މިދިޔަ ކުއާޓަރުގައި އެމްއައިބީގެ ސާފު ފައިދާ 133 މިލިއަނަށް، 19.4 އިންސައްތައިގެ ކުރިއެރުމެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް މިދިޔަ ކުއާޓަރުގައި ވަނީ 133 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައި -- ފޮޓޯ/ އެމްއައިބީ

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ސާފު ފައިދާގެ ގޮތުގައި 133 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް، އެ ބޭންކުގެ މިދިޔަ ކުއާޓަރުގެ ރިޕޯޓުން ދައްކައިފިއެވެ.

އެމްއައިބީގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 111.42 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 133 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން ދެވަނަ ކުއާޓަރަށް ވުރެ 19.4 އިންސައްތަ އިތުރަށް މިދިޔަ ކުއާޓަރުގައި އެމްއައިބީއަށް ފައިދާވެފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެމްއައިބީގެ އެސެޓު ވަނީ ދެވަނަ ކުއާޓަރަށް ވުރެ މިދިޔަ ކުއާޓަރުގައި 5.15 އިންސައްތަ އިތުރުވެފައެވެ. ދެވަނަ ކުއާޓަރުގައި އެމްއައިބީގެ އެސެޓު 19.31 ބިލިއަން ރުފިޔާގައި ހުރިއިރު އެ އަދަދު ވަނީ ތިންވަނަ ކުއާޓަރުގައި 20.30 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އެމްއައިބީއަށް އެ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 92.39 މިލިއަން ރުފިޔާއެވެ. އަދި އެސެޓުގެ ގޮތުގައި ހުރީ 14.95 ބިލިއަން ރުފިޔާގެ ހަރު މުދަލެވެ. އެހެންކަމުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު އެމްއައިބީގެ އެސެޓަށް 35.8 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވެއެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާއަށް 44 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވެއެވެ.

އިތުރު ހިސާބުތަކަށް ބަލާއިރު އެމްއައިބީއަށް މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 296.89 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބުނު 284.60 މިލިއަން ރުފިޔާއަށް ވުރެ 4.32 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެމްއައިބީއަށް ލިބުނު 229 މިލިއަން ރުފިޔާއަށް ވުރެ 29.6 އިންސައްތަ އިތުރު އަދަދެކެވެ.

އޭގެ އިތުރުން މިދިޔަ ކުއާޓަރުގައި ކަސްޓަމަރުން 17.16 ބިލިއަން ރުފިޔާ ބޭންކަށް ޖަމާކޮށްފައިވާ ކަމަށް ވެސް އެމްއައިބީގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކައެވެ. އެއީ ދެވަނަ ކުއާޓަރުގައި ކަސްޓަމަރުން ޖަމާކުރި އަދަދު ކަމަށްވާ 16.22 ބިލިއަން ރުފިޔާއަށް ވުރެ 5.77 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖަމާކުރި 12.11 ބިލިއަން ރުފިޔާއަށް ވުރެ 41.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަމަ އެހެންމެ މިދިޔަ ކުއާޓަރުގައި ފައިނޭންސިން 9.48 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ވެސް އެމްއައިބީގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައިވެއެވެ. އެއީ ދެވަނަ ކުއާޓަރުގައި ފައިނޭންސިން ހުރި އަދަދު ކަމަށްވާ 9.01 ބިލިއަން ރުފިޔާއަށް ވުރެ 5.22 އިންސައްތަ އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ފައިނޭންސިން ހުރި އަދަދު ކަމަށްވާ 7.07 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 34.1 އިންސައްތައިގެ ކުރިއެރުމުކެވެ.

ޑިޖިޓަލް ބޭންކިން އަށް ބަލައިލާއިރު މިދިޔަ ކުއާޓަރުގައި އެމްއައިބީގެ މޯބައިލް އަދި އިންޓަނެޓް ބޭންކިންއަށް 14.5 މިލިއަނަށް ވުރެ ގިނަ ފަހަރު ކަސްޓަމަރުން ވަދެފައިވާ ކަމަށް ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައިވެއެވެ. އެއީ ދެވަނަ ކުއާޓަރުގައި އެމްއައިބީގެ މޯބައިލް އަދި އިންޓަނެޓް ބޭންކިންއަށް ކަސްޓަމަރުން ވަތް އަދަދު ކަމަށްވާ 13.5 މިލިއަނަށް ވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.

ބޭންކުގެ އޭޓީއެމްތަކުގައި 570,000 އަށްވުރެ ގިނަ މުއާމަލާތާއި 2.9 މިލިއަނަށް ވުރެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) މުޢާމަލާތުގެ އިތުރުން ކާޑުތަކުން 4.01 މިލިއަނަށް ވުރެ ގިނަ މުޢާމަލާތް މި މުއްދަތުގައި ރެކޯޑުކުރެވިފައިވާ ކަމަށް ވެސް އެމްއައިބީގެ ރިޕޯޓުގައިވެއެވެ.

އެމްއައިބީން ބުނީ މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށާއި މާލީ ޚިދުމަތްތައް ފުޅާކުރުމަށާއި ޑިޖިޓަލް ބޭންކިންގެ ގާބިލުކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމަށް ކަމަށެވެ.

comment ކޮމެންޓް