އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމް މެންބަރަކު އިންތިޚާބުވެއްޖެ

އެމެރިކާގެ ސިޔާސީ ތާރީޚުގައި މުޅިން އާ ސަފްޙާއެއް ލިޔެވުނު މި ފަހަރުގެ މިޑްޓާމް އިންތިޚާބުގައި، އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމް މެންބަރަކު އިންތިޚާބުވެއްޖެއެވެ.

މި ތާރީޚީ ކާމިޔާބީ ހޯއްދަވާފައިވަނީ މިޝިގަން ސްޓޭޓުން ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުއްސައްޔިދެވެ.

މިޝިގަންގެ ހުސްވެފައިވާ ސެނެޓް ގޮނޑިއަށް ވާދަކުރައްވައި އަބްދުއްސައްޔިދު މި ކާމިޔާބީ ހޯއްދެވީ ރިޕަބްލިކަން ޕާޓީގެ ތަޖުރިބާކާރު ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކޮށް، ކުރިހޯއްދަވައިގެންނެވެ. މިޝިގަން އަކީ އެމެރިކާގެ ރިޔާސީ އަދި އާންމު އިންތިޚާބުތަކުގައި ނަތީޖާ ބަދަލުކޮށްލުމުގެ ބާރު އޮންނަ މުހިންމު "ސްވިން ސްޓޭޓް" އެކެވެ.

މިޞްރުގެ ހިޖުރަވެރި އާއިލާއަކަށް އުފަން، އަދި ކުރިން އާންމު ޞިއްޙަތާ ބެހޭ އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަބްދުއްސައްޔިދަކީ މީގެ ކުރިން އިންތިޚާބީ އެއްވެސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ. މީގެ އަށް އަހަރު ކުރިން މިޝިގަންގެ ގަވަރުނަރު ކަމުގެ ޕްރައިމަރީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އޭނާ ވަނީ މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ޚަރަދުކުރި އެތައް މިލިއަން ޑޮލަރަކާ ކުރިމަތިލައްވައި، އާންމު ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދިޔަ ވަރުގަދަ ކެމްޕޭނަކުން ކާމިޔާބީ ހޯއްދަވާފައެވެ.

އަބްދުއްސައްޔިދުގެ ކެމްޕޭން ބިނާކުރައްވާފައިވަނީ އެންމެންނަށް ޞިއްޙީ ފަރުވާ ކަށަވަރުކޮށްދިނުމާއި، އިންތިޚާބުތަކަށް ބޮޑެތި މަހުޖަނުން ނުފޫޒު ފޯރުވުން ހުއްޓުވުމުގެ އިތުރުން، އިސްރާއީލާ ދެކޮޅަށް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ މައްޗަށެވެ. ފަލަސްޠީނުގެ ޙައްގުތަކަށް ވަކާލާތުކުރައްވައި، އިސްރާއީލުގެ އުދުވާންތަކަށް އޭނާ ކުރެއްވި ފާޑުކިޔުންތަކުގެ ސަބަބުން، އިދިކޮޅު ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ ފަރާތުން އޭނާއަށް ޓެރަރިޒަމްގެ ތުހުމަތުތައް އަޅުވައި، ދޮގު ތުހުމަތުތަކާއެކު ޒާތީ ވަރުގަދަ ޙަމަލާތަކެއް އަމާޒުކުރިއެވެ. ނަމަވެސް އެއްވެސް އަސާސެއް ނެތް މި ތުހުމަތުތަކަށް ބެލުމެއްނެތި، ރައްޔިތުން ވަނީ އޭނާއަށް އިތުބާރުކޮށްފައެވެ.

އެމެރިކާގެ މަޝްހޫރު ޕްރޮގްރެސިވް ލީޑަރު އެލެކްޒެންޑްރިއާ އޮކާސިއޯ-ކޯޓެޒް (އޭއޯސީ) ގެ ފުރިހަމަ ތާއީދާއެކު ނުކުމެވަޑައިގެންނެވި އަބްދުއްސައްޔިދުގެ މި ކާމިޔާބީއަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ ޑިމޮކްރެޓިކް ޕާޓީގެ ވާތުފިޔައިގެ ފިކުރުތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

މި ކާމިޔާބީއާއެކު، 2026 ވަނަ އަހަރުގެ މި ސެނެޓް އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ނުވަތަ ސެނެޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ. މިއީ އެ ގައުމުގެ ސިޔާސީ މައިދާނަށް އައި ވަރަށް ބޮޑު ބަދަލެއްގެ ގޮތުގައި މުޙައްލިލުން ދެކެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް