ހަނިމާދޫގައި ހަދާ ބައިނަލްއަގްވާމީ އެއާޕޯޓް ބޮޑުކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ޖެހިދާނެ: އަލީ ހާޝިމް

14:30


ހދ. ހަނިމާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އެއާޕޯޓްގެ ބޮޑުކުރަން ބޭނުންވެއްޖެ ހިނދެއްގައި، ހަނިމާދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.


ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ހިންގާ އެކިއެކި ޕްރައިވެޓައިޒޭޝަން ޕްރޮގްރާމްގެ ދަށުން އެ ހިދުމަތެއް ހިންގުމަށް އެއްބަސްވާ ފަރާތްތަކާއެކު ސަރުކާރުންވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ފަޅުރަށްތަކާއި ބިންތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނަކީ ކޮބައިތޯ އަދި އެތަންތަން ދިނުމަށް ހަމަޖައްސާފައިވާ އުސޫލަކީ ކޮބައިތޯ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ މުހައްމަދު ނަޝީދު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަދި ހދ. ހަނިމާދޫގައި އެއާޕޯޓެއް ތަރައްޤީ ކުރުމަށް އިންޑިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް 6،000 އެނދު ތިލަދުންމަތިން ދިނުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ސަރުކާރުގެ އިސްބައެއް ފަރާތްތަކުން ހާމަކުރައްވާފައި ވާތީ އެކަމުގެ ތަފްސީލް ދެއްވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ. މީގެ އިތުރުން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ހަނިމާދޫ އެއްކޮށް ދޭން އުޅޭ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ހަނިމާދޫގެ ރައްޔިތުންނާ މެދު ކަންކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ކޮންގޮތަކަށްތޯ ވެސް މަޖިލީހުގެ އެހެން ބައެއް މެންބަރުން ސުވާލުކުރެއްވި އެވެ.


މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ އަލީ ހާޝިމް މިއަދު ވިދާޅުވީ ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ ޕީޕީޕީގެ ދަށުން ގެންނަ ޕްރައިވެޓް ކުންފުނިތަކަށް ހިއްސާކުރެވޭ ގޮތަކަށް ޕްރައިވެޓައިޒޭޝަންގެ ޕްރޮގްރާމްތައް ހުޅުވާލުން ކަމަށެވެ. އެގޮތުން ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ދީފައިވާ މުއްދަތުގައި އެފަރާތުން ފުރަތަމަ ހުށަހަޅާ ކަރުދާސްތަކުގައި 20-10 އަހަރަށް ކުއްޔަށްދޭ މުއްދަތުގެ ތެރޭގައި ރާވައި ހިންގަންޖެހޭ ވަރަށް ރާވައިގެން ހަނިމާދޫ އެއާޕޯޓް ބޮޑުވެގެންދާނެ ކަމުގައި ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި އެ ދުވަސް ހަމަވާއިރު އެ ސަރަހައްދު ބޮޑުކުރަން ބޭނުންވެއްޖެ ކަމަށްވާނަމަ އޭރުން އެބަދަލު ގެންނަން ޖެހިދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުންޏަށް 6،000 އެނދު ތިލަދުންމަތިން ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.


ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ފިނޭންސް މިނިސްޓްރީން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ އާއި އެ ކަންތައްތައް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އެނގުމުގެ ކުރިން އިދިކޮޅު ފަރާތްތަކަށް އެނގެމުންދާތީ އެކަމާ ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރެއްވިއިރު، މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އިދިކޮޅު ބައެއް މެންބަރުން ވަނީ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމަށް ފާޑުވިދާޅުވެ ސަރުކާރުންދޭ ހިދުމަތްތަކާއި ތަންތަން ޕްރައިވެޓައިޒްކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ބޮޑު ބައެއް ގެއްލިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު