ފުރަތަމަ ވޯލްޑް ކަޕް މޮޅާއެކު ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމު ތާރީޚުގެ ތެރެއަށް

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރި ރާއްޖޭގެ ޖޫނިއާ ގައުމީ ފުޓުބޯޅަ ޓީމާއި އޮފިޝަލުންނާއެކު އެފްއޭއެމުގެ ރައީސް--

އަޒަރުބައިޖާނުގައި ކުރިއަށްދިޔަ 15 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގެ ފަހު މެޗުގައި، ބްރިޓިޝް ވާޖިން އައިލެންޑްސްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައި، ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ތާރީޚީ މޮޅަކާއެކު މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުން ވާދަކުރި މި ޓީމު، 189 ގައުމު ބައިވެރިވި މި ބޮޑު މުބާރާތް ނިންމާލާފައިވަނީ 159 ވަނަ ރޭންކިންގް ހޯދައިގެންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނުނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ދެކުނު އެފްރިކާ، ފްރާންސް، އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއާ ދެކޮޅަށް ރާއްޖެއިން ފަސް މެޗު ކުޅުނުއިރު، މި މެޗުތަކުން ބަލިވި ނަމަވެސް އަންގީލާއާ ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން ވަނީ އެއްވަރުކޮށްފައެވެ.

ގްރޫޕް ސްޓޭޖަށްފަހު ކުރިއަށްދިޔަ ރޭންކިން މެޗުތަކުގެ ތެރެއިން ފަހު މެޗުގައި ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ޒުވާން ފުޓްބޯޅައިގެ މުސްތަޤުބަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ފީފާގެ މެމްބަރު ހުރިހާ ޤައުމަކަށް ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުޞަދުގައި، މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ފާސްކުރި މި މުބާރާތުގެ ފުރަތަމަ އެޑިޝަނުގައި ވާދަކޮށްފައިވަނީ ހަމައެކަނި ފިރިހެން ކުދިންގެ ޓީމުތަކެވެ.

މުބާރާތުގެ ދެވަނަ ފޭސްގެ ގޮތުން އަންނަ އަހަރު މި މުބާރާތް ޚާއްސަކުރާނީ އަންހެން ކުދިންގެ ޓީމުތަކަށެވެ. އަދި 2028 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފިރިހެން އަދި އަންހެން ކުދިންގެ މުބާރާތް ވަކިވަކިން، އެއް ދުވަސްވަރެއްގައި ކުރިއަށްގެންދިއުމަށް ފީފާއިން ވަނީ ރާވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު