އުމުރުން 90 އަހަރުގެ ޖަޕާނު ބޮޑީބިލްޑަރު މުޅި ދުނިޔެ ހައިރާންކޮށްލައިފި

ޖަޕާނުގެ 90 އަހަރުގެ ބޮޑީބިލްޑަރު ތޮޝިސުކެ ކަނަޒާވާ--

އުމުރަކީ ހަމައެކަނި އަދަދެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެމުންދާ ޖަޕާނުގެ ބޮޑީބިލްޑަރު ތޮޝިސުކެ ކަނަޒާވާ، އުމުރުން 90 އަހަރުގައި އަނެއްކާވެސް މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ.

ސްޕެއިންގެ ސަންތާ ސުސާނާގައި ބޭއްވި އައިއެފްބީބީ ވޯލްޑް ފިޓްނަސް އެންޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި، ތަޖުރިބާކާރު ބޮޑީބިލްޑަރުންނާޢި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކަނަޒާވާގެ ވަރުގަދަ ހަށިގަނޑު ދައްކާލުމާއެކު، މުޅި ސްޓޭޖު ގުގުމައިގެން ދިޔައީ ތަރުޙީބުގެ އަޑުންނެވެ.

މި ބޮޑު މުބާރާތުގައި އޭނާ ދައްކައިދިނީ ހަމައެކަނި ކުޅިވަރުގެ ހުނަރެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް އިންސާނާގެ ހިތްވަރާއި އަޒުމަށް ބަދަލެއް ނާންނާނެކަން ސާބިތުކޮށްދިން ވަރުގަދަ މެސެޖެކެވެ.

1936 ވަނަ އަހަރު ޖަޕާނުގެ ޝިމާނޭ ޕްރިފެކްޗާއަށް އުފަންވި ކަނަޒާވާގެ ބޮޑީބިލްޑިން ދަތުރަކީ ކުޅިވަރުގެ ތާރީޚުގައި ރަންއަކުރުން ފެވިފައިވާ ސަފުހާއެކެވެ.

އުމުރުން އެންމެ 24 އަހަރުގައި 1960 ވަނަ އަހަރު "މިސްޓަ ޖަޕާން" ގެ ޝަރަފުވެރި ލަގަބު އޭނާ ފުރަތަމަ ފަހަރަށް ހޯދިއިރު، އޭގެ ތިން އަހަރުފަހުން އަނެއްކާވެސް އެ މެޑަލް ކާމިޔާބުކުރިއެވެ.

ޖަޕާނުގެ 90 އަހަރުގެ ބޮޑީބިލްޑަރު ތޮޝިސުކެ ކަނަޒާވާ--

މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް އެންމެ ބޮޑަށް ހުއްޓުނީ 1967 ވަނަ އަހަރު މޮންރިއާލްގައި ބޭއްވި "މިސްޓަ ޔުނިވަސް" މުބާރާތުގައި ބޮޑީބިލްޑިންގެ ތާރީޚީ ލެޖެންޑުން ކަމަށްވާ ސާޖިއޯ އޮލިވާ އާއި އާނޯލްޑް ޝްވާޒަނޭގަ ފަދަ ވަރުގަދަ އެތުލީޓުންނާއެކު ވާދަކޮށް މުބާރާތުގެ 4 ވަނަ ހޯދި ހިސާބުންނެވެ. އެއީ އޭޝިއާގެ އެތުލީޓަކަށް އެ ދުވަސްވަރު ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ނަމަވެސް ކަނަޒާވާގެ ދިރިއުޅުމުގެ އެންމެ އާދަޔާޚިލާފު ބާބު ފެށުނީ އޭނާގެ އުމުރުން 30 ގެ އަހަރުތަކުގެ ތެރޭގައި ކުޅިވަރުން ރިޓަޔާކުރުމަށްފަހުއެވެ.

ގާތްގަނޑަކަށް 20 އަހަރުގެ ދިގު މުއްދަތަކަށްފަހު، އުމުރުން 50 އަހަރުގައި އޭނާ އަލުން ބޮޑީބިލްޑިންގެ ތެރެއަށް އެނބުރި އައީ އޭނާގެ އަންހެނުންނަށް ޖެހުނު ބައްޔަކާ ގުޅިގެން އޭނާއަށް ހިތްވަރުދީ، ދިރިއުޅުމުގެ އުއްމީދު އާކޮށްދިނުމުގެ މަގުސަދުގައެވެ.

ޖަޕާނުގެ 90 އަހަރުގެ ބޮޑީބިލްޑަރު ތޮޝިސުކެ ކަނަޒާވާ--

އަލުން ކަސްރަތު ކުރަންފަށައި، ހަށިގަނޑު ކުރީގެ ހާލަތަށް ބަދަލުކޮށް، އުމުރުން 80 އަހަރުން މަތިވި ފަހުންވެސް އޭނާ ވަނީ ވޯލްޑް މާސްޓާސް މުބާރާތްތަކުން ގިނަ ރަންމެޑަލްތަކެއް ހޯދާފައެވެ. ސްޕެއިންގެ ސްޓޭޖަށް އެރުމުގެ މަދު ދުވަސްކޮޅެއް ކުރިން، ޖަޕާނުގެ މާސްޓާސް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ 85 އަހަރުން މަތީގެ ކެޓަގަރީ ކާމިޔާބުކޮށް، އޭނާ ވަނީ 19 ވަނަ ފަހަރަށް ޖަޕާނުގެ ގައުމީ ލަގަބު އުފުލާލާފައެވެ.

އުމުރުން 90 އަހަރުގައިވެސް މިފަދަ ވަރުގަދަ ހަށިގަނޑެއް ދަމަހައްޓައި، މުޅި ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ސިއްރަކީ އޭނާގެ އާދަކާދައާއި ދިރިއުޅުމުގެ އާދަތަކެވެ.

ހަފްތާއަކު 6 ދުވަހު ގަވާއިދުން ޖިމްގައި ވަގުތު ހޭދަކުރާއިރު، އޭނާގެ ކެއިންބުއިމުގެ އާދަތައް ބައްޓަންވެފައިވަނީ ޖަޕާނުގެ ކާނާގެ މައްޗަށެވެ. އެގޮތުން ބްރައުން ރައިސް، ސޯޔާބީންސް އަދި މިސޯ ސޫޕް ފަދަ ތަކެތި އޭނާގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނެއެވެ.

ސްޕެއިންގެ ސްޓޭޖުން ފެނިގެންދިޔަ ކަނަޒާވާގެ މި ހިތްވަރަކީ، ކުޅިވަރުގެ މައިދާނުގައި އުމުރަކީ ހުރަހެއް ނޫންކަމާއި، ވަރުގަދަ އަޒުމަކާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ އުމުރެއްގައިވެސް އާދަޔާޚިލާފު ކާމިޔާބީތަކާ ހަމައަށް ވާސިލްވެވިދާނެކަމުގެ ދިރިއުޅޭ މިސާލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު