއެފާ ޔޫރޯ 17 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައެވެ.
ސައޫދީ އަރަބިއްޔާގެ އަލް ނަސްރުގެ ޒުވާން ޓީމަށް ކުޅެމުން އަންނަ ރޮނާލްޑޯ ޖޫނިއާ ވަނީ މީގެ ކުރިން ޕޯޗުގަލްގެ 15 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުތަކަށްވެސް ކުޅެފައެވެ.
ޕޯޗުގަލްގެ 17 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗު ފިލިޕޭ ރާމޯސް އެކުލަވާލި މި ސްކޮޑާއެކު ރޮނާލްޑޯ ޖޫނިއާ ނުކުންނާނީ ޕޯޗުގަލްގެ އޮއޭރަސްގައި އޮންނަ ސިޑާޑޭ ދޫ ފުޓެބޯލް ތަމްރީނު ސެންޓަރުގައި ކުޅޭ ކޮލިފައިން މެޗުތަކަށެވެ.
ކޮލިފައިންގައި ޕޯޗުގަލް ނިކުންނާނީ އެންޑޯރާ، ބަލްގޭރިޔާ އަދި ސާބިއާއާ ދެކޮޅަށެވެ. ފުރަތަމަ މެޗު އެންޑޯރާއާ ދެކޮޅަށް ނޮވެމްބަރު 11 ގައި ނިކުންނައިރު، ދެވަނަ މެޗުގައި ބަލްގޭރިޔާއާ ދެކޮޅަށް ކުޅޭނީ ނޮވެމްބަރު 14 ގައެވެ. އަދި ތިންވަނަ މެޗުގައި ސާބިއާއާ ދެކޮޅަށް ކުޅޭނީ ނޮވެމްބަރު 17 ގައެވެ.
މި ގްރޫޕުގެ ގަދަ ދެ ޓީމަށް މުބާރާތުގެ ތިންވަނަ އަދި ފަހު ކޮލިފައިން ބުރަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ރޮނާލްޑޯ ޖޫނިއާ ވަނީ މިހާތަނަށް ޕޯޗުގަލްގެ 15 އަހަރުން ދަށުގެ ޓީމަށް ކުޅުނު 4 މެޗުގައި 2 ލަނޑު އަދި 16 އަހަރުން ދަށުގެ ޓީމަށް ކުޅުނު 9 މެޗުގައި 3 ލަނޑު ޖަހައި، ޖުމްލަ 13 މެޗުން 5 ލަނޑު ކާމިޔާބުކޮށްފައެވެ.
ޒުވާން އުމުރުގައި ބައްޕަގެ ފިޔަވަޅުމަތިން ކުރިއަށްދާ ރޮނާލްޑޯ ޖޫނިއާގެ ކުޅުމަށް ގިނަ ސަޕޯޓަރުންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.