"ތެންކިއު...." ޒަރޫން އެއްޗެހިތައް ބަހައްޓައިފައި ހަމަޖެހުލުމާ އެކު ނަހާ ބުނެލިއެވެ.

ޒަރޫން ދިޔައީ ދާން ބޭނުންވެގެންނެއް ނޫނެވެ. އޭނާގެ ހިތް އެދުނީ ނަހާގެ ގާތުގައި މަޑުކުރުމަށެވެ. އެހެންނަމަވެސް، މަދުކުރުމަށް އުޒުރުވެރިވީ އެކަމުން ނަހާއަށް އުނދަގޫވެދާނެތީއެވެ. ނަހާ ހުންނާނީ އަރާމުކޮށްލަން ވެސް ބޭނުންވެފައެވެ. ޔޫލިއާ ވެސް ޔުނިވަރސިޓީއިން ނިމިގެން އަންނާނެކަމުގައި ނަހާ އޮތީ އޭނާގެ ކައިރީގައި ބުނެފައެވެ.

ތިރިއަށް ގޮސް ޒަރޫންއަށް ޖެހުނީ ޓެކްސީއެއް ނަގާށެވެ. ސައިކަލު ހުރީ ހޮސްޕިޓަލު ކައިރީގައި ކަމަށްވާތީއެވެ. ޓެކްސީއެއް ލިބުމުން އެއަށް އަރައިގެން ޒަރޫން ދިޔައީ އޭނާގެ ސައިކަލު ނަގާށެވެ. އެއަށް ފަހު ދިޔައީ ގެއަށެވެ.

ފެންވަރައިލައިގެން އެނދުގައި އޮށޯވެލުމާ އެކު އޭނާއަށް ހޮސްޕިޓަލުގެ ބައެއް ހަނދާންތައް އާލާވާން ފެށިއެވެ. ފެންތަށި ނަހާއަށް ދޭންވެގެން އުޅުނު ވަގުތު ދެމީހުން އެހާ ގާތްވެލި ވަގުތު، ނަހާގެ ސޫރަ އޭނާއަށް ފެނިލީ ހިނދުކޮޅަކަށް ނަމަވެސް، ގާތުން އެ މޫނަށް ބަލައިލުމުގެ ފުރުޞަތު ޒަރޫންއަށް ލިބުނެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. މޭގައި ކުރިން ނުޖަހާ ގޮތަކަށް ވިންދެއް އުފަންވެލިއެވެ. އެ ވިންދުތަކުން ކުޅެވެމުން ދިޔަ ރާގާ އެކު އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދިންކަން ރަމްޒުކޮށްދިނީ ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުންނެވެ. މިހާރު ޒަރޫންގެ ހިތުގައި އުފެދެމުންދާ ޖަޒުބާތުތަކަކީ ހަޤީޤަތުގައި އޭނާއަށް އޭގެ މައްޗަށް އެއްވެސް ވަރަކަށް ބާރު ފޯރުވެމުން ދާ ޖަޒުބާތުތަކެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ އެތެރެ ހަށިވަނީ ހަލަބޮލިވެފައެވެ. ނަހާގެ ޚިޔާލުތަކުން ސިކުނޑި ވަނީ ފުނިޖެހިފައެވެ. ނަހާގެ ޙާލު ބަލައިނުލައި ނިދުމަކީ ޒަރޫންއަށް ކުރެވުނު ކަމަކަށް ނުވިއެވެ. ގަޑި ބަލައިލި އިރު އެގާރަ ޖަހަނީއެވެ. ނަހާ ނިދައިފާނެ ބާއޭ ހިތަށް އެރި ނަމަވެސް، ނަހާއަށް ވާހަކަ ދައްކައިނުލާ ޒަރޫންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެ ފަހުން އޭނާ ނަހާއަށް ގުޅައިލީ މެސެޖުކޮށްގެން ވާހަކަ ދައްކަން މިރޭ ނަހާއަށް އުނދަގޫވާނެކަން ވިސްނުމުންނެވެ.

ރިންގުވަމުން ދިޔަ އިރު ވެސް ނަހާ ފޯނެއް ނުނަގައެވެ. ނިދާފައި އޭ ހިތަށް އަރާފައި ފޯނު ކަނޑައިލަން އުޅުނު ވަގުތު އެ ކޮޅުން ހަލޯ އޭ ބުނެލައިފިއެވެ.

"ސޮރީ. ނިދާފައޮށްވާ ތަ މި ގުޅުނީ؟" ޒަރޫން އެންމެ ފުރަތަމަ ވެސް މާފަށް އެދުނެވެ.

"ނޫނޭ...." ނަހާ ބުނެލިއެވެ. "ކިހިނެއްވީ ތި ގުޅީ؟"

"މީ... ކަމެއްނުވޭ. ހަމަ ގުޅައިލީ. ކަމެއް ބޭނުންވޭތަ ނަހާ؟" ޒަރޫންއަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ.

"ނޫން. ޔޫލީ ވެސް ދާން އެ އުޅެނީ. ދިޔައިމަ ދެން ނިދާލާނީ." ނަހާ ބުނެލިއެވެ.

"އޯކޭ. ގުޑް ނައިޓް. ޓޭކް ކެއަރ!" ޒަރޫން މިހާރު ހުރީ ހިތްހަމަޖެހިފައެވެ. ނަހާގެ އަޑު އިވުމުން އެކަނި ވެސް އޭނާގެ ހިތަށް ފިނިކަން ލިބިގެން ހިނގައްޖެއެވެ.

"ޔޫ ޓޫ. ގުޑް ނައިޓް." ނަހާ ވެސް ބުނެލިއެވެ.

ފޯނު ކަނޑައިލުމަށް ފަހު، ހާމައަށް އޮތް މޭމަތީގައި ފޯނު ބާއްވައިގެން ޒަރޫންއަށް އިރުކޮޅަކު އޮވެވުނެވެ. ސީލިންގަށް ބަލަހައްޓައިގެން އޭނާ އޮތް އިރު، ލުއިހިނިތުންވުމެއް ތުންފަތް މަތީގައި ވިއެވެ.

*****

"ހާދަ ލޯބިންނޭ ގުޑް ނައިޓްއޭ ތި ކީ..." ސޯފާގައި އިން ޔޫލިއާ ނަހާއާ ދިމާކޮށްލިއެވެ. ނަހާ އޭނާއަށް ލޯ އަޅައިލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކިހިނެއްވީ؟ ދެން މާ ނޫންކަމަށް ހަދާނެކަމެއް ނެތް." ޔޫލިއާ ބުނެލިއެވެ. އޭނާ އިނީ ލާނެތްގޮތަކަށް ހިނިތުންވެލައިގެންނެވެ.

"ހީ އިޒް ޖަސްޓް އެ ފްރެންޑް..." ނަހާ ބުނެލިއެވެ.

އޭނާ ޤަބޫލުކުރަން ބޭނުންވަނީ ވެސް އެ ގޮތަށެވެ. އެ ދެމެދުގައި އޮތް ގުޅުން އެކުވެރިކަމަށް ވުރެ ގާތޭ ހިތް ބުންޏަސް އެކަން ޤަބޫލުކުރަން ނަހާ ބޭނުންނުވާފަދައެވެ. ނޫނީ އޭނާ ޖެހިލުންވަނީއެވެ. ނޫނީ އެކަމަށް އަދި ތައްޔާރު ނޫނީއެވެ. އެހެންނަމަވެސް، ޒަރޫން އޭނާއަށް ވަރަށް ޚާއްޞަވެއްޖެއެއެވެ. އެހެން އެއްވެސް މީހަކާ ގާތްނުވާ މިންވަރަށް ޒަރޫންއާ ގާތްވެވިއްޖެއެވެ. އެހެން އެއްވެސް މީހަކަށް ނޭނގޭ އެތަކެއް ކަމެއް ޒަރޫންއަށް އެނގިއްޖެވެސް މެއެވެ. އޭނާގެ ދިރިއުޅުމުގެ ޙާލަތު ޒަރޫން ނަގައިގަންނަނީ ވަރަށް ފަސޭހަކަމާ އެކުގައެވެ. ނަހާއަށް ވިސްނުމަކަށް ގެއްލިފައި އިނދެވުނު ސަބަބަކީ ވެސް އެއީއެވެ. ޒަރޫން ތަފާތުކަމުންނެވެ. އޭނާގެ މިޒާޖުގައި އެ ހުންނަ ސަކަކަމާއި ސަމާސާ ގޮތްގަނޑު ނަހާއަށް ކަމުދެއެވެ. އެހެން މީހުންގެ ނުތަނަވަސްކަން ފިލުވައިލުމަށް ޒަރޫން ވަރަށް ކުޅަދާނައެވެ. ފަހަރުގައި އެއީ އޭނާއަށް ލިބިފައިވާ ހުނަރަކީ ކަންނޭނގެއެވެ. ޒަރޫން އިތުރަށް ދަސްކުރަން ނަހާ ބޭނުންވާން ފެށިއެވެ. އޭނާއަށް ވިސްނުމަކަށް ގެއްލިފައި އިނދެވުނު އިރު، ޔޫލިއާ އިނީ ފާޑަކަށް ނަހާއަށް ބަލަހައްޓައިގެންނެވެ. ނަހާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު އޭނާ ގާތުން ދިރާސާކުރަމުން ދިޔައެވެ.

"އޭތް... ކިހިނެއްވީ؟ ހާދަވަރަކަށް ގެއްލިފައޭ ތީނީ؟" ނަހާ ސިހުނީ ޔޫލިއާ އޭނާގެ މޫނާ ދިމާލުގައި އަތް ހޫރައިލުމުންނެވެ.

"ކަ... ކަމެއް ނުވޭ..." ނަހާ ހަމަޖެހިލަން މަސައްކަތްކުރިއެވެ.

"އެކަމެއް ނޭނގެ." ޔޫލިއާ އަދި ވެސް ހުރީ ސަމާސާ މޫޑެއްގައެވެ. ނަހާ ޔޫލިއާގެ ގައިގައި ޖަހައިލުމުން، އޭނާ މައިތިރިވިއެވެ. އަމާން ދޭ ފަދައަކުން ދެއަތް ނަގައި ދައްކައިލި ނަމަވެސް، ޔޫލިއާގެ ތުންފަތް މަތީގައިވި ލާނެތް ހިނިތުންވުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

"މާދަން އަންނާނަން ދޯ!" ނަހާ ބުނެލިއެވެ. ޔޫލިއާ ބޯ ޖަހައިލިއެވެ. ޔޫލިއާ ދިޔައީ ނަހާއަށް ބޭސް ދިނުމަށް ފަހު، ހެދުމާ އެއްޗެހި ބަދަލުކޮށްލަދޭން އެހީތެރިވެދީފައެވެ. ނަހާ ވެސް އޮށޯވެލިއެވެ. އޭނާ ހުރީ ނިދާލަން ބޭނުންވެފައެވެ. ވަރުބަލިކަން ކޮންމެވެސް ވަރަކަށް އިޙްސާސްކުރެވެމުން ދިޔައެވެ. އެހެންނަމަވެސް، އެނދުގައި އޮށޯތުމާ އެކު، ޒަރޫންގެ ޚިލާލުތައް ގޯނާކުރަން ފެށިއެވެ. ޒަރޫންއާ ގާތްވެވުނު ވަގުތު ކޮޅު ކިތަންމެ ކުޑަ ނަމަވެސް، ހިތުގެ ތެޅުމަށް ބަދަލުތަކެއް އައިކަން ޚުދު ނަހާއަށް ވެސް އިޙްސާސްކުރެވުނެވެ. އޭނާއަށް އަމިއްލަ މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. ނިދުނީ ވެސް އެފަދަ ޚިޔާލުތަކެއްގައި އޮށްވައެވެ.

*****

ޖެހިގެން އައި ދުވަހު ވެސް ނަހާއަށް ކެފޭއަށް ދެވޭ ގޮތެއް ނުވިއެވެ. ހޭލި އިރު ކުޑަކޮށް ބޮލުގައި ރިއްސާފައި، އެނބުރުން އަރާގޮތްވެފައި ހުރުމުންނެވެ. ހިސާބުތައް ނިންމާ، އަނެއް ދުވަހަށް ކަންތައްތައް ތައްޔާރުކުރުމަކީ ނަހާ އަބަދު ވެސް ކުރާ ކަމެކެވެ. ކެފޭއަށް ވަދެ ނުލެވޭތާ ހަތަރު ދުވަސް ފާއިތުވެގެން ގޮސްފައިވާ އިރު ކެފޭގެ ކަންތައްތަކާ ދޭތެރޭ އޭނާ ހުރީ ކަންބޮޑުވެފައެވެ. ޔޫލިއާ ގާތުގައި ވެސް ބުނަން ނުކެރެނީ އޭނާ ޔުނިވަރސިޓީގައި ބުރަކޮށް އުޅޭތީއެވެ. ކެފޭގައި މަސައްކަތްކުރާ ޖެނީއަކީ ކަންތައްތަކަށް ވަރަށް ފަރުވާތެރި މުވައްޒަފެއް ނަމަވެސް، އޭނާއަކީ ބޭރު ކުއްޖެއްކަމުން ހުރިހައިކަމެއް އޭނާގެ އަތްމައްޗަށް ދޫކޮށްލަން، ނަހާގެ ޒަމީރު ދެކޮޅު ހަދަނީއެވެ. ދެން ހުރި ހަމައެކަނި މީހަކީ ޒަރޫންއެވެ. އެހެންނަމަވެސް، ޒަރޫން ގާތުގައި އެ ވާހަކަ ދައްކާނެ ގޮތެއް ނަހާއަކަށް ނޭނގުނެވެ.

ޔޫލިއާ ކާއެއްޗެހި ގެނެސްދީފައި ދިޔަފަހުން، ޒަރޫންގެ ފޯނު ކޯލެއް ނަހާއަށް ލިބުނެވެ. އޭނަ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ނަހާ! ކިހިނެއް؟" ޒަރޫން ސުވާލުކޮށްލިއެވެ.

"ރަނގަޅު." ނަހާއަށް އޭނާގެ މާޔޫސްކަން ސިއްރެއް ނުކުރެވުނެވެ. އެކަނިވެރިކަމުގެ އިޙްސާސް އޭނާއަށް މާ ބޮޑަށް ކުރެވެނީއެވެ.

"ކިހިނެއްވީ؟ ހާދަ މޫޑް އޮފްވެފަ؟" ޒަރޫން ވަގުތުން ނަހާގެ އަޑުން މާޔޫސްކަން ދެނެގަތެވެ.

"ކަމެއް ނުވޭ..." ނަހާ ބުނެލިއެވެ. ޒަރޫން ވެސް އެވަގުތު އިތުރަށް އެވާހަކައެއް ނުދައްކައެވެ. އޭނާ ސުވާލުކުރީ ނަހާ އެއްޗެއް ކައިފިތޯއެވެ. ނަހާ އާނއެކޭ ބުނެލުމަށް ފަހު، އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. ދެން އޭނާ ޒަރޫންއަށް ގޮވައިލައިފިއެވެ.

"ޒަރޫން!" ނަހާގެ އަޑުގައި ވަނީ މޮޅިވެރިކަމެކެވެ. ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން ޒަރޫން އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

"ކެފޭއަށް ދިޔައިންތަ؟" ނަހާ ސުވާލުކޮށްލިއެވެ.

"ކެފޭގަ މީނީ. ކޮފީއެއް ބޮނީ." ޒަރޫން ބުނެލިއެވެ.

"ކެފޭގެ ހުރިހާކަމެއް ރަނގަޅުތަ؟" ނަހާ ސުވާލުކޮށްލިއެވެ. ޒަރޫން އާނއެކޭ ބުނެލިއެވެ.

"ނަހާ މިކޮޅަށް އަންނަން ބޭނުންވީތަ؟ އަހަރެން... އަހަރެން ދާންވީތަ ބަލާ." އެހެން އަހައިލި އިރު ޒަރޫންގެ އަޑުގައި ޖެހިލުންވުމެއް ހުއްޓެވެ. ނަހާ އެކަމާ ދެކޮޅު ހަދަމުން އޭނާ ބޮލުގައި ރިއްސާ ވާހަކަ ބުނެލިއެވެ. ބޭސް ކެއިތޯ ޔަޤީންކުރުމަށް ފަހު ޒަރޫން ފޯނު ބޭއްވިއެވެ.

ނަހާގެ ޙާލު ބަލަން އެގެއަށް ދާން ޒަރޫން ހުރީ ކިތަންމެ ހާވެސް ބޭނުންވެފައެވެ. އެހެންނަމަވެސް، ޒަރޫން ޖެހިލުންވީ ނަހާ ހީކުރާނެ ގޮތެއް ނޭނގޭތީއެވެ. ކޮފީ ޖޯޑު ތުމުގައި ޖެހިތަނާ އޭނާގެ ފޯނު ރިންގުވިއެވެ. ނަގައި ބަލައިލި އިރު ގުޅަނީ ނަހާއެވެ. ޒަރޫން އަވަސްއަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. ނަހާ ބުނެލީ ޒަރޫން ބިޒީ ނޫނިއްޔާ އޭނާގެ ލެޕްޓޮޕް ގެނެސްދެވިދާނެތޯއެވެ. ޒަރޫން ވަގުތުން އެއްބަސްވިއެވެ. އެ ދުވަހު ވިއްސާރަވުމުން ނަހާ ދިޔައީ އޭނާގެ ލެޕްޓޮޕް ކެފޭގައި ބާއްވައިފައެވެ. ނަހާގެ އެދުމަށް ޒަރޫން ފޯނު ކަނޑާނުލާ ހުރެ ގޮސް ކައުންޓަރުކައިރީގައި މަޑުކޮށްލިއެވެ. އޭނާ ނަހާއޭ ބުނެ ފޯނު ޖެނީއަތަށް ދިއްކޮށްލިއެވެ. ނަހާ ބަލިވި ފަހުން ޖެނީ މުޅިން ވެސް ކުރަނީ ހެނދުނު ޑިއުޓީއެވެ.

ޖެނީ ގާތު ނަހާ ބުނީ އޭނާގެ ލެޕްޓޮޕް ދަބަހާއެކު ޒަރޫންއާ ހަވާލުކޮށްލުމަށެވެ. ޖެނީ ވެސް އާނއެކޭ ބުނެ އަނބުރާ ފޯނު ޒަރޫންއަތަށް ދެމުން ނަހާގެ ލެޕްޓޮޕް ދަބަސް ޒަރޫންއާ ހަވާލުކޮށްލިއެވެ. ލިބިއްޖެކަމުގައި ބުނެ ޒަރޫން ފޯނު ބޭއްވިއެވެ. އޭނާ ކެފޭއިން ނުކުމެގެން ސައިކަލަށް އަރާ ނަހާ އުޅޭ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ސައިކަލު ޕާކުކޮށްލާފައި ފައިބައިގެން ގޮސް ޒަރޫން، ދޮރޯށި ކައިރީގައި މަޑުކޮށްލިއެވެ. އޭނާ ބެލްއަޅައިލަން އުޅެފައި ވެސް ނަހާއަށް ގުޅައިލިއެވެ.

"މި ހުޅުވަނީ..." އެހެން ބުނެލިތާ އިރުކޮޅެއް ނުވެ ދޮރު ހުޅުވިއްޖެއެވެ. ޒަރޫން އެތެރެއަށް ވަދެ ލިފްޓުން މައްޗަށް އެރި އިރު ނަހާ ހުރީ އޭނާގެ އެޕަރޓްމެންޓުގެ ދޮރު ހުޅުވައިލައިގެން ޒަރޫންގެ އިންތިޒާރުގައެވެ. ޒަރޫން ފެނުމާ އެކު ޝުކުރު އަދާކޮށްފައި ނަހާ ހިނިތުންވެލިއެވެ. ޒަރޫންގެ އަތުގައި އޮތް ލެޕްޓޮޕް ދަބަސް އަތުލުމާ އެކު ޒަރޫން އޭނާއަށް ފުންކޮށް ބަލައިލިއެވެ. ނަހާގެ މޫނުމަތިން ކަމެއް ދެނެގަންނަން އޭނާ މަސައްކަތްކުރަމުން ދިޔަ ފަދައެވެ.

"މިހާރު އޯކޭތަ؟" ޒަރޫން ސުވާލުކޮށްލުމާ އެކު ނަހާ ބޯ ޖަހައިލީ ބޭސްކެއިފަހުން ތަދު މަޑުކަމުގައި ބުނަމުންނެވެ.

"ކެފޭގެ ކަންތައްތަކާ ކަންބޮޑު ވެފަ ދޯ ތި ހުންނަނީ؟" ޒަރޫން ބުނެލިއެވެ. ނަހާ ބޯ ޖަހައިލީ އާނއެކޭ ބުނެލުމުގެ ގޮތުންނެވެ.

"އަހަރެންގެ ހެލްޕެއް ބޭނުންތަ؟ ނަހާ ބޭނުންވަންޏާ އައި ކޭން ހެލްޕް ޔޫ..." ޒަރޫން ހުށައެޅިއެވެ. ނަހާއަށް ބުމަ އަރުވައިލަމުން ޒަރޫންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

"ކިހިނެއްވީ؟ އަހަންނަށް ޓްރަސްޓްނުކުރެވެނީތަ؟" ޒަރޫން ހީނލިއެވެ.

"އެހެންނެއް ނޫން... އެކަމަކު ޒަރޫންއަށް އެނގޭނެތަ؟" ނަހާއަށް ބުނެވުނެވެ.

"ނަހާ ކިޔައިދނީމަ އެ ކިޔައި ދޭ ގޮތަކަށް އަހަންނަށް ވެސް ކަންތައްކުރެވިދާނެ. ހިސާބުތައް ނިންމަން ހެލްޕެއް ބޭނުންވަންޏާ އެކަން ވެސް ކޮށްދެވިދާނެ. ސްޓޮކް ބަލަހައްޓާ ގޮތް ކިޔައި ދިނީމަ އެކަން ވެސް ކުރެވިދާނެ. ކޮފީ ގިރަން އެނގޭނެ. އެކަމަކު އަހަންނަށް ނުވާނެކަމެއް އޮންނާނެ!" ޒަރޫން ބުނެލިއެވެ. ނަހާއަށް ބުމަ އަރުވައިލެވުނީ ގަސްތަކު ނޫނެވެ.

"އަހަންނަކަށް ކެފޭއަށް ލާ އެއްޗެހިން ކޮންމެ އެއްޗެއް ވަކިވަކިން ނުވެއް ގުނޭނެ." ޒަރޫންގެ ހިނިތުންވުން ވެސް އެހެން ބުނެލި އިރު ފުޅާވެލިއެވެ.

ނަހާ ގާތަށް ހިނިއައެވެ. ޒަރޫން ވާހަކަ ދައްކަމުން ދިޔަ ގޮތުން އޭނާގެ ނުތަނަވަސްކަން ކުޑަ ހިނދުކޮޅަކަށް ވެސް ފިލައިގެން ދިޔައެވެ. ދޮރު ބޮޑަށް ހުޅުވައިލަމުން، އޭނާ ޒަރޫން ވަންނަން ދަޢުވަތު ދިނެވެ. ޒަރޫން އެތެރެއަށް ވަނެވެ. އޭނާ ގޮސް ސޯފާގައި އިށީނދެލިއެވެ. ނަހާ ވެސް ލެޕްޓޮޕް ދަބަސް ގެންގޮސް ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓައިލިއެވެ.

"ސީރިއަސްކޮށޭ. އަހަންނަށް ހެލްޕް ވެވިދާނެއޭ..." ޒަރޫން އަނެއްކާ ވެސް ބުނެލިއެވެ. އޭނާ ނަހާއަށް ޔަޤީންކަން ދޭން ބޭނުންވީ އޭނާގެ ވާހަކަތައް ނަހާ ސީރިއަސްކޮށް ނުނަގާހެން ހީވުމުންނެވެ.

ޒަރޫން ބިޒީއެއްނުވާނެތަ؟" ނަހާ ސުވާލުކޮށްލިއެވެ.

"ބިޒީ ވިޔަސް އެވަރުކަމެއް ކޮށްލެވިދާނެއެއްނު." ޒަރޫން ބުނެލިއެވެ.

"އަހަރެން ބޭނުންކުރާ ސޮފްޓް ވެއަރ ހުންނާނެ ލެޕްޓޮޕަށް އަޅާފަ ވެސް. އެހެންވީމަ، ގޭގަ ހުރެގެންވެސް ބައެއް ކަންތައްތައް ބަލައިލެވޭނެ. ދެން ކެފޭއިން ބަލަން ޖެހޭ ކަންތައްތައް ޖެނީއަށް ގުޅައިގެން ބަލައިލާނީ..،" ނަހާ ބުނެލިއެވެ. " މިރޭއިން ފެށިގެން ކޮންމެ ރެއަކު ވެސް ނިމޭ ގަޑިއަށް ކެފޭއަށް ގޮސްލަން މި ވިސްނަނީ."

ނަހާ ބޭނުންވަނީ އެއްވެސް މީހެއްގެ އެހީއާ ނުލާ ހުރިހާކަމެއް ވެސް އެކަނިމާ އެކަނި ކުރަން ކަން އެހިނދު ޒަރޫންއަށް ދެގަނެވުނެވެ. ނަހާގެ ހިތްވަރާ މެދު އޭނާ ފަޚުރުވެރިވިއެވެ. އެހެންނަމަވެސް، ބައެއް ޙާލަތުގައި އަނެކާގެ އެހީތެރިކަމަށް އެދުމަކީ ތިމާ ބަލިކަށިވުން ނޫންކަމުގައި ނަހާއަށް ވިސްނައިދޭން ޒަރޫން ބޭނުންވިއެވެ.

"އެހެންމީހެއް ކައިރިން ހެލްޕަށް އެދުމަކީ މައްސަލައެއް ނޫނޭ،" ޒަރޫން ވާހަކަ ދެއްކިއެވެ. "ދުނިޔޭގަ އެއްވެސް އިންސާނަކަށް އެކަންޏެއް ނޫޅެވޭނެއެއްނު. އެހީތެރިކަން ބޭނުންވީމަ ޖެހޭނެ އެހެން މީހުން ކައިރީ ވެސް ބުނަން."

"އަސްލު، ކުރިން ފެށިގެން ހުރިހާކަމެއް އެކަނި ކުރަން އާދަވެފަ ހުރީމަ." ނަހާ ބުނެލިއެވެ. ނަހާގެ ވާހަކައަށް ދޭކެ ރައްދަކާ ދޭތެރޭ ޒަރޫންއަށް ވިސްނައިލެވުނެވެ. އޭނާއަށް ނަހާއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ކިހިނެއްކަމާ މެދު ސިކުނޑީގެ ތެރޭގައި ބަހުސެއް ކުރެވުނެވެ.

"އަސްލު ވެސް އެއްވެސް ހެލްޕެއް ބޭނުމެއް ނޫން؟" ޒަރޫންއަށް އަނެއްކާ ވެސް އަހައިލެވުނެވެ. ނަހާގެ ޚިޔާލެއް ބަދަލުވޭތޯއެވެ.

"ނޫން އިޓްސް އޯކޭ. އައިލް މެނޭޖް." ނަހާ ދެކޮޅު ހެދިއެވެ. ޒަރޫން ނަހާއަށް ބަލަހައްޓައިގެން އިނެވެ. ނަހާ އެހެން މީހެއްގެ އިޙުސާންތެރިކަން ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ އެހެންމީހެއްގެ މަދަދު ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ ހިތުން ރުހުމުން ދޭ އެހީތެރިކަން ވެސް ބަލައިނުގަންނަނީ ކީއްވެހެއްޔެވެ؟ އެ ސުވާލުތަކާ އެކު ކަމްރާންގެ މަތިން ހަނދާންވިއެވެ. ބައްޕައަކީ ރާއްޖޭގެ މަހުޖަނަކަށްވާއިރު އާދައިގެ މީހެއްގެ ގޮތުގައި ނަގާ އުޅެނީ ކީއްވެހެއްޔެވެ؟ ނަހާގެ ކިބަޔަކު ދެއްކުން ތެރިކަމެއް ނުހުރެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ހުރިހާކަމެއް ބަލަހައްޓަމުން އެ ދަނީ އަމިއްލައަށެވެ. ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނެތިއެވެ. ނަހާގެ މާޒީގެ އިތުރުން ނަހާ އިތުރަށް ދަސްކުރަން ޒަރޫން ބޭނުންވިއެވެ. އޭނާ ހިމޭންވެފައި އިންނަން ފެށުމުން ނަހާ ގޮވައިލިއެވެ.

"ޒަރޫން... ކިހިނެއްވީ؟" ނަހާ އަހައިލިއެވެ.

"ނޫނޭ. ކަމެއް ނުވޭ." ޒަރޫން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ހެނދުނު މަސައްކަތެއް ނެތީތަ؟" ނަހާ ދެވަނަ ސުވާލެއް ކޮށްލިއެވެ.

"ނޫނޭ. ދެން ދާންވީ. އެކަމަކު ކަމެއް ބޭނުމިއްޔާ އަހަންނަށް ގުޅާލައްޗޭ!،" ޒަރޫން ނަހާއަށް ބަލައިލިއެވެ. "އެހެން މި ބުނީ ޔޫލިއާ ވެސް ބިޒީވީމަ."

ސަބަބަކީ އެއީކަމުގައި ޒަރޫން ތަފްސީލްކޮށްލަ ދިންނަމަވެސް، ހަޤީޤަތަކީ އޭނާ ނަހާއާ މެދު ކަންބޮޑުވެފައިވާކަމެވެ.

ޒަރޫން ގޮސް ނުކުތުމުން ދޮރު ލައްޕާފައި އައިސް ސޯފާގައި ހަމަޖެހިލާ، ނަހާ ލެޕްޓޮޕް ހުޅުވައިލިއެވެ. އެއް އަތުން މަސައްކަތްކުރަން ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. ސޯފާގައި ލެނގިލެވުނީ އެހެންވެގެންނެވެ. ޒަރޫންގެ އެހީތެރިކަމަށް އެދެންވީ ބާއޭ ނަހާގެ ހިތަށް އެ ވަގުތު އެރިއެވެ. އެހެން މީހަކަށް ބަރޯސާ ވުމަކީ އޭނާ މީގެ ކުރިން ދުވަހަކު ވެސް ކުރިކަމެއް ނޫނެވެ. ދިރިއުޅުމުގައި މީހަކަށް ބަރޯސާވުމަކީ ފަހުން އެކަމުގެ ހިތިކަން ތަޙައްމަލްކުރަން ޖެހިދާނެކަމެއްގައި ނަހާއަށް ވިސްނެނީއެވެ. ބިރުގަންނަނީ އެހެންވެގެންނެވެ. އެހެން މީހުންނަށް އޭނާގެ އެއްވެސް ބަލިކަށި ސިފައެއް ފެންނާކަށް ނަހާ ބޭނުމެއް ނޫނެވެ. ހިތްދަތިކަމާއި، ވޭންތައް ހިތުގެ އެންމެ ފުނުގައި ވަޅުލާފައިވާ ސަބަބަކީ ވެސް އެއީއެވެ. ދެރައީ ބައެއްފަހަރު އެ އިޙްސާސްތަކުގެ މައްޗަށް ބާރު ނުފޯރުވޭތޯއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް، ބައެއް ހަނދާންތަކުން އޭނާއަށް އިންތިހާ ތަކުލީފުތައް ދޭތީއެވެ. ލޯ ފެންކަޅިވެދާނެހެން ހީވުމާ އެކު، އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ޒަރޫން ލިފްޓުން ތިރިއަށް ގޮސް ބޭރު ދޮރު ހުޅުވައިލި ވަގުތު ހުއްޓުން އެރިއެވެ. ބޭރުގައި ހުރި މީހެއްގެ ސަބަބުންނެވެ.

މީހަކު ދޮރު ހުޅުވައިލުމާ އެކު ފޯނަށް ބަލަހައްޓައިގެން ހުރެފައި އެމީހަކު ވެސް ޒަރޫންއަށް ބަލައިލައިފިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު